އެ އަނިޔާވެރި ޢަމަލު ހިންގި މީހުންނާމެދު ފިޔަވަޅު އަޅުއްވައިދެއްވާ: ރައީސް މައުމޫން

މިދިޔައަހަރު ފެބުރުއަރީ 5 ވަނަދުވަހު ޤާނޫނާ ޚިލާފަށް ކުއްލި ޙާލަތު އިޢުލާން ކުރައްވައި އެމަނިކުފާނާއި އިތުރު ބޭފުޅުން ބަންދުކޮށް އަނިޔާވެރި ޢަމަލު ހިންގި މީހުންނާމެދު ފިޔަވަޅު އަޅުއްވައި ދެއްވުމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރައްވައިފިއެވެ.

ކުއްލި ޙާލަތު އިޢުލާން ކުރިތާ އެއްހަރު މިއަދު ފުރުމާ ގުޅިގެން އެމަނިކުފާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ކުއްލިޙާލަތު އިޢުލާން ކުރެއްވީ ސީދާ އެމަނިކުފާނު ބަންދު ކުރައްވަން ކަމަށެވެ.

"މިއަދު އަޅުގަނޑުގެ އިލްތިމާސަކީ މި އަނިޔާވެރި ޢަމަލުހިންގި މީހުންނާމެދު ކަމާބެހޭ ފަރާތްތަކުން އިންސާފުވެރި ފިޔަވަޅުތައް އަޅުއްވައި ދެއްވުމެވެ. އެހެންނޫނީ ކުރިޔަށް އޮތްތާނގައިވެސް ބާރުގައި ތިބޭ މީހުން މިބާވަތުގެ އަނިޔާވެރި ޣައިރު ޤާނޫނީ ކަންތައްތައް ކުރުމަކަށް ޖެހިލުމެއް ނުވާނެވެ." އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެބަޔާނުގައި ރައީސް މައުމޫން ވިދާޚުވެފައިވަނީ ކުއްލިނުރައްކަލުގެ ޙާލަތު އިޢްލާން ކުރީ، ރާއްޖޭގެ ޤާނޫނު އަސާސީގެ އުޞޫލުތަކާ ޚިލާފަށް އަދި ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތައްވެސް ނަގާލައި ޢަދުލްއިންސާފުގެ ނިޒާމް ފުނޑުފުނޑު ކޮށްލާފައި ކަމަށެވެ.

"ކުއްލިނުރައްކަލުގެ ޙާލަތު އިޢްލާން ކުރުމުގެ އެންމެ ބޮޑު މަޤްޞަދަކަށް ވެފައިއޮތީ އަޅުގަނޑު ހައްޔަރު ކުރުންކަން ވަރަށް ސާފުކޮށް ހާމަވެގެން ދިޔައެވެ. އަދި އަޅުގަނޑުގެ އަބުރާއި ޢިއްޒަތް ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްތަކުން ފިލުވާލުން ކަންވެސް ފާޅުވެގެން ދިޔައެވެ." އެބަޔާނުގައި ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރު ކުއްލިނުރައްކަލުގެ ޙާލަތު އިޢްލާން ކުރުމާއެކު އެންމެ ފުރަތަމަ ހައްޔަރުކޮށް، ދޫނިދޫ ޖަލަށް ގެންދިޔައީ އެމަނިކުފާނު ކަމަށާއި، އެއަށްފަހު އެމަނިކުފާނުގެ ދަނބިދަރިކަލުން މުޙައްމަދު ނަދީމެ ވެސް ގެންދިޔަ ކަމަށް ވިދާޅުވެފައިވެއެވެ. އަދި އުއްތަމަފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ޙަމީދުވެސް ބަންދުކޮށް ޖަލަށް ގެންދެ ކަމަށް ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާން ކުރިތާ އެއް އަހަރު ފުރޭއިރު، އެބޭފުޅުންގެ އިސްތަށިފުޅުގައި އަޅުވަމުންގެންދެވި އިލްޒާމްތަކަކީ އެއްވެސް "ޙަޤީޤަތެއްނެތް ދޮގު އިލްޒާމް" ތަކެއް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ. އެއީ "ވަކިމީހެއްގެ ނުވަތަ ވަކިބައެއްގެ ފައިދާއަށްޓަކައި ޤާނޫނުތަކާ ޚިލާފަށް ބާރުގެ ބޭނުންކޮށްގެން އަޅުގަނޑުމެންގެ އަގު ވައްޓާލަން ކުރެވުނު މަސައްކަތެއްކަމެވެ." އެބަޔާނުގައި ވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.