އެމެޒޯން ޕްރައިމް ވީޑިއޯގެ ޚިދުމަތް އުރީދޫން ތަޢާރަފްކޮށްފި

އުރީދޫ ކަސްޓަމަރުންނަށް އައުއަހަރުގެ ހަދިޔާއެއްގެ ގޮތުގައި އެމެޒޯން ޕްރައިމް ވީޑިއޯގެ ޚިދުމަތް އެކުންފުނިން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

އުރީދޫންވަނީ އެތަނުގެ ކަސްޓަމަރުންނަށް ދެ ޕްލޭންއެއް ތަޢާރަފްކޮށްފައެވެ. އެގޮތުން 49 ރުފިޔާ ހޭދަކޮށްގެން ހަތް މަސް ދުވަހަށް ހިލޭ އެ ޚިދުމަތް ލިބިގެންދާނެއެވެ. އެއަށްފަހު ކޮންމެ މަހަކު ހޭދަކުރަންޖެހޭނީ 99 ރުފިޔާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

ދެވަނަ ޕްލޭން ބޭނުންކުރުމަށް 191 ރުފިޔާ ހޭދަ ކުރަންޖެހެއެވެ. އެވަރަށް ޚަރަދުކޮށްގެން 30 ދުވަހަށް ޚިދުމަތް ބޭނުން ކުރެވޭނެއެވެ. އޭގެ އިތުރަށް އެ ޕްލޭން އެކްޓިވޭޓް ކުރުމުން 5 ޖީބީގެ ޑާޓާ ވެސް ލިބިގެންދާނެއެވެ.

މިޚިދުމަތް ތަޢާރަފް ކުރުމަށްފަހު އަޖުމަ ބެލުމުގެ ގޮތުން މުޅިން ހިލޭ 7 ދުވަހަށް ޚިދުމަތް ލިބޭނެއެވެ. އެ ޚިދުމަތް އެގޮތަށް ލިބޭނީ އުރީދޫގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށެވެ.

އެމޭޒަން ޕްރައިމް ވީޑިއޯ އަކީ ފިލްމުތަކާއި ޓީވީ ސީރީޒްތަކާއި އެފަދަ މުނިފޫހި ފިލުވައިދޭ ވީޑިއޯގެ ޚިދުމަތެކެވެ. މިޚިދުމަތް ބޭނުންކުރާ ފަރާރްތަކަށް ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ވަގުތެއްގައި ވެސް ވީޑިއޯ ބަލައިލެވޭނެއެވެ.

މިޚިދުމަތް ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. އެ ޚިދުމަތް ރަސްމީކޮށް ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޚާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.