މަރު ތަޙުޤީޤު ކުރައްވާ ކޮމިޝަނާ ރައީސް ބައްދަލު ކުރައްވައިފި

"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން"ގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު  ބައްދަލުކުރައްވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެ ކޮމިޝަނާ ޙަވާލު ކުރައްވައިފައިވަނީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އެހެން ކަމުން އެމަނިކުފާނުގެ ފަރާތްޕުޅުން ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ކޮމިޝަނަށް ލިބިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ބޭރުގެ ފަންނީ އިދާރާތަކުން ހޯދަންޖެހޭ ހުރިހާ އެހީތެރިކަމެއްވެސް "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ  ކޮމިޝަނަށް" ފޯރުކޮށް ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްޖޫރިއްޔާ ދެއްވިއެވެ. މި މަސައްކަތް ވީ އެންމެ އަވަހަކަށް ފައްޓަވައިދެއްވުމަށާއި، ވަކި މީހަކަށް ބެލުމެއްނެތި ނަޒާހާތްތެރިކަމާއެކު ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބައްލަވައިދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޝަނުގެ މެންބަރުންގެ ފަރާތްޕުޅުން އެދިވަޑައިގެންފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކޮމިޝަނުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކަށް އާންމުންނަށް ބަލައިގަނެވޭ ވަރުގެ ތަޙުޤީރީ ރިޕޯޓްތަކެއް ތައްޔާރުކުރެއްވުމަށްކަމުގައި ފާހަގަކުރެއްވިއެވެ. އަދި، މި ކޮމިޝަނުގެ މެންބަރުން ވަނީ މި މަސައްކަތް ނަޒާހާތްތެރިކަމާއިއެކު ވީ އެންމެ އަވަހަކަށް ކުރިޔަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވައިފައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.