ތަރައްޤީއަށްޓަކައި ތިމާވެށި ޤުރުބާން ނުކުރާނަން: ރައީސް

އަދުގެ ސަރުކާރަކީ ތަރައްޤީއަށްޓަކައި މި ރާއްޖޭގެ ޤުދުރަތީ ވެށި ޤުރްބާންކުރާނެ ބައެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގެ ތަރައްޤީ، ރައްޔިތުންނާ ބައްދަލުކުރާނީ ތިމާވެށްޓާ އެއްކީލިވާ ގޮތެއްގައިކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެތެރޭގައި ހިމަނައިގެން ކުރިއަށް ގެންދަވާ "ރަށް ފެހި" ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ހުޅުމާލެ ފޭސް 2 ގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިފަށާ ޕްރޮގްރާމަކީ، ރާއްޖެއަށް ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ޕްރޮގްރާމެއްކަމަށާއި، މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމަކީ، މިވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ މުހިންމު އެއް ކަންތައްކަން ފާހަގަކުރެއްވިއެވެ.

"މިއީ ތިމާވެށި ޙިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަންތަކުގެ ތެރެއިން، ފުރަތަމަ 30 ދުވަހުގެ ތެރޭގައި ތަންފީޒުކުރެވޭ ދެވަނަ ކަންތައް. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ގަސް އިންދަން ފެށުމުގެ ތައްޔާރީތައް އެންވަޔަރްމެންޓް މިނިސްޓްރީން މިހާރު އެ ގެންދަވަނީ ކުރައްވަމުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޕްރޮގްރާމް މި ފަށަނީ، ރާއްޖޭގެ އެކި ރަށްރަށުން ގިނަ އަދަދަކަށް ރުއްގަސް ކެނޑުމުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއްގައިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ގަސް ކެނޑުމާއި ރަށްތައް ހަނަފަސްކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެވޭނީ، ތިމާވެއްޓާ ގުޅޭ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކޮށްގެންކަމަށާއި، ތިމާވެށީގެ ޙިމާޔަތުގައި އުފައްދާފައި ހުރި މުޢައްސަސާތައް، މިހާރަށް ވުރެ ބާރުވެރިކުރުވައި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދީގެންކަން ފާހަގަކުރެއްވިއެވެ.

"މި ހިނގާ 100 ދުވަހުގެ ތެރޭގައި، އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ ބާރުވެރިކުރުވައި، މިނިވަންކަމާ އެކު ހިންގުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެ. މި ކަމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، އީއައިއޭ ހެދުމުގެ ޒިންމާތައް، ޓޫރިޒަމް މިނިސްޓްރީން ވަކިކޮށް، ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް ބަދަލުކުރެވޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިގޮތުގައި އެއް ރަށް ފެހި ކުރުމަށްޓަކައި، އަނެއް ރަށް ހަނަފަސްކޮށްލުމަކީ، މި ސަރުކާރުން ޤަބޫލުކުރާ ހަމައެއް ނޫންކަމަށާއި، މިއަދު ހުޅުމާލޭގައި މި އިންދާ 100 ރުކާއި، 150 ގަހަކީ، އެއްވެސް ރަށަކުން ނަގައިގެން ގެނައި ރުއްގަހެއް ނޫންކަމުގައި ހާމަކުރެއްވިއެވެ. އަދި، މިއަދު މިއިންދަނީ، ހުޅުމާލޭ ނާސަރީގައި މުޑުވައްކޮށް ހައްދާފައިވާ ރުއްގަސްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިގޮތުގައި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ތިމާވެއްޓާ ގުޅޭ އިތުރު އެތައް ޙަރަކާތެއް ހިންގޭނެކަމަށާއި ކޮންމެ އަތޮޅަކުން ވެސް، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް، އެއް ރަށާއި އެއް ފަރު ޙިމާޔަތް ކުރެވޭނެކަމުގައި ހާމަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ މީހަކު ވެސް، އެމީހެއްގެ ގޯތީގައި އެންމެ ގަހެއް ވިޔަސް އިންދެވުމަށް ގޮވާލައްވާފައެވެ. އަދި، ވަކިން ޚާއްސަކޮށް، ކާބޯތަކެތި އަޅާ ގަސްތަކާއި، ކެއުމަށް ބޭނުންކުރާ ފަތްޕިލާވެލި ލިބޭ ފަދަ ގަސްތައް ގިނަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ރަށް ފެހި" ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވުމުގެގޮތުން ބޭއްވެވި ގަސް އިންދެވުމުގެ ޙަރަކާތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ގަސް އިންދަވާފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.