އެމެރިކާއަށް ހިޖުރަކުރުމާ ބެހޭ ހަރުކަށި ބިލް ގާނޫނު ހަދާ މަޖިލީހުން ފާސްނުކުރި

ގަވާއިދާއި ޚިލާފަށް ހިޖުރަކޮށްފައިވާ ކުދިން މައިންބަފައިންނާއި ވަކިކޮށް ބަންދުކޮށްފައިވާ ކޭންޕެއް

އެމެރިކާއަށް ހިޖުރަކުރުމުގެ ގާނޫނަށް ބަދަލުގެންނަން ރައީސު ޓްރަމްޕްގެ ސަރުކާރުން ހުށަހެޅި ހަރުކަށި ބިލް ގާނޫނު ހަދާ މަޖިލީހުގެ ތިރީ ގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ފާސްނުކޮށް ބޭރުކޮށްލައިފިއެވެ.

ހައުސްގެ ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު ބޮބް ގުޑްލާޓް ހުށަހުޅުއްވި ބިލް ފާސްުނުކުރަން ނިންމީ 231 ވޯޓު 193 ވޯޓުންނެވެ. މި ވޯޓުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ 41 މެންބަރުން އިދި ކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާ އެއްކޮޅަށް ވޯޓުލާފައި ވެއެވެ. މީގެ މާނައަކީ ރިޕަބްލިކަން މެންބަރުންގެ ފަސް ބައިކުޅަ އެއްބައި އެ ބިލާ ދެކޮޅުވުމެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މި ވޯޓު އައިސްފައި މިވަނީ ރައީސު ޓްރަމްޕްގެ ހަރުކަށި ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން އެމެެރިކާ-މެކްސިކޯ ސަރަހައްދީ ރޮނގު ކައިރީގައި އެމެރިކާ ފުލުހުން ހިޖުރަކޮށްފައި ތިބި މައިންބަފައިންނަކީ "ޢައިރުޤާނޫނީ" ގޮތުން ހިޖުރަކޮށްފައި ތިބި މީހުންކަމަށް ބުނެ އެމީހުންނާ އެމީހުންގެ ދަރިންނާ ވަކިކުރުމުގެ މަސައްކަތް ފެށުމާއެކު އެކަމަށް އެމެރިކާގެ އެތެރެއިންނާއި ބޭރުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވުމުން ޓްރަމްޕްގެ ރިޔާސީ އަމުރަކަށް އެކަން ހުއްޓާލާފައި ވަނިކޮށެވެ. ފުލުހުންގެ އެ އޮޕަރޭޝަންގައި 5 ހަފުތާ ތެރޭގައި 2300 ކުދިން އެކުދިންގެ މައިންބައިފައިންނާ ވަކިކޮށް، މައިންބަފައިން އެމެރިކާއިން ބޭރުކޮށް ކުދިން ދަގަނޑު ކޮށިތަކެއް ހެން ހީވާ ކޭމްޕްތަކެއްގައި ބަންދުކޮށްފައި ވެއެވެ.

ހައުސްއިން އެ ބިލް ފާސްނުވުމުން، އިތުރު ދޫދިނުންތަކަކާ އެކު އާ ބިލެއް ހުށަހެޅުމުގެމަސައްކަތް ރިޕަބްލިކަނުން ކުރަމުންދާއިރު، ހަރުކަށި ޚިޔާލުގެ މެންބަރުން އެބިލަށް ވޯޓުނުލައި އެބިލް ވެސް ފާސްނުވާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. ހިޖުރަކޮށްފައި ތިބި މީހުންގެ މައްސަލަ ހައްލުކުރާނެ ގޮތަކާމެދު ކުރެވޭ ބަހުސް ހޫނުވެ، ރިޕަބްލިކަން ޕާޓީގައި ބައިބައިވުން އުފެދިފައިވާއިރު، ގާނޫނު ހަދާ މަޖަލީހުގައި ތިއްބެވި އެޕާޓީގެ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަންނަ އޮކްޓޯބަރު ނުވަތަ ނޮވެންބަރުގައި، ދައުރުގެ މެދުތެރެއިން ބާއްވާ އިންތިޚާބަށް މިކަމުގެ އަސަރުކޮށް ރިޕަބްލިކަން ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެތީއެވެ.

ފާސްނުކޮށް ބޭރުކޮށްލި ބިލުގައި އެމެރިކާ-މެކްސިކޯ ސަރަހައްދީ ރޮނގުގައި ބިނާކުރަން ރައީސު ޓްރަމްޕް ވައުދުކުރައްވާފައިވާ ފާރު ބިނާކުރުމަށް 100 ބިލިއަން ޑޮލަރު ކަނޑައަޅާފައިވާ އިރު، ރިޕަބްލިކަނުން މިހާރު މަސައްކަތްކުރަމުން ދަނީ އެދަދު 24.8 ބިލިއަނަށް ކުޑަކޮށް، ކުޑައިރު ޢާއިލާއާއި އެކު ގަވާއިދާ ޚިލާފަށް އެމެރިކާއަށް ހިޖުރަކޮށް ދިރިއުޅެމުންދާ 1.8 މިލިއަން ކުދިން އެމެރިކާގެ ރަށްވެހިންނަށް ހެދުމާމެދު ދެޕާޓީއަށް އެއްބަސްވެވޭ އުސޫލުތަކެއް ބިލުގައި ހިމެނުމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.