ފުރަތަމަ ޑިގްރީއަށް ކިޔަވާނެ ފުރުސަތު ލިބިފައިނުވާ ދަރިވަރުންގެ މާޔޫސްކަން މިއަދު ފިލައިފި: ރައީސް

ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުންވެފައި އެފުރުސަތު ނުލިބި ތިބި ދަރިވަރުންގެ މާޔޫސްކަން ފިލައިގެން މިއަދު ހިނގައްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުންވެފައި އެފުރުސަތު ނުލިބި ތިބި ދަރިވަރުންގެ މާޔޫސްކަން ފިލައިގެން މިއަދު ހިނގައްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސްރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭގައި ކުރައްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައި ދެއްވުމުގެ ފުރުސަތު ހުޅުވައިލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޤައުމީ ޔުނިވަރުސިޓީގައި މިއަދުގެ ހެނދުނު 10:30 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްދަކަވަމުން ރައީސް ވިދާޅުވީ މިއަދަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން މުހިންމު ވަޢުދެއް ފުދިގެންދިޔަ  ދުހެއް ކަމަށެވެ. އެއީ ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުންވެފައި އެފުރުސަތު ނުލިބިފައިވާ ދަރިވަރުންނަށް އެފުސަތު ލިބިގެންދިޔަ ދުވަސް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދަކީ އަނެއްކާވެސް ޔިތުންގެ އުފާފާގަތިކަމާއި، ރައްޔިތުންގެ ކުރިއެރުމަށް އިތުރުކަމެއް ކޮށްދެވޭ ކަމުގެ ހިތްހަމަޖެހުން ލިބިވަޑައިގެންނެވި ދުވަހެއް ކަމަށެވެ.

ރައީސް ވިދާޅުވީ ތަޢުލީމް ޙާޞިލް ކުރުމަކީ، މި ޒަމާނަށް ބަލާއިރު، ހަމައެކަނި ކިޔަވައިގެން މޮޅުވުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫން ކަމަށެވެ. "މި ޒަމާނުގައި ތަޢުލީމު ސިފަކުރެވެނީ ތަރައްޤީގެ މައި އިންޖީނުގެ ގޮތުގައި،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމެއްގެ އިޤްތިޞާދު ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ތަޢުލީމް އުނގެނިގެން ތިބޭ ޒުވާނުން ކަމަށާއި، ތަރައްޤީގެ ދާއިރާތަކުގެ ތެރެއިން، މިސަރުކާރުން ތަޢުލީމީ ދާއިރާއަށް، ވަކި ޚާއްޞަ އިސްކަމެއް ދެއްވީ ތަރައްޤީގެ އެންމެ މުހިންމު އަސާސަކީ ތަޢުލީމީ ޖީލެއް ބިނާކުރުން ކަމަށްވާތީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މި އަހަރުގެ ބަޖެޓުގައިވެސް އެންމެ މަތީ އިންސައްތައެއް ސަރުކާރުން ޚާއްޞަކޮށްފައިވާނީ، ތަޢުލީމީ ދާއިރާއަށް ކަމަށާއި، އެއީ 3.4 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިއަދު ފަހިކޮށްދިން ފުރުޞަތަކީ ރައްޔިތުންނަށްޓަކައި، ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުންނަށްޓަކައި،މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ފަދަ ރަނުގެ ފުރުޞަތެއް ކަށާއި، ހުރިހާ ދަރިވަރުންވެސް އެ ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، މަތީ ތަޢުލީމް ޙާޞިލްކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކޮށް، ތަކްލީފެއް ނެތި، ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ ދެ ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީއަށް ހިންގާ ހުރިހާ ކޯސްތަކެއްގައި، މުޅިން ހިލޭ ކިޔެވުމުގެ އިންތިޒާމު، މިއަދުން ފެށިގެން ހަމަޖެހިގެންދިޔައީ ކަމަށާއި، އަމިއްލަ ކޮލެޖްތަކުން ހިންގާ ޑިގްރީ ކޯސް ފީގެ ވަރަށް މަތީ އިންސައްތައެއް ދައުލަތުން ދައްކައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރަށް ރާއްޖޭގައި ކިޔަވައިދޭ ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮގްރާމްތަކުގެ ތެރެއިން، އެ ޕްރޮގްރާމެއްގެ ބޮޑުބައި ރާއްޖޭގައި ކިޔަވައިދޭ ނަމަ، ރާއްޖޭގައި ކިޔަވާ ބައިގެ ކޯސް ފީ ވެސް، އުޞޫލުގެ ތެރެއިން ހަމަޖައްސަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ސަރުކާރުގެ ދެ ޔުނިވަރސިޓީ އާއި އަމިއްލަ ކޮލެޖްތަކުގައި، މިހާރުވެސް 8،000 އަށް ވުރެ ގިނަ ދަރިވަރުން، ފުރަތަމަ ޑިގްރީއަށް ކިޔަވަމުން އެބަދޭ. ހިލޭ ކިޔެވުމަށް މިއަދު މި ހުޅުވައިލި ފުރުޞަތާއެކު، މި ޢަދަދު 9،000 އާއި 10،000އާ ދެމެދުގެ ޢަދަދަކަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ،" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވެސް ސަރުކާރުން މިހާރުވާނީ ވަރަށް ބޮޑެތި ލުއިތަކެއް ހަމަޖައްސައިދެއްވައިފައި ކަމަށެވެ. އެއީ، އެ ދަރިވަރުން ނަގާފައިވާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު ދައްކަންޖެހޭ މުއްދަތު 25 އިންސައްތައަށް އިތުރުކޮށްދެއްވުމެވެ.

ސަރުކާރުން މި ހުޅުވައި ދެއްވީ އަގުބޮޑު ފުރުޞަތެއް ކަމަށާއި ފުރުޞަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި، ޤައުމީ ތަރައްޤީގެ ބައިވެރިއަކަށްވުމަށް، ދިވެހި ހުރިހާ ޒުވާނުންނަށް ރައީސް މިއަދު އިލްތިމާސް ކުރެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.