ސިގިރެޓް ފޮށީގައި ތަތްކޮށްލާ ލޭބަލަށްވުރެ ދުންފަތާ ދެކޮޅަށް ތިމާގެ ހިތުގައި ތަތްކޮށްލާ ލޭބަލްގެ ބާރު މާގަދަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުންފަތާބެހޭ ޤަވާޢިދު ގެޒެޓުކޮށް އެއައަށް ޢަމަލުކުރަން ފެށުމަށްޓަކައި ޤައުމީ ޔުނިވަރުސިޓީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މިއަދަކީ އެކަމަށް އަޅުގަނޑުމެން ފަށާ ދުވަސް ކަމުގައި ހަދަމާ ހިންގަވާ. ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ މީހަކުވެސް މިއަދު ޢަޒުމް ކަނޑައަޅުއްވަންވީ ދުންފަތަށް އަލްވަދާޢު ކިޔައި ފުރިހަމަ ސިއްޙަތަކަށް މަރުޙަބާ ކިޔުމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދަކީ ރާއްޖޭގެ ޞިއްޙީ ސިޔާސަތުގެ ތާރީޚުގައި ވަރަށް މުހިންމު، އަދި ހަށިހެޔޮ މުޖުތަމަޢެއް ބިނާ ކުރުމަށް މުހިންމު ފިޔަވަޅެއް އެޅޭ ދުވަހެއް ކަމަށެވެ. ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއްގެވެރި ބަޔަކަށް ދިވެހިން ހެދުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ރާއްޖޭގައި މިހާރު އެންމެގިނަ މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން. ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ އަށްޑިހަ ހަތަރު އިންސައްތަ މީހުން މަރުވަނީ ކެންސަރާއި ހިތުގެ ބަލިތަކާއި، ސްޓްރޯކާއި ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުންހުރި ބަލިތަކުގައި.
މިފަދަ ބަލިތަކަށް މީހުން ވާސިލްވާ މައިގަނޑު އެއް ހިރާސް ނުވަތަ އެންމެބޮޑު ރިސްކު ފެކްޓަރ އަކީ ދުންފަތުގެ އިސްތިއުމާލު ކުރުން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އާސަންދައިން ކޮންމެ އަހަރަކުވެސް އެންމެބޮޑު ހޭދަ ކުރަންޖެހޭ ފަސް ބައްޔަކީ ދުންފަތާ ގުޅުންހުރި ބަލިތައް ކަމަށެވެ. އަހަރަކު ރާއްޖޭގައި މަރުވާ ގާތްގަޑަކަށް ސަތޭކަ ހަތްދިހަ އަށް މީހުން މަރުވަނީ ސީދާ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުގައި ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ހިސާބުތަކުން ދައްކާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ ބޮޑެތި މީހުންގެ ނިސްބަތް ރާއްޖޭގައި ހުރީ ތިރީސް އަށެއް އިންސައްތައިގައި ކަމަށާއި، ސްކޫލް ކުދިންގެ މެދުގައި އެ ނިސްބަތްހުރީ އެގާރަ ޕޮއިންޓް ދޭއް އިންސައްތައިގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ސިގެރެޓް ބޯ މީހަކު މަހަކު އެވްރެޖުކޮށް އެއްހާސް އަށް ސަތޭކަ ރުފިޔާއާއި ތިން ހާސް ފަސްސަތޭކަ ރުފިޔާ މިކަމަށް ޚަރަދުކުރޭ. ރާއްޖެ ފަދަ ކުޑަ އާބާދީއެއްގެ ނިސްބަތުން މިއީ ވަރަށް މަތީ ޢަދަދެއް. މިއީ އަޅުގަނޑުމެން ކޮންމެ މީހަކު ފުންކޮށް ވިސްނާ ފިކުރުކުރަން ޖެހިފައިވާ ކަމެއް. އަދި މިސަރުކާރުގެ ވަޢުދެއްވެސްމެ. މިއަދު މިނަގާ ފިޔަވަޅުގެ އެންމެބޮޑު ބޭނުމަކީ ދުންފަތުގެ ގެއްލުމާމެދު ޢާއްމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުން އަދި ވަކިވަކިން ސިގިރެޓް ވިއްކުން ހުއްޓުވުން. ދުވާލަކު ސިގިރެޓް ފޮށްޓެއް ބޭނުންކުރާ މީހަކަށް އަހަރެއްގެ ތެރޭގައި ހަތްހާސް ތިންސަތޭކަ ފަހަރު މި އިންޒާރުގެ މެސެޖު ފެންނާނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެއިންޒާރުތައް ފެނި ޢާއްމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުވުމުން ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރު މަދުވެގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރު މަދުކޮށް "އަޅުގަނދުމެންގެ މުސްތަގުބަލުގެ ރައުސުލްމާލު ދުންފަތުން ރައްކާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް" ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަގުވާމީ މުޢާޙަދާއަށް ދެހާސް ފަހެއްގައި ޢަމަލުކުރަން ފެށުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުންފަތާ ދެކޮޅަށް އިންޒާރުގެ މެސެޖުތައް ޢާއްމުކޮށް މައިދާން ތަކާއި މަގުތަކުގައި ދުންފަތާ ދެކޮޅު ބިލްބޯޑުތައް ބަހައްޓަން ފެށުމުން އިންޤިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެހެންނަމަވެސް އެފަދަ ކަންކަމުގައި ނަމޫނާ ދައްކަންޖެހޭ ދިވެހިރާއްޖެ އެފަހަރު ބުރަވީ ފަހަތު ފަޔަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ރާއްޖެއަށް އެތެރެކޮށް ވިއްކާ ދުންފަތުގެ އުފެއްދުންތަކުގައި ދެހާސް ހަތަރުވަނަ އަހަރުން ފެށިގެން އިންޒާރުގެ މެސެޖުތައް ޖަހަމުން އައީ ވަރަށް ފަނޑުގޮތަކަށް. އެހާމެ އާދައިގެ ގޮތަކަށް އޭރު ޖަހަންފެށި މެސެޖުތަކަށް މިހާތަނަށް އެއްވެސް ބަދަލެއް ނާދޭ. ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު އިތުރުވެގެން އައީ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނުއޮތީ ދެހާސް ދިހައެއްގައި ފާސްކޮށްފައި ކަމަށެވެ. އަދި އެ ޤާނޫނުގެ ދަށުން ހަދަން ލާޒިމު ކުރާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޢާއްމު ޤަވާޢިދު ވެސް އޮތީ ދެހާސް ބާރަވަނަ އަހަރު އެކުލަވާލައި ނިމިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެ ޤަވާޢިދު އޮތީ ތަންފީޒު ނުކޮށް ބާއްވާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ފަހުން ދެހާސް ސަތާރަވަނަ އަހަރުވެސް އެ ޤަވާޢިދަށް ބައެއް އިސްލާޙުތައް ގެނެސް ގެޒެޓު ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ޤާނޫނީ މަރުޙަލާތައް ވެސް ފުރިހަމަކޮށް ތަންފީޒު ކުރުމަށްޓަކައި އޭރުގެ ސަރުކާރަށް ހުށަހެޅި ކަމަށް ރައީސް ވިދާޅުވިއެވެ. "ނަމަވެސް މި ޤަވާޢިދު އޮތީ ގެޒެޓު ނުކޮށް ބާއްވާފައި. އަޅުގަނޑުމެން މިއަދު މިޤަވާޢިދު ގެޒެޓުކޮށް ޢަމަލުކުރަން މިފެށީ މިކަމުގެ މުހިންމުކަން ބޮޑު ކަމުން. އަޅުގަނޑު ދެކޭގޮތުގައި ޤައުމެއް ކުރިއަރާނީ ސިއްޙަތު ރަނގަޅު މުޖުތަމަޢެއް ބިނާކުރެވިގެން. އާސަންދައިން އެންމެ ބޮޑުހޭދައެއް ކުރަންޖެހެނީ ދުންފަތާ ގުޅުންހުރި ބަލިތަކަށް. ދެއަތް އުރާލައިގެން މިއަޑުތައް އަހާކަށް ތިބެވޭކަށް މިއަދަކުނެތް. މިއީ ފިޔަވަޅު އަޅަންވީ ވަގުތު. މިފަދަ އެއްވެސް ކަމަކީ ގެޒެޓްކުރާ ޤަވާއިދަކުން އެކަނި ޙާސިލް ކުރެވޭނެ ކަމެއްނޫން. މިކަމުގައި ވެސް ޤަވާޢިދަކަށްވުރެ މުހިންމީ ފަރުދީ ޒިންމާ،" ރައީސް ވިދާޅުވިއެވެ.