މުޒާހަރާއަށް ނުކުންނާނީ އިންޑިއާ ސިފައިން އިތުރަށް ރާއްޖެއަށް ވަންނަނަމަ: ޢުމަރު

މުޒާހަރާއަށް ނުކުންނާނީ އިންޑިއާ ސިފައިން ރާއްޖޭއެތެރެއަށް ވަންނަވަނުން އިތުރު ކުރަމުންދާ ކަމަށް ވާނަމަ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮޕަރޭޓް ކުރަން ތިބި އިންޑީއާ ސިފައިން ފޮނުވާލުމަށް ބޮޑު މުޒާހަރާއެއް ކުރާނެ ކަމަށް ޢުމަރާ ޙަވާލާދީ ބައެއް ނޫސްތަކުގައި ލިޔެފައިވާތީ ޢުމަރު ވިދާޅުވީ އެފަދަ މުޒާހަރާއެއް އަދި ނުރާވާ ކަމަށެވެ. އެހެންނަމަވެސް އެކަން ކުރަންޖެހޭ ޙާލަތު އައުމުން ކުރާނެ ކަމަށެވެ.

މުޒާހަރާ އަދި ނުކުރަން ނިންމާފައިވަނީ ދެ ސަބަބާހެދި ކަމަށް އޭނާ ވިދާޅުވިއެވެ. ފުރަތަމަ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެފަދަ މުޒާހަރާއެއްގެ ސަބަބުން ރާއްޖޭގައި އުޅޭ އިންޑިއާ މީހުންނާމެދު ދިވެހިންގެ ހިތުގައި ރުޅިވެރިކަމެއް އުފެދި ދެކޮޅުވެރިކަމުގެ ޝުޢޫރެއް ފާޅުވެދާނެތީ އެވެ. ޖީއެމްއާރު ބޭރުކުރަން ކުރި މުޒާހަރާގެ ސަބަބުންވެސް އެހެން ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޒާހަރާ ކުރުމަކީ އެންމެފަހު ކަމެއްގޮތުގައި މަ ޤަބޫލު ކުރާ ސަބަބަކީ ވަރަށް ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން ރާއްޖޭގައި އެބައުޅޭ. މިފަދަ ބޮޑު މުޒާހަރާއެއް ކުރާ ކޮންމެ ފަހަރަކު އިންޑިއާގެ މީހުންނާ ދޭތެރޭ ރުޅިވެރިކަމެއް އެބަ އުފެދޭ. އެއީ އަހަރެން އެއްގޮތަކަށް ވެސް ބޭނުންވާ ގޮތެއްނޫން. ދިވެހިންގެ ހިތުގައި އެ މީހުންނާ މެދު ރުޅިވެރިކަން އުފެދި އެމީހުންނަށް ދަތިވުން ކަހަލަ އެއްވެސް ކަމެއް ހިނގުމަކީ އަހަރެން ބޭނުންވާ ކަމެއްނޫން. އެހެންވެ އެކަން އެގޮތަށް ނުވުމަށް ކުރެވެންހުރި ހުރިހާކަމެއް އަހަރެމެންކުރާނެ. މުޒާހަރާއަކަށް ކުއްލިއަކަށް ނުދާނެ އެއް ސަބަކީ އެއީ،" ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ދިވެހިންނަކީ އިންޑިއާ މީހުންނާ ވަރަށް ގާތްބައެއް ކަމަށެވެ. ދިވެހިންނާއި އިންޑިއާ މީހުންނަކީ އެއްބަޔަކު އަނެއްބަޔަކާއެކު ކޮންމެހެން އުޅެންޖެހޭ އެއްބަނޑު އެއްބަފާ މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ދެވަނަ ސަބަބަކީ މި މައްސަލައަކީ މިހާރުއޮތް ސަރުކާރުން ގެނައި މައްސަލައަކަށް ނުވުމެވެ. "މިއީ ރައީސް ނަޝީދުގެ ސަރުކާރުން ގެނައި މައްސަލައެއް. މުޒާހަރާއެއް ކުރިޔަސް އެއީ މި ސަރުކާރާ ދެކޮޅަށް ބާއްވާ މުޒާހަރާއެއް ނޫން. އެކަމަކު މިސަރުކާރުގެ ރެންޕޮންސިބިލިޓީ (ވާޖިބެއް) އެއީ އިންޑިއާ މީހުން އިތުރަށް އެތެރެއަށް ވަނަ ނުދިނުމަކީ،" ޢުމަރު ވިދާޅުވިއެވެ.

 ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގެ ނަމުގައްޔާއި، އެކްސަސައިޒްތައް ބޭއްވުމުގެ ނަމުގައްޔާއި އެހެނިހެން ގޮތްގޮތުންވެސް އިންޑިއާ ސިފައިން ރާއްޖޭގެ އެތެރެއަށް އިތުރަށް ވަނަނުދިނުމަކީ މި ސަރުކާރުން ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އިތުރަށް މި ޙާލަތު ގޯސް ވަންޏާ މުޒާހަރާ އަންނާނެ ޕޮއިންޓަކީ. "ހެލިކޮޕްޓަރުގެ ސައިޑުން ނޫނަސް އެކްސަސައިޒްގެ ނަމުގައްޔާއި  އައްޑޫގައި ހަދަމުންދާ ޕޮލިސް އެކަޑަމީގައި އެ މީހުން އައިސް ފައިބާ އެތަނުގައި ތިބުންކަހަލަ ބައިވަރު ކަންކަން ހުންނާނެތާ ވަކި ހިއްޕުމަށް ކުރެވޭނެ ކަންކަން. އިންޑިއާއިން ރާއްޖޭގެ އެތެރެއަށް ވަންނަ ވަދެގަތުން އިތުރުވަންޏާ މުޒާހަރާއަކަށް ދާނީ. އެހެންނޫނީ މުޒާހަރާއަކަށް ނުދާނަން. އެކަމަކު މީހުންނަށް ބުނެދެމުން ދާނަން ހިނގަމުން މިދަނީ ކޮންކަމެއްކަން،" ޢުމަރު ވިދާޅުވިއެވެ.

އަޅައިނުލައި ތިބޭކަމަށް ވާނަމަ ފެންނާނީ މަޑުމަޑުން އައިސް އިންޑިއާ ސިފައިން ރާއްޖޭގެ އެންމެ އެތެރެއަށް ވަދެފައި ތިއްބާ ކަމަށް ވެސް ވިދާޅުވިއެވެ. އިންޑިއާއާއެކު ވެފައިވާ އެގްރީމެންޓުގައި އޮތީ ކީކޭކަން ވެސް ދިހައަހަރު ވެގެންދިޔައިރު ވެސް އެނގިފައި ނުވާކަމަށް ޢުމަރު ވިދާޅުވިއެވެ.

މި މައްސަލަ ދިވެހިންގެ ސަމާލުކަމަށްއައީ ރައީސް ޔާމީން އެމީހުންނަށް (އިންޑިއާ ސިފައިން) ފައިބާން އެންގި ހިސާބުން ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.