ފަލަސްތީނަށް އެއްބާރުލެއްވުން ދެއްވުމަކީ ކޮންމެ ޤައުމަކުން ވެސް ކުރަންޖެހޭ ކަމެއް: ރައީސް

ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމު ތެރެއިން ފަލަސްތީނަށް އެއްބާރުލުން ދިނުމަކީ ރާއްޖެއިން ތާއީދުކޮށް ބަލައިގަންނަ ކަމެއްކަމަށާއި، އެފަދަ ޤާނޫނު ތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފަލަސްތީނަށް އެއްބާރުލުން ދިނުމަކީ ކޮންމެ ޤައުމަކުންވެސް ކުރަން ޖެހޭނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިގެން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފަލަސްތީނުގެ އަމަންއަމާންކަމާއި، އިންސާފުގާއިމުކުރުމުގައާއި ސަލާމަތާއި ރައްކާތެރިކަން ހޯދަދިނުމުގައި ދިވެހިރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނު ސަރުކާރާއިއެކު ޒަމާނުއްސުރެ ދެމުންދާ އެއްބާރުލުން ފާހަގަކުރައްވާފައިވެއެވެ.

ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް ހައްލެއް ލިބެން އޮތީ 1967 ވަނަ އަހަރާއި އެއްގޮތަށް، އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްތީނަކީވެސް މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އިޒްރޭލުގެ ސަރަހައްދީ ރޮނގާއި ޖެހިގެން ދެޤައުމުގެ ގޮތުގައި އޮންނަ އޮތުމަށް އަލުން ރުޖޫޢަ ވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. އިޒްރޭލާއި ފަލަސްތީނުގައި، އަބަދަށް ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަމަސަލަސްކަން ޤާއިމުކޮށް، ހަނގުރާމައާއި ލޭއޮހޮރުވުންތައް ހުއްޓުވޭނީ، ދެ ދައުލަތް މަޝްވަރާކުރުމަށް ފުރުސަތުދީގެން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފާހަގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ފަލަސްތީނުގެ ‏އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ‏ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެއްވާފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.