ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޒާ ދިޔާނާ ސަޢީދު ވެސް "ތަބަކާ ދެކޮޅު" ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ. ދިޔާނާ މިހެން ވިދާޅުވީ ދިޔާނާގެ ފިރިކަލުން، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ، ޢަބްދުﷲ ޖާބިރު ކުރެއްވި ޓުވީޓަކާއި ގުޅިގެން މީހަކު ދީފައިވާ ރައްދުގެ ޖަވާބުގައެވެ.
ޖާބިރްގެ ޓުވީޓުގައި ވިދާޅުވީ އެމްޑީޕީ އިން ބާއްވާ ޕްރައިމަރީ ވާދަ ކުރާނެ ކަމަށް ބުނެ މީހަކު ކުރި ޓުވީޓަކަٍށް ޖާބީރް ވިދާޅުވެފައިވަނީ "މިކަން ކުރަންވާނީ މިގޮތަށް" (ޕްރައިމަރިގައި ވާދަ ކުރެވެން ވާނެ) ކަމަށެވެ. ޖާބިރު އިއްޔެ ކުރއްވި ޓުވީޓަކަށް އިޝާރާތް ކޮށް ޓުވިތަރަކު ވަނީ ޖާބިރަަށް ރައްދު ދީފައެވެ. އިއްޔެ ޖާބިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިހުގައި ކޮލަމާފުށި/ވިލިނގިލި ދާއިރާ ތަމްސީލު ކުރައްވާނެ އެމްޑީޕީގެ މެންބަރަކީ އެމަނިކުފާނުގެ އަނބިކަނބަލުން އަލްއުސްތާޒާ ދިޔާނާ ސަޢީދު ކަމަ މެދު ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށާއި އެހން ކަމުން ދިޔާނާ އަށް ރައީސް މައުމޫން ހުރަހަކަށް ނުވާނެ ކަމަށެވެ. ޖާބިރްގެ ވާހަކަ ރައީސް މައުމޫން ވަނި ދޮގު ކުރައްވާފައެވެ.
މި ޓުވީޓާ ގުޅުވައިގެން ޖާބިރަށް ރައްދު ދިން މީހާ ބުނެފައިވަނީ ޖާބިރު އުޅުއްވަނީ ފައިސާ ދިން ވަރު ވިދާޅުވެފަ އަނބިކަނބަލުންނަށް ތަބަކަކަށް ލާފައި ޓިކެޓް ހޯއްދަވައި ދެއްވާން ކަމަށެވެ.
އޭގެ ޖަވާބުގައި ދިޔާނާ ވަނީ އެކަމަނާ މިހާރު އެ ހުންނެވި ހިސާބަށް ވަޑައިގެންނެވުނު ގޮތް އޮޅުންފިލުއްވައި ދެއްވައި އެކަމަނާ ވެސް ތަބަކާ ދެކޮޅު ކަމަށް ވިދާޅުވެފައެވެ. ދިޔާނާ ވިދާޅުވީ ތައުލީމު ހޯއްދެވުމަށް އެކަމަނާ އައްޑޫ އިން މާލެއަށް، އަދި މާލެއިން ކުއަލަ ލަމްޕޫރަށް އަދި އެތަނުން އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ތެސްމޭނިއާ އަށް، އެތަނުން ޖަޕާނުގެ އޮސާކާ ޔުނިވަރިސިޓީ އަށް، އަދި އޮސާކާ ޔުނިވަރިސޓީ އިން އިނގިރޭސިވިލާތުގެ ލޭސެސްޓަރ ލޯ ސްކޫލަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެކަމަނާ އަށް ކުރިއެރުން ލިބިފައިވަނީ އަމިއްލަފުޅަށް ކުރެއްވި ބުރަ މަސައްކަތުން ކަމަށް ދިޔާނާ ވިދާޅުވިއެވެ.
ThabakaaDhekolhu# (ތަބަކާ ދެކޮޅު) ކެންޕޭނަކީ މަޖިލީހުގައި ވާދަކުރުމަށް ޕްރައިމަރީ އަކާ ނުލައި ވަކި ބަޔަކަށް ކޯލިޝަންގެ ލިޑަރުން ނުވަތަ ޕާޓީ ތަކުން ޓިކެޓް ދިނުމާ ދެކޮޅަށް ޓުވިޓަރ ގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. "ސިޔާސީ ވެރީންނަށް އާއްމުން ވޮޓު ދޭނެ މީހުން ކަނޑަނޭޅޭނެ" ކަމަށާއި ޕްރައިމަރީ ތަކުގައި ވާދަ ކޮށް ފުރުސަތު ހޯދަން ޖެހޭ ކަމަށް ބުނެ ތަބަކާދެކޮޅު ހޭޝްޓެގް ބޭނުންކޮށްގެން ގިނަ ބަޔަކު ދަނީ ޚިޔާލު ފާޅު ކުރަމުންނެވެ.
ބައެއް ޓުވިޓަރުން ބުނެފައިވާ ގޮތުގައި ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙަށް ވޯޓު ދިނީ އެއްގޮތަކަށްވެސް ކޯލިޝަނުން ބޭނުންވާ މީހުންނަށް ތަބަކަކަށް ލާފައި މަޖިލިސް ގޮނޑި ދޭކަށް ނޫނެވެ. އަދި ސަރުކާރު ފޮތިފޮތިކޮށް ބޯކިބާ ބަހާ އުސޫލުން މަޖިލީހުގެ ގޮނޑި ދީގެން ނުވާނެއެވެ. ރައްޔިތުން ނިކުތީ ވައްކަމާއި، ފަސާދަ އާއި އަނިޔާ އާ ދެކޮޅަށް ކަމަށާއި ސިޔާސީ ވެރީން ބޭނުންވާ ގޮތަށް ކުޅިބައި އެތުރިދާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް ވެސް ޓުވިޓަރަކު ބުނެފައިވެއެވެ.
ތަބަކާ ދެކޮޅަށް ޓުވިޓަރުން ފާޅުކޮށްފައިވާ ޚިޔާލު ThabakaaDhekolhu# ހޭޝްޓެގް ފޮލޯ ކުރުމުން ފެންނާނެއެވެ.