ހުރިހާ ކަމެއްގައި ވެސް އަޅުގަނޑު އެދެނީ ގައުމީ ސަލާމަތަށް: ރައީސް

ހުރިހާ ކަމެއްގައި ވެސް އެދިވަޑައިގަންނަވަނީ ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގައުމޫ މުޚާތަބުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ ފާއިތުވި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓު ދެއްވި މީހުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނަށް ވޯޓު ނުދެއްވި މީހުންނަށްވެސް ޝުކުރު އަދާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް ވޯޓު ނުދެއްވި މީހުން ވެސް ގައުމާ މެދު ވިސް ވިސްނެވުމަށް ވެސް ރައީސް އެދި ވަޑައިގެންނެވިއެވެ. އެބޭފުޅުން ވެސް ގައުމީ މަސްލަހަތު އިސްކުރެއްވުމަށް އެމަނިކުފާނު އެދި ވަޑައިގެންނެވިއެވެ.

އެމަނިކުފާނު ކުރައްވައިފައިވާ ކަމެއް ކުރެއްވީ ރައްޔިތުންގެ ހެވާއި ލާބަޔަށް ކަމަށް ވެސް ވިދާޅުވިއެވެ. ވަކިވަކި ލީޑަރުންގެ ހައްގަށް ވުރެ ބޮޑަށް މުޅި ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ގައުމީ ރަސްމީ މަސައްކަތުން އެކަހެރިވެ ވަޑައިގެންނެވިޔަސް އަބަދު ވެސް ރައްޔިތުންނަށްޓަކައި ހުންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ އަބަދުވެސް މައުސޫމް ބައެއް ކަމަށާއި، އެހެންނަމަވެސް ގައުމުގައި އިސްކޮށް ތިބި މީހުން އަމިއްލަ މަސްލަހަތު އިސްކޮށްގެން ކަންކަން ކުރައްވާ ކަމަށްވާނަމަ ގައުމަށް ކުރިއެރުމާއި ހަމަޖެހުމެއް ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީހުންގެ ވިސްނުން ބަދަލުވެގެން ދިޔައީ ކޮންފަދަ ނުފޫޒަކުން ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި، ގައުމަށްވުރެ އަމިއްލަ އެދުން ނުވަތަ އަމިއްލަ މަސްލަހަތު ކުރިއަށް ނެރެވުނުތަނެއް ފެނިވަޑައި ނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފާއިތުވި ފަސް އަހަރު އެމަނިކުފާނުގެ ނުކުޅެދުންތެރި ކަމަކަށް ވެގެންދިޔައީ މީހުން ދަސްނުވުން ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނުގެ މައިގަނޑު ސިޔާސަތަކަށް ހެއްދެވީ ގައުމީ ސަލާމަތް ކަމަށާއި، އޭގެތެރޭގައި ސިޔާސީ ބައެއް ބޭފުޅުންނަށް ދަތި އުނދަގޫވާ ކަންތައްތަކެއް ވެސް ކުރެވިފައި ހުންނާނެ ކަމަށް ވިދާޅުވިއެވެ. އެ ހުރިހާ ކަމެއްކޮށްފައިވާނީ ކޯޓު މަރުހަލާ ތެރެއިން ކުރަން އޮންނަ އުސޫލުން ކަމަށް ވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ހުރިހާ ގައުމުތަކާ ވަރަށް ގުޅުންއޮންނަ ގައުމެއް ކަމަށާއި، ޚާއްސަކޮށް އިސްލާމީ ގައުމުތަކާ އޮންނަ ގާތްކަން ބޮޑު ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެމަނިކުފާނުވާނީ ގައުމީ ސަލާމަތަށް ވަރަށް ބޮޑަށް އިސްކަން ދީ، ބޭރުގެ ނުފޫޒުން ގައުމު ސަލާމަތް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިފައި ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.