ދެ ރައީސުންގެ ބައްދަލުކުރެއްވުން: ރައިސް ޞާލިޙް ވިދާޅުވީ ކުރިއަށް ވަޑައިގަންނަވާނީ ރަނގަޅު މިސްރާބަށްކަމަށް ރައީސް ނަޝީދު ވިދާޅުވީ އޮޑި ނުފެތޭނެކަމަށް

ފޮޓޯ: ޓުވިޓަރ

ރައީސުލްޖުމްޖޫރިއްޔާ އިބްރާޙީމު މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ. މިއަދު ހަވީރު މުލިއާ ގޭގައި ބޭއްވި ބައްދަލުވުމަށް ފަހުދެ ރައީސުލްވެސް ވަނީ ބައްދަލުމުގެ ޚަބަރު ޓްވިޓަރގައި ހާމަކުރައްވައިފައެވެ. 

ބައްދަލުވުމަށް ފަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ރައީސުންގެ ބައްދަލުވުމުގައި ގިނަ ކަންތައްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ. ކޯވިޑް-19 އާއި އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ. 

"ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން ކުރިއަށް ދާނީ ރަނގަޅު މިސްރާބަށް" ރައީސް ޞާލިޙްގެ ޓްވީޓް ނިންމާލައްވަމުން ވިދާޅުވެއެވެ. 

ދެރައީސުންގެ ބައްދަލުވުމަށްފަހު މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މާތްﷲގެ އިރާދަފުޅުން އެބޭފުޅުންގެ އޮޑިއެއް ނުފެތޭނެކަމަށެވެ. އަދި އެބޭފުޅުންނަށް ޤައުމު ސަލާމަތުގެ އައްސޭރިއަށްވެސް ގެންދެވޭނެ ކަމަށާއި ރައްޔިތުންނަށް ހެޔޮ ގޮތް ހޯއްދަވައި ދެއްވޭނެ ކަމަށެވެ.

ދެ ރައީސުން ބައްދަލު ކުރައްވައިފައި ވަނީ ދެ ބޭފުޅުން ކުރެ އެމްޑީޕީގެ އެންމެ އިސްބޭފުޅަކީ ކޮންބޭފުޅެއްކަމާމެދު ޕާޓީގެ ބައެއް މެމްބަރުންގެ  މެދު ގައި ޚިޔާލުތަފާތުވެފައިވާ ދަޅިވަޅެއްގައެވެ. އަދި ބައެއް ވަޒީރުންނަށް ރައީސް ނަޝީދު ފާޅުގައި ފާޑުވިދާޅުވެ އިތުބާރު ނެތްކަމުގެ ވޯޓެއްގެ މައްސަލަވެސް ވެސް ފެންމަތި ވިތާ ދުވަސް ކޮޅަކަށް ފަހުއެވެ.  މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައިވެސް، މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވިދާޅުވީ އެމަނިކުފާނަކީ ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށެވެ. ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ ކަމަށެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.