އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނިކޮށް ރަވާނާ ބޯޓު އަޑިއަށް ހިނގައްޖެ

ރަވާނާ ބޯޓުވަނީ ވަރަށް ބޮޑަށް އަނަދައިފައި: ފޮޓޯ ޕޮލިސް

ސޯޅަ މީހުންނާއެކު ދަތުރު ކުރަމުންދަނިކޮށް އަލިފާން ރޯވި ފުވައްމުލަކު ރަވާނާ ބޯޓު އަޑިއަށް ހިނގައްޖެއެވެ. އެ ބޯޓު އަޑިއަށް ދިޔައީ ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރިއަށް ގެންދަނިކޮށެވެ.

މި ބޯޓުގައި އަލިފާން ރޯވީ މާލެއިން ފުރައިގެން ދ. ވާނީއަށް ދަތުރުކުރަމުން ދަނިކޮށް ދ. މީދުއާ 6 ބޭރުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެބޯޓުގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ފަތިހު 4:45 އެހައިކަންހާއިރުއެވެ. ބޯޓުގައި އަލިފާން ރޯވުމާއެކު އެއިން ދަތުރުކުރި އެންމެން ވަނީ ލައިފްޖެކެޓު އަޅައިގެން ކަނޑަށް ފުންމާލައިފައެވެ. އެ މީހުން ކަނޑުގައި ތިއްބާ ނަގައިފައިވަނީ އެވަގުތު އެ ސަރަޙައްދުން ދަތުރުކުރަމުންދިޔަ ދ. ހުޅުދެލީ ދޯންޏެކެވެ. އެ ދޯނިން އެމީހުން ގެންދިޔައީ ހުޅުދެއްޔަށެވެ. ރަވާނާ ބޯޓުގައި ދަތުރުކުރީ 9 ބިދޭސީންނާއި 7 ދިވެހީންނެވެ.

އޭގައި ގެންދިޔަ މީހުންގެ ތެރެއިން ޢުމުރުން 62 އަހަރުގެ ފިރިހެނެއްގެ ޙާލު ސީރިއަސް ވެގެންވަނީ ސީއެމްބިޔުލާންސްގައި ފ. ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެހެންނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާވެފައި ކަމަށް އެތަނުން ވިދާޅުވިއެވެ. އޭނާގެ ހަށިގަނޑުގެ އެއްވެސް ތަނަކަށް އަލިފާނުގެ އަސަރު ކޮށްފައެއް ނުވެއެވެ. އަދި އެއްވެސް ޒަޚަމެއްވެސް ވެފައެއް ނުވެއެވެ.

ބޯޓުގައި ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.