މާލީ ޙާލަތު ދެނެގަނެ ބަދަލު ކުރަންޖެހޭ ކަންކަން ގިނަ: ރައީސް

ރާއްޖޭގެ މާލީ ޙާލަތު ވެސް ދެނެގަނެ ބަދަލު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކ. ދިއްފުށީގައި ޤާއިމް ކުރެވިފައިވާ ފެނާއި ނަރުދަމާގެ ނިޒާމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ފާއިތުވި ހަފްތާތެރޭގައި ވަނީ ރާއްޖޭގެ ކަންކަން ހިނގަމުން އަންނަ އޮތް ސާފުވަމުން ކަމަށެވެ. "ފާއިތުވި އެއްހަފުތާތެރޭގައި، ރާއްޖޭގެ ކަންކަން ހިނގާފައިވާގޮތް މިއަންނަނީ ސާފުވަމުން. ސަރުކާރުގެ ވެރިންނާއި، މުއައްސަސާތަކުގެ ވެރިންނާވެސް އަޅުގަނޑު ބައްދަލުކޮށްފިން. ރާއްޖޭގެ މާލީ ހާލަތުވެސް ދެނެގަނެ ބަދަލުކުރަންޖެހޭ ކަންކަން ގިނަ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަނަށް ހުޅުވިފައިވާ މަގުތައް ބަންދުކޮށް ރާއްޖޭގައި ހުރި ވަސީލަތްތަކާއި މުއްސަނދިކަން މުޖުތަމަޢުގެ ތަރައްގީއާއި މަންފާވާނެ ގޮތަށް ބޭނުން ކުރުމަކީ މުހިންމު ވާޖިބެއް ކަމަށް ވެސް ވިދާޅުވިއެވެ.

"ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް އަޅުގަނޑުމެންނަށް ލިބިފައިވާ ވަސީލަތްތަކާއި މުއްސަނދިކަން ދިވެހި މުޖުތަމަޢުގެ ތަރައްޤީއަށާއި ރައްޔިތުންގެ މަންފާއަށް ރަނގަޅުގޮތުގައި ބޭނުންކުރުމަކީ، އަޅުގަނޑުމެންގެ އެންމެ މުހިންމު ވާޖިބު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ހިތްފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތްތަކެއް ހޯދައިދީ، ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖެ ތަރައްޤީކުރެވި، "ޖަޒީރާ ރާއްޖެއެއް" ބިނާކުރުމަށްޓަކައި ލާމަރުކަޒީ ޤާނޫނު އިސްލާހުކޮށް ކައުންސިލްތައް ބާރުވެރިކުރުވައި، ރައްޔިތުންނާ ގާތުން ވެރިކަންހިންގުމަށް ބޭނުންފުޅުވާ ކަމަށެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ މި ސަރުކާރުން ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ތަރައްޤީއަށް ކުރައްވަން ރާއްވަވާފައިވާ ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.