ހެލިކޮޕްޓަރުތަކާ ބެހޭގޮތުން ޝާހިދު ހެއްދެވީ އިތުރުފުޅު: ޢުމަރު

ޢުމަރު ނަސީރު (މ) ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލާއި ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމްއާއެކު

ންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ދެ ހެލިކޮޕްޓަރު އޮޕަރޭޓުކުރަނީ ދިވެހިސަރުކާރުގެ ކޮންޓްރޯލް އޮވެގެން ކަމަށް ފޮރިންމިނިސްޓަރު ޢަބްދުﷲ ޝާހީދު ވިދާޅުވުމުން ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު އެކަން ދޮގުކުރައްވައިފައެވެ.

"ޝާހިދު އެ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް. ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގައި ރާއްޖޭގެ ކޮންޓްރޯލެއްނެތް،" ޢުމަރު ވިދާޅުވިއެވެ. ޢުމަރު ވިދާޅުވީ ހޯމް މިނިސްޓަރަކަށް އޭނާ ހުންނެވި ދުވަސްވަރުން ފެށިގެންވެސް އެކަންއޮތީ އެގޮތަށް ކަމަށެވެ. ޗީފްއޮފް ޑިފެންސް ފޯސްއަކަށްވެސް އަދި ޑިފެންސް މިނިސްޓަރަކަށް ވެސް ހެލިކޮޕްޓަރުގެ ކަންކަމަށް ގޮތްނުނިންމޭ ކަމަށް ޢުމަރު ވިދާޅުވިއެވެ. އޮޕަރޭޝަނެއް ހިންގަންވިޔަސް އަދި މީހަކު ބަލިވެގެން މާލެ ގެންދަން ޖެހުނަސް ހުއްދަ ނަގަންޖެހެނީ އިންޑިއާ ސަރުކާރުން ކަމަށް ޢުމަރު ވިދާޅުވިއެވެ. އަދި ދިވެހިސަރުކާރުގެ ހުއްދައަކާ ނުލައި ހެލިކޮޕްޓަރުތައް ބޭނުންވަގުތަކު އުދުހިފައި ބޭނުން ވަގުތަކު އެނބުރި އައިސް ޖައްސާ ކަމަށް ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ އިންޑީއާގެ ނިޔަތް ރަނގަޅު ކަމަށްވާނަމަ އެއްބަސްވެފައިވާގޮތަށް ދިވެހި ސިފައިން ތަމްރީން ނުކުރަންވީ އެއްވެސް ސަބަބެއްނެތް ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެފަދަ ކަމެއްކޮށްފައެއް ނުވެއެވެ. އެހެންވީމާ އިންޑިއާ ސިފައިން ރާއްޖެއިން ފައިބަންޖެހޭ ކަމަށް ޢުމަރު ވިދާޅުވިއެވެ. ދެން ރާއްޖޭގައި އެންމެބޮޑު މުޒާހަރާއެއް ބާއްވާނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާބެހޭ ގޮތުން ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

މި ދެ ހެލިކޮޕްޓަރުގެ އެއްބަސްވުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މިހާރުވަނީ އައުވެސް ކުރައްވައިފައެވެ. ރާއްޖޭގައި ތިބެގެން އިންޑިއާ ސިފައިން އޮޕަރޭޓް ކުރަމުންދާ ދެ ހެލިކޮޕްޓަރު ރާއްޖެއިން ފޮނުވާލުމަށް ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން މަސައްކަތް ކުރެއްވިއެވެ. އޭރު ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓް ކުރުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތުވެސް ވަނީ ހަމަވެފައެވެ. ހެލިކޮޕްޓަރުތައް ގެންދަން ދިވެހި ސަރުކާރުން ދެފަހަރެއްގެ މަތިން އިންޑީއާއަށް އެންގުމުން ވެސް ގެންގޮސްފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.