މިއަހަރުގެ މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި ފާހަގަކޮށްދިނުމަށް އެދެފި

މިއަހަރުގެ މަސްވެރިންގެ ދުވަސް ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގައި ރަސްމީކޮށް ފާހަގަ ކޮށްދެއްވުމަށް ސަރުކާރުގައި އެދިވަޑައިގެންފިއެވެ.

ކައުންސިލުން މިކަމަށް އެދިވަޑައިގެންފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލީހަށް ފޮނުއްވި ސިޓީއެއްގައެވެ.

އެސިޓީގައި ވިދާޅުވެފައިވަނީ ފަރެސްމާތޮޑާއަކީ ދެކުނުގެ ރަށްރަށުގެ ތެރެއިން މަސްވެރިކަމުގައި ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ މަސްވެރި ރަށެއް ކަމަށެވެ. ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ގއ. ކޫއްޑޫއަށް އެންމެ ގިނައިން މަސްކިރުވާފައިވާނީ ވެސް އެރަށުގެ މަސްދޯނި ފަހަރު ކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ.

އެރަށުގައި މިހާރުވެސް 100 ފޫޓަށްވުރެ ދިގު 9 މަސްދޯނި އެބައޮތް ކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް އެރަށުގައި ފާހަގަ ކުރުމަކީ އެރަށުގެ މަސްވެރިންގެ އިތުރަށް ކައުންސިލުން ވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ ކުރިން އެ ރަށުގައި ރަސްމީކޮށް މަސްވެރިންގެ ދުވަސް ސަރުކާރުން ފާހަގަ ކޮށްފައެއް ނުވެއެވެ. އެހެން ކަމުން މިއަހަރުގެ މަސްވެރިންގެ ދުވަސް އެރަށުގައި ފާހަގަކޮށް ދެއްވުމަކީ މަސްވެރިންގެ އިތުރަށް ކައުންސިލުން ވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

އެރަށުގެ އާބާދީގެ 85 ޕަސެންޓް މީހުން އާމްދަނީ ހޯދުމަށް ކުރަމުންދާ މަސައްކަތަކީ މަސްވެރިކަން ކަމަށް ވެސް އެސިޓީގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.