ނަޝީދުއާ އެކީ މާލެ ވަޑައިގަތުމަށް އިންޠިޚާބީ ރައީސް ސްރީ ލަންކާ އަށް

ނުރަސްމީ ދަތުރުފުޅެއްގައި އިންޠިޚާބީ ރައީސް އިބްރާހިމް މުޙައްމަދް ޞާލިޙް މާދާމާ ސްރީ ލަންކާއަށް ފުރައިވަޑައިގަންނަވާނެ ކަަމަށް އެމަނިކުފާނުގެ ސްޕޯކްސްޕާރސަން އަލް އުސްތާޒާ މާރިޔާ އަޙްމަދް ދީދީ ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މާރިޔާ ވިދާޅުވީ މާދަމާ ފުރައިވަޑައިގަތުމަށް ފަހު ރައީސް ޞާލިޙް އެނބުރި މާލެ ވަޑައިގަންނަވާނީ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހު ކުރީގެ ރައީސް ނަޝީދު އާއެކީގަ ކަމަށެވެ. އަދި ސްރީ ލަންކާއަށް ވަޑައިގަންނަވަނީ ރައީސް ނަޝީދު އާއެކީގަ މާލެވަޑައިގެންނެވުމަށް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ރައީސް ނަޝީދު މާދަމާ ނޫން އަނެއް ދުވަހު މާލެ ވަޑައިގަންނަވާއިރު އެމަނިކުފާނުގެ މައްޗަށް 2015ވަނަ އަހަރު ކޮށްފައިވާ 13 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން މިއަދުވަނީ އަމުރުކޮށްފައެވެ. މިއަދުގެ ޕްރެސްގައި މާރިޔާ ވަނީ ސުޕްރީމް ކޯޓުގެ ނިންމެވުމަށް މަރުހާބާ ދަންނަވާފައެވެ. ނަޝީދުގެ މައްސަލަ މުރާޖަޢާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ފޮނުވާފައިވަނީ ހޯމަ ދުވަހުއެވެ.

ރައީސް ޞާލިޙްގެ ފަރާތުން ނޫސްވެރީންނަށް މައުލޫމާތު ދެއްވުމަށް ކޮންމެ ދުވަހަކު ބައްދަލުވުން ބާއްވަމުން އައިސް މީގެ ދެހަފްތާއެއް ހައި ދުވަސް ކުރީން ބައްދަލުވުންތައް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް މިއަދުގެ ޕްރެސްގައި މާރިޔާ ވިދާޅުވީ ގަވައިދުން ކޮންމެ ދުވަހަކު ދެން ބައްދަލުވުން ކުރިއަށް ގެންދަވާނެ ކަމަށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.