މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިފި

މިއަހަރު އޭޕްރިލް މަހު 6 ވަނަ ދުވަހު ބޭއްވުމަށް ހަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާ ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސްކޮމިޝަން (އީސީ) އިއްޔެ އެފުރުސަތު ހުޅުވައިފިއެވެ. ރީރަޖިސްޓްރީވާން ހުޅުވާލައިފައިވާ މުއްދަތު ހަމަވާނީ އަންނަ މާރިޗް މަހުދެވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެއަށްވުރެ މުއްދަތު އިތުރުކުރެވެންނެތް ކަމަށެވެ. އިތުރުކޮށްފި ނަމަ ޤާނޫނީ މައްސަކަތަކެއް ވެސް ނުކުންނާނެ ކަމަށް އީސީގެ މެމްބަރ އަދި ތަރުޖަމާނު އަޙުމަދު އަކުރަމް ވިދާޅުވިއެވެ.

މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހެޅޭނީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި ކަމަށް ވެސް އިލެކްޝަނުން ވިދާޅުވިއެވެ.

ރީރަޖިސްޓްރީ ވާން އެދި ހުށަހަޅާ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި މާލޭ ސިޓީގައި ނަމަ އިންތިޚާބާ ބެހޭ ބައު ޖަމާލުއްދީނުގައި ހުންނަ އިންތިޚާބާބެހޭ މަރުކަޒުންނެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެ ކަމަށް އީސީން ވިދާޅުވެފައިވެއެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރީރަޖިސްޓަރީ ކުރުން އޮންނާނީ އިއްޔެއިން ފެށިގެން މާރިޗް މަހު ދެވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި  ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 03:00 އަށް، ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް، ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 3:00 އިން ހަވީރު 5:00 ކުރިއަށްދާނެ ކަމަށް އިލެކްޝަނުން ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގައި އިންޑިއާގެ ދިއްލީއާއި، ތައިލެންޑުގެ ބެންކޮކާއި، ބަނގްލަދޭޝްގެ ޑާކާއި، ސިންގަޕޫރުގައި ވެސް ވޯޓުފޮށި ބަހައްޓާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެތަންތަނަށް ވެސް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަނުން މިހާރު ވަނީ ހުޅުވާލައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.