ޝަރީޢަތުން ބޭރުން އެއްވެސް ކަމެއް ކުރާކަށް ތާއީދެއް ނުކުރެވޭނެ: އަލްހާން

ދިވެހި ސަރުކާރުން އެއްވެސް މިނިވަންކަމެއް އެއްވެސް ޙައްޤެއް ކަށަވަރު ކޮށްދިނުމުގައި މިނިވަން ވެގެންގޮސް ދީނީ ޢަޤީދާއާއި ޝަރީޢަތުން ބޭރުވާ ގޮތަށް އެއްވެސް ކަމެއް ކުރާކަށް ތާއިދެއް ނުކުރެވޭނެ ކަމަށް ހެންވޭރު އުތުރަށް ޖުމްހޫރީޕާޓީގެ ޓިކެޓުގައި ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ހެންވޭރު ޓާފް ދަނޑު ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރ ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ފިޔަވައި ދެވަނަ ދީނަކަށް ފުރުސަތު ދިނުމަށް ރާއްޖެއިން ބައިނަލް އަޤުވާމީ އެއްވެސް މުޢާހަދާއެއްގައި ސޮއިކޮށްފައި ވެސް ނޯންނާނެ ކަމަށެވެ. "އެކަމަކަށް އަޅުގަނޑުމެން އެއްބާރުލުމެއް ނުދޭނަން. އެއީ ކުރެވޭނެ ކަމެއްނޫން. އެކަން ދިވެހިރާއްޖޭގައި ކުރަން އުޅޭބަޔަކާ ދެކޮޅަށް އަބަދުވެސް އަޅުގަނޑު ނިކުންނާނަން،" އަލްހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހި ދައުލަތް ހިންގުމުގައި ދީނާއި ސިޔާސަތު ވަކިކުރާކަށް ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ ދައުލަތުގެ ކަންކަން އިސްލާމީ ޝަރީއަތުގެ ތެރެއިން ހިންގަން ކަމަށް ވިދާޅުވިއެވެ. އަދި ދޮންމީހުން އުޅޭ ގޮތަށް އުޅެން ވެސް ބޭނުންނުވާ ކަމަށާއި އެފަދަ ފުރުސަތެއް ވެސް ދޭން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ ކޯލިޝަން ސަރުކާރެއް ކަމަށާއި އެހެން ކަމުން ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ނިކުންނަ ކެންޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހުގެ ތާއީދު ބޭނުންވާނެ ކަމަށެވެ. އަލްހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އޭނާ ކުރިމަތި ލެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލީހުގެ ތާއީދާއެކު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައްވަން ވެސް އެމަނިކުފާނާ މަޝްވަރާ ކުރެއްވި ކަމަށް އަލްހާން ވިދާޅުވިއެވެ. ރައީސާ މަޝްވަރާ ކުރެއްވުމުން ޖޭޕީއަކީ ސަރުކާރު ކޯލިޝަންގެ ޕާޓީއެއް ކަމަށާއި އެޕާޓީގެ ޓިކެޓު ހޯދައިގެން އައުމަށް ރައީސް ވިދާޅުވި ކަމަށް އަލްޙާމް ވަނީ މިރޭ ވިދާޅުވެފައެވެ.

"އަޅުގަނޑު މިރޭ މިތަނަށް ހުއްޓި މިހުރީ، (ހަމަ ވަރަށް ތެދަށް މި ދަންނަވަނީ) ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރިހަމަ ތާއީދާއެކު،" އަލްޙާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީސްގެ އިންތިޚާބު މިހިސާބަށް އައިއިރު ކޯލިޝަން ތެރޭގައި ކަންކަން ވެފައިވަނީ އުންމީދު ކުރެއްވި ގޮތަށް ނޫން ކަމަށެވެ. އެގޮތަށް އެހެންވީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެޕާޓީއަށް ބޮޑުބައި ހޯއްދަވަން މަސައްކަތް ކުރެއްވުމުން ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.