ނޫސްވެރިކަމުގެ އަލިމަސް ގަލަން އާތިސް ނޫހުގެ އެޑިޓަރު ޢަބްދުﷲ ނަޢީމަށް ލިބިވަޑައިގެންފިއެވެ.
ޢަބްދުﷲ ނަޢީމް އިތުރަށް މި އިނާމް ލިބިވަޑައިގެންނެވީ ހަވީރު ނޫހުގެ ކުރީގެ އެޑިޓަރު، ޑރ. ޢަލީ ރަފީޤާއި، މިހާރު ނޫހުގެ އެޑިޓަރ މޫސާ ލަތީފާއި، ހަވީރު ނޫހާއި ސަންގެ ކުރީގެ ނޫސްވެރިޔާ މުޙައްމަދު ޝަހީބެވެ. އޭގެ އިތުރަށް ހަވީރުނޫހުގެ ކުރީގެ ނޫސްވެރިޔާ މުޙައްމަދު ސަޢީދު މޫސާ ވަޖުދީއާއި، ހޯރަފުށީ މުޙައްމަދު ސަލީމާއި، ހިރިގާ އަޙުމަދު ޒާހިރާއި، އިމާދު ލަތީފަށް ވަނީ މި އިނާމް ލިބި ވަޑައިގެންފައެވެ.
މި ހުރިހާ ބޭފުޅުންނަކީވެސް ނޫސްވެރިކަމުގެ ޓްރޭޑް މާކުތަކެކެވެ. ދިވެހި ނޫސްވެރިކަމަށް އެތައް ޚިދުމަތެއް ކޮށްދެއްވައި ދިވެހި މުޖުތަމަޢު ހޭލުންތެރި ކުރެއްވުމަށް މަސައްކަތް ކޮށްދެއްވައިފައިވާ ބޭފުޅުންނެވެ.
މިބޭފުޅުންގެ އިތުރަށް ނޫސްވެރިކަމުގެ ރަން ގަލަން 9 ބޭފުޅަކު ވަނީ މިރޭ ޙާސިލް ކުރައްވައިފައެވެ. އެ ބޭފުޅުންނަކީ "އާފަތިސް" ނޫހުގެ ކުރީގެ އެޑިޓަރ ފެއަރީ އަޙުމަދު ޒާހިރު، ޕީއެސްއެމްގެ އެގްޒެކެޓިވް އެޑިޓަރ މުޙައްމަދު ޖަމީލް، "މިހާރު"ގެ މެނޭޖިން އެޑިޓަރު އަދި "ދޯ" މަޖައްލާގެ އެޑިޓަރު އިސްމާއީލް ނަސީރު، "މިހާރު"ގެ ލޯކަލް އެޑިޓަރ އަޙުމަދު ޙަމްދޫނެވެ.
އޭގެ އިތުރަށް އާދަމް ޙަލީމް (މުންޑޫ)، ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ޙުސައިން ފިޔާޒު މޫސާއި، ސީއެންއެމްގެ އެޑިޓަރ އިސްމާޢީލް ރަޝީދާއި، "ހަވީރު" ނޫހާއި "މިހާރު" ގެ ސީނިއަރ އެޑިޓަރކަން ކުރައްވާފައިވާ އަޙުމަދު އަބްދުﷲ ސަޢީދު ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރަށް "މިހާރު"ގެ ސީނިއަރ އެސިސްޓެންޓް އެޑިޓަރ ޙަސަން ޢާމިރަށްވެސް ވަނީ މި އިނާމް ލިބިވަޑައިގެންފައެވެ.
މިބޭފުޅުންނަށް އިނާމް ޙަވާލުކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.