އެމެރިކާގެ ކޮންގްރެސްއަށް މުސްލިމް ދެ އަންހެނުން ހޮވިއްޖެ

އެމެރިކާގެ ކޮންގްރެސްއަށް ހޮވިވަޑައިގަތް އިލްހާން އުމަރު (ކ) އަދި ރަޝީދާ ޠުލައިބު (ވ)

އެމެރިކާގައި އަންގާރަދުވަހު ދައުރުގެ މެދުތެރޭން ބޭއްވި އިންތިޚާބުގައި މުސްލިމް ދެ އަންހެނަކު ތާރީޚީ ކާމިޔާބީ ހޯދައިފިއެވެ. އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ، ކޮންގްރެސްއަށް މިޗިގަންއިން ވާދަކުރެއްވި ރަޝީދާ ޠުލައިބާއި މިނެސޯޓާއިން ވާދަކުރެއްވި އިލްހާން އުމަރުވަނީ ގޮނޑި ކާމިޔާބުކުރައްވާފައެވެ.
ފަލަސްޠީނު އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ޠުލައިބު މިޗިގަން 13 ވަނަ ކޮންގްރެސް ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުންނެވެ. ސޯމާލިޔާގެ އާއިލާއަކުން ވަޑައިގެން ހުންނެވި އިލްހާން އުމަރު މިނެސޯޓާގެ 8 ވަނަ ކޮންގްރެސް ދާއިރާއަށް ވާދަކުރެއްވީވެސް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުންނެވެ.
"ތިއީ (ކޮންގްރެސްއަށް މިދާއިރާއިން ހޮވޭ) ފުރަތަމަ މުސްލިމް އަންހެނާއޭ މީހަކު ބުނުމުން އަހަރެން ހިތަށް އަރާ ފުރަތަމަ އެއްޗަކީ އެކަމުގެ އުފާ ފާޅުކުރަން ވީއޭ. މިއީ ނުވާނޭ ކަމެއް ހީކޮށްގެން ތިބުމަށްފަހު އަހަރުުމެން މިވަނީ ތާރީޚު ބަދަލުކޮށްލާފައި." އިންތިޚާބުވުމާ ބެހޭގޮތުން ވާހަކަދައްކަވަމުން ރަޝީދާ ޠުލައިބު ވިދާޅުވިއެވެ.
އުމުރުފުޅުން 42 އަހަރުގެ ރަޝީދާ ޠުލައިބު އުފަންވެވަޑައިގަތީ ޑިޓްރޮއިޓަށެވެ. އޭނާ އަކީ 2008 ވަނަ އަހަރު މިޗިގަން ސްޓޭޓްގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުކަމަށް ހޮވުނު ފުުރަތަމަ މުސްލިމް އަންހެން މެންބަރެވެ.
އޭނާގެ ކެމްޕޭން ބިނާކުރެއްވީ މުސާރައިގެ އެންމެ ކުޑަމިންވަރަކީ ދުވަހަށް 15 ޑޮލަރަށް ހެދުމާ، ސޯޝަލް ސެކިއުރިޓީ ކެނޑާލުމާ ދެކޮޅުހެދުމާ، ބޮޑެތި ކުންފުނިތަކަށް ޓެކްސް މާފުކުރުމާ ދެކޮޅުހެދުމުގެ މައްޗަށެވެ.
އުމުރުފުޅުން 36 އަހަރުގެ އިލްހާން އުމަރަކީ ސޯމާލިއާގެ ދާޚިލީ ހަނގުރާމައިން ސަލާމަތްވާން އުމުރުން 14 އަހަރުގައި އެމެރިކާއަށް ހިޖުރަކުރި ކުއްޖެކެވެ. އޭނާވެސް ކެމްޕޭންކުރެއްވީ ޠުލައިބު ނެންގެވި ފަދަ މައްސަލަތައް ނަންގަވައިގެންނެވެ.
މުސްލިމް ދެ އަންހެން އެމެރިކާގެ ކޮންގްރެސްއަށް މި ހޮވުނީ މުސްލިމުންނާ ދެކޮޅު ހެދުމުގެ އޮއިވަރެއް އެމެރިކާގައި ފެތުރެމުންދާ ދުވަސްވަރެއްގައެވެ.
ކޮންގްރެސްގެ އިންތިޚާބުގައި މިހާތަނަށް އިއުލާންކުރެވިފައިވާ ނަތީޖާތަކަށް ބަލާއިރު ޑިމޮކްރެޓިކް ޕާޓީން ވަނީ 223 ގޮނޑި ކާމިޔާބުކޮށްފައެވެ. ރިޕަބްލިކަން ޕާޓީއަށް ކާމިޔާބުކުރެވުނީ 196 ގޮނޑިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.