މޫނުގެ ހަންގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓިދާނެ ގޮތްތައް

ހަމަ ނިދި ނުލިބޭ ނަމަ ނުވަތަ މާ ބިޒީ ކޮށް އުޅެން ޖެހުމުން ބައެއްފަހަރު ހަންގަނޑަށް އެކަށިގެންވާ ގޮތެއްގައި އަޅައެއް ނުލެވެއެވެ. ސެލޫން އަށް ގޮސް ފޭޝަލް އެއް ހަދާލާނެ ވަގުތުވެސް އޮންނަނީ ނުވެފައެވެ. އެފަދަ ޝެޑިއުލްގައި އުޅޭ މީހުންނަށް މޫނުގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްތަކައި ގޭގައި އަމިއްލަ އަށް ފޭސް މާސްކް ތައްޔާރު ކުރެވިދާނެއެވެ. މިފަހަރު ހިއްސާ މިކޮށްލަނީ ކުޑަ ޚަރަދަކުން ގޭގައި ތައްޔާރު ކުރެވިދާނެ ހަތަރު މާސްކެވެ. ކުރަން ޖެހޭނަހާ ވެސް ކަމަކީ ނިދަން އޮށޯތުމުގެ އިރުކޮޅެއް ކުރި ހުސްކޮށް، އޮށޯތުމުގެ ކުރީން މޫނުގައި އުނގުޅުމެވެ.

ރީނދުލާއި ކިރު މާސްކް

ރޯ ކިރަކީ ޓޭން ވުން ހުއްޓުވާ ބާވަތެކެވެ. އިރުގެ އަވީން މޫނު ޓޭން ވުމުން ގެވެށިފަރުވާ ގެ ގޮތުގައި ބޭނުންކުރެވިދާނެ ބާވަތެކެވެ. ރޯ ކިރުގައި ހަންގަނޑުގެ ޓޯން އެއްވަރަކަށް ހިފަހައްޓައިދޭ މާއްދާ އެއްކަމަށްވާ ލެކްޓިކް އެސިޑް ހުރެއެވެ. ރީނދުލަކީ އެންޓިސެޕްޓިކް އަދި އެންޓިބެކަޓީރިއަލް މާއްދާ ހުންނަ ބާވަތެކެވެ. އަދި ހަނގަނޑު އަލިކޮށްދޭ ބާވަތެއްވެސް މެއެވެ.

ބޭނުންވާނެ ބާވަތްތައް:

4 ސައިސަމުސާ ރީނދޫ ޕައުޑަރު

5-6 ސައިސަމުސާ ރޯ ކިރު

ތައްޔާރު ކުރާނެ ގޮތް:

ބޯތަށްތެއްގައި ރޯ ކިރާއި ރީނދޫ ރަނގަޅަސް އެއްކުރާށެވެ. ޕޭސްޓަކަށް ވުރެ ތުނިވާނެއެވެ. އިނގިލިން މޫނާއި ކަރުގައި އުނގުޅާށެވެ. އިރުކޮޅަކުން ނިދަން އޮށޯންނާށެވެ. ހެނދުނު ހޭލައިގެން ފިނި ފެނުން މޫނު ދޮވެލާށެވެ. މި މާސްކް ހަފްތާއަކު 3، ނުވަތަ 4 ފަހަރު ބޭނުން ކުރުމުން ނަތީޖާ ރަނގަޅުވާނެއެވެ.

ބިސް މާސްކް

މޫނުގެ ހަންގަނޑު މަޑުކޮށް ދުޅަހެޔޮކޮށް ބަހައްޓަން ބޭނުންނަމަ ބިހުގެ ހުދު ބައި މިއީ އެކަމަށް އެންމަ ރަނގަޅު އެއްބާވަތެވެ. ބިހުގެ ލޮނދީގައި ހަންގަނޑު ވާންކަން ހިފަހައްޓައިދޭ މާއްދާ އެއް ކަމަށްވާ ވިޓަމިން އޭ ހުރެއެވެ. އަދި މޫނުގައި ހުންނަ ވިދިތައް ލައްޕައި ޒުވާންކަން ދަމަހައްޓައިދެއެވެ.

ބޭނުންވާނެ ބާވަތްތައް:

1 ބިހުގެ ލޮނދި

ތައްޔާރުކުރާނެ ގޮތް:

ބިހުގެ ލޮނދި ތަށްޓަކަށް ނެގުމަށް ފަހު މޫނުގައި އުނގުޅާށެވެ. ހިކެން 15ވަރަކަށް މިނިޓް ނަގާނެއެވެ. ބޭނުންނަމަ ނިދަން އޮށޯތުމުގެ ކުރީން ދޮވެލާށވެ. ނުވަތަ ހެނދުނު ހޭލައިގެން ދޮންނާން ބަހައްޓާށެވެ. ހެނދުނު ހޭލައިގެން ދޮންނަ ނަމަ ފިނި ފެނުން ދޮންނާށެވެ. މިއީ ހަފްތާ އަކު 2 ފަހަރު ނުވަތަ 3 ފަހަރު ބޭނުންކުރެވިދާނެ މާސްކެކެވެ.

އޯޓްސް އާއި ކިރު މާސްކް

އޯޓްސްގައި ސެޕޯނިއަންސް ކިޔާ މާއްދާ އެއް ހުރެއެވެ. މި މާއްދާ އަކީ ގުދްރަތީ ކްލީންސަރ އެއް ގޮތަށް މަސައްކަތް ކުރާ މާއްދާ އެކެވެ. ހަމައެހެންމެ އޯޓްސް އަކީ މޫނުގައި ހުންނަ ބޭކާރު ތެޔޮ ދަމައިގަންނަ ބާވަތެކެވެ. ނަތީޖާ އެއްގެ ގޮތުން އޮށާޅަ ނެގުން މަދުކުރެވޭނެއެވެ. އަދި އޯތްސްގައި ހުންނަ އެންޓިއޮކްސިޑެންޓުން ހަމުގައި ހުންނަ މަރުވެފައި ހުންނަ ސެލްތަކާއި މަރުވެފައި ހުންނަ ހަން ސާފުކޮށްދެއެވެ. މާމުޔަކީ މޮއިސްޗަރައިޒްކޮށްދޭ ބާވަތަކެވެ. ތުންފަތާއި އުޅަނބޮށި އަދި ކަކުލުން ހަންގަނޑު ހަރުވެ ހިކިފައި ހުންނަ ނަމަވެސް މާމުއި އުނގުޅުމުން ރަނގަޅުވެއެވެ.

ބޭނުންވާނެ ބާވަތްތައް:

މޭޒުމަތީ ސަމުސަލެއްގެ އޯޓްސް

މޭޒުމަތީ ސަމުސަލެއްގެ މާމުއި

ތައްޔާރުކުރާނެ ގޮތް:

މާމުޔާއި އޯތްސް ބޯތަށްޓެއްގައި އެއްކުރުމަށްފަހު އޯޓްސް މަޑުވަންދެން ބަހައްޓާށެވެ. ފަސް މިނިޓްވަރު ބެހެއްޓުމަށްފަހު ޗަސްކުރާށެވެ. ދެން މޫނުގައި އުނގުޅުމަށްފަހު ހެނދުނު ވަންދެން ބަހައްތާށެވެ. އިރުގެ ދޯދިން މޫނުގެ ހަނގަނޑަށް ލިބިފައިވާ ގެއްލުމަށް ފަރުވާދީ ހަނގަނޑު މަރާމާތުކޮށް މޮއިސްޗަރައިޒް ކޮށްދޭނެއެވެ.

ޓޮމާޓޯ މާސްކް

ޓޮމާޓޯ އަކީ އޮށާޅަ ނަގާފައި ހުންނަ މީހުންގެ ހަންގަނޑަށް ރަނގަޅު ފަރުވާ އެކެވެ. އަދި މޫނަށް އާރޯކަން ގެނެސްދީ އިރުގެ އަވިން އަނދާފައި ހުންނަ ހަމަށް ފަރުވާ ލިއްބައިދެއެވެ.

ބޭނުންވާނެ ބާވަތްތައް:

މެދުމިނުގެ ޓޮމާޓޯ އެއް

2 މޭޒުމަތީ ސަމުސާ ރޯ ކިރު

ތައްޔާރުކުރާނެ ގޮތް:

ޓޮމާޓޯ ދެފަޅި ކުރާށެވެ. ބޯތަށްޓަށް ކިރު އެޅުމަށްފަހު އޭގެ ތެރެއަށް ޓޮމާޓޮ ލާށެވެ. ދެން މޫނުގައި އުނގުޅާށެވެ. މިގޮތަށް ތަކުރާރު ކުރާށެވެ. ބޮޑަށް ރަނގަޅުވާނީ ޓޮމާޓޯ ކިރުގެ ތެރެއަށް ޗަސްކޮށްގެން އެ ޕޭސްޓް މޫނުގައި އުނގުޅުމެވެ. ހެނދުނު ހޭލައިގެން ފިނި ފެނުން މޫނު ދޮވެލާށެވެ.

އޯޓްސް އާއި މާމުއި މާސްކް ނުވަތަ ޓޮމާޓޯ މާސްކުން ބާލީސް ހަޑިވެދާނެއެވެ. ބިސް މާސްކަކީ ވަރަށް ވަސްގަދަ މާސްކެކެވެ. އެހެންކަމުން ނިދުމުގެ ކުރީން މޫނު ދޮވެލިޔަސް އެންމެ ރަނގަޅުވާނެއެވެ. ބޮޑަށް ރަނގަޅީ ހެނދުނު ހޭލައިގެން ދޮވުމެވެ. ބޭނުންކުރާނެ ގޮތް ޚިޔާރު ކުރާނީ ބޭނުންކުރާ ފަރާތުންނެވެ. ހޭލައިގެން ނުވަތަ އޮށޯތުމުގެ ކުރީން މޫނު ދޮވުނަސް ހަނގަނޑަށް ފަރުވާ ލިބޭނެއެވެ.

މައުލޫމާތު: އެންޑީޓީވީ ފުޑް   

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.