ޣައްސާންގެ ކެންޑިޑެސީ ފޯމް އީސީއަށް ހުށަހަޅައިފި

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ތ. ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު މއ. ކިނބިގަސްދޮށުގޭ މުޙައްމަދު ޣައްސާން މައުމޫން އޭނާގެ ކެންޑިޑޭސީ ފޯމު އާދީއްތަދުވަހު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

ޕީޕީއެމުން ވިދާޅުވަނީ ޣައްސާންގެ ކެންޑިޑެސީ ފޯމާއި އެއާއެކު ހުށަހަޅަންޖެހޭ ތަކެތި ޗެކް ކުރެއްވުމަށްފަހު އިލެކްޝަންސް ކޮމިޝަނުންވަނީ ޣައްސާންގެ ކެންޑިޑޭސީ ބަލައިގެންފައި ކަމަށެވެ.

ޣައްސާން ވަނީ ވަރަށްފަހުން ވެސް ގުރައިދޫ ދާއިރާއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ޙާލުއަޙުވާލު ބައްލަވައިފައެވެ. ޣައްސާންގެ ކެމްޕޭން ޓީމުން ބުނެފައިވަނީ ގުރައިދޫ ދާއިރާއިން ޣައްސާނަށް ވަރަށްބޮޑު ތަރުޙީބެއް ލިފައިވާ ކަމަށެވެ. ޣައްސާނަކީ ރައްޔިތުންގެ އިޙުސާސް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ، ރައްޔިތުންނާ ގުޅޭ ބޭފުޅެއްކަން އެދަތުރުން ވެސް ހާމަވެފައިވާ ކަމަށް އެޓީމުން ބުންޏެވެ.

ޣައްސާން މައުމޫނަކީ ޕީޕީއެމްތެރޭގައި އުފެދުނު މައްސަލަތަކެއްގެ ތެރެއިން އެމަނިކުފާނުގެ ބައްޕާފުޅު ރައީސް މައުމޫން އެޕާޓީން ވަކި ކުރެއްވުމުން ވެސް ސާބިތުކަމާއެކު އެނާގެ ބޮޑު ބޭބެ އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަރިހު އަދިވެސް ސާބިތުކަމާއެކު ހުންނެވި ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ތ. ތިމަރަފުށީ ދާއިރާއަށް ވެސް ވާދަކުރައްވައިފައެވެ. އެފަހަރު ދެ ފަހަރެއްގެ މަތިން ވޯޓުލައިގެން ވެސް ކާމިޔާބު ކުރެއްވީ ޣާއްސާނުގެ އޭރުގެ ވާދަވެރިޔާ މުޙައްމަދު މުސްތަފާއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.