ހުރިހާ މުއައްޒަފުންނަށް މަސައްކަތު ވެށީގެ ރައްކާތެިރކަން ކަށަވަރު ކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ފޮރިން މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރިގެ އިސް މުއައްޒަފުންތަކަކަށް އެމިނިސްޓްރީގެ އިސް މުއައްޒަފަކު ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހުން ފެށިގެން ކާކުކަން ނޭނގޭ އެކައުންޓަކުން ދަނީ ޓުވީޓު ކުރަމުންނެވެ. މި އެކައުންޓުން ކޮށްފައިވާ ޓުވީޓު ތަކުގައި ބުނެފައިވާ ގޮތުގައި އެމިނިސްޓްރީގެ އިސްވެރިޔަކު ވަނީ ރާއްޖެެއިން ބޭރަށް ކުރެއްވި ދަތުރުފުޅެތަކެއްގައި އެތަނުގެ 3 މުއައްޒަފަކަށް ޖިންސީ ފުރައްސާރަ ކޮށްފައެވެ. އަދި އެ ސްޓާފުން މި މައްސަލަ ހުށަހެޅުމުން މިނިސްޓްރީ ތެރެއިން އެ މުއައްޒަފުންނަށް ގަނާ ކޮށްފައިވާ ކަމަށްވެސް އެ ޓުވީޓުތަކުގައި ވެއެވެ. އަދި އެހެންމެ އެތަނުގެ ޒިއްމާދާރު ވެރިޔާ އަށްވެސް ބޮދެތި ތުހުމަތު އުފުލާފައިވެއެވެ.
މި ކަމާއި ގުޅިގެން މިނިސްޓްރީ އިން ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައިވެއެވެ. އެބަޔާނުގައި ވިދާޅުވެފައިވަ ގޮތުގައި މިނިސްތްރީ އަަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލަ ބެލުމަށް އެ މިނިސްޓްރީ ތެރެއިން އެކުލަވާލާފައިވާ ކޮމިޓީއަށް ބުރާސްފަތި ދުވަހު ވަނީ ހުށަހަޅާފައެވެ. މަސައްކަތު މާހައުލުގައި މުއައްޒަފުންނަށް ކުރިމަތިވާ އެކިކަހަލަ ފުރައްސާރައިގެ މައްސަލަތައް ބަލާނެ ކޮމިޓީ އެއް އޮތުން ކޮންމެ މުއައްސަސާއެއްގެ މައްޗަށް ގާނޫނުން ލާޒިމު ކުރެއެވެ.
މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަ މިހާރު ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓްރީ އިން ނެރުއްވި ބަޔާނުގައި ވެއެވެ. އަދި ޖިންސީ ގޯނާގެ ތަކާމެދު އަމަލުކުރަައްވަމުން މިހާރު ގެންދަވާ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަ ކަމަށް ވެސް އެބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ޖިންސީ ފުރައްސާރައިގެ މައްސަލަ އެއްވެސް ވަރަކަށް އެމިނިސްޓްރީން ތަހައްމަލު ނުކުރާނެއެވެ. އަދި މުއައްޒަފުން މަސައްކަތަ ކުރާ ވެށީގެ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް ސޯޝަލްމީޑިއާގައި މި ވާހަަކަތައް ހިއްސާކޮށް އެކަމާ އަޑުއުފުލި ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިއަހަރުގެ މޭމަހު މި މައްސަލަ ފުރަތަމަ ހުށަހެޅުމުން އެމައްސަލަ ފޮރުވަން މިނިސްޓްރީގެ އިސް މުއްޒަފުންތަކެއް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ސޯޝަލްމީޑިއާގައި އަލަށް އަންނަ ސަރުކާރަށް ވެސް މި ކަން ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބުނު ނަމަވެސް އެކަމާ އެއްވެސް ވަރަކަށް އަޅައެއް ނުލައެވެ. ސޯޝަލްމީޑިއާގައި މައްސަލަ ފެންމަތި ކުރި ފަރާތުން ހާމަކޮށްފައިވާ ގޮތުގައި މުއައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރީ ފޮރިން މިނިސްޓަރ ޑރ. އަޙްމަދް އާސިމް އެވެ.