ކެބިނެޓްގެ މަގާމެއް މިވަގުތު ބޭނުމެއް ނޫން: އަންވަރު އިބްރާހީމް

އަންވަރު އިބްރާހީމް މިއަދު ގާނޫނުހަދާ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ކުރައްވަނީ

މެލޭޝިޔާގެ ގާނޫނު ހަދާ މަޖިލީހަށް ޕޯޓް ޑިކްސަން ދާއިރާއިން ބޮޑު އަޣުލަބިއްޔަތަކުން ހޮވިވަޑައިގެން މިއަދު މަގާމުގެ ހުވައިކުރެއްވުމަށްފަހު ވާހަކަފުޅު ދައްވަމުން އަންވަރު އިބްރާހީމް ވިދާޅުވީ އޭނާ ވަޒީރުކަން ހޯއްދަަވައި ކެބިނެޓަށް ވަޑައިގަތުމުގެ ޚުިޔާލުފުޅެއް އަދި ނެތްކަމުގައެވެ.
ނޫސްވަރިންނާ ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ މިވަގުތު ބޭނުންފުޅު ވަނީ ގާނޫނު ހަދާ މަޖިލީހުގެ އާންމު މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ޚިދުމަތްކުރައްވާށެވެ.
"އަހަރެން އެހީތެރިވެ، ކޮށްދޭ ކަމެއް ކޮށްދޭނީ ޕާލަމެންޓް މެދުވެރިކޮށް، ޕާލަމެންޓު އިސްލާހުކުރުމުގެ ތެރެއިންކަމުގައި އަހަރެން ވާނީ ބޮޑުވަޒީރު މަހާތީރު މުޙައްމަދަށް ދަންނަވާފައި. ހަަމަ ޔަގީނުންެވެސް އަހަރެން ވަޒީރުންނާ، ޕާލަމެންޓުގެ މެންބަރުންނާއެކު ޚިޔާލު ބަދަލުކޮށް ވާހަކަދައްކާފައި. އެއީ ޕާލަމެންޓު މެންބަރެއްގެ ހައިސިއްޔަތުން އަހަރެން ކުރާ މަސައްކަތުގެ ބައެެއް." އަންވަރު ވިދާޅުވިއެވެ.
މިއީ އަންވަރު އިބްރާހީމް މެލޭޝިޔާގެ ގާނޫނުހަަދާ މަޖިލީހުގެ މެންބަރުަކަން ހޯއްދެވި ތިންވަނަ ފަހަރެވެ. އޭނާ ވަނީ މީގެ ކުރިން ގާނޫނުހަދާ މަޖިލީހުގެ މެންބަރުކަން 1982 އިން 1999 އަށް އަދި 2008 އިން 2015 އަށް ކުރައްވާފައެވެ.
ގާނޫނުހަދާ މަޖިލީހުގެ މެންބަރަކަށް ވެވަޑައިގަތުމުން، އަންވަރު އިބްރާހީމަށް ފަހުން ބޮޑުވަޒީރުކަން ދިނުމަށް ވެރިކަންކުރާ ކޯލިޝަން ޕަކަތާން ހަރަޕަން (ޕީއެޗް) ވެވަފައިވާ ވައުދު ފުއެްދުމާ ދިމާއަށް އެއްފިޔަވަޅު އޭނާއަށް ކުރިއަށް އެޅުއްވުނީއެވެ. ގާނޫނުހަދާ މަޖިލީހުގެ މިދައުރުގެ މެދުތެރޭން މަހާތީރު މުހައްމަދު ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވައި އަންވަރު އިބްރާހީމާ ބޮޑުވަޒީރުކަން ހަވާލުކުރައްވާނެކަން މަހާތީރުވެސް ވަނީ އިއުލާންކުރައްވާފައެވެ.
ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް މަހާތީރު މުހައްމަދާއެކު ވަކި ވަގުތަކާމެދު އެެއްބަސްވުކަށް އާދެވިފައިވޭތޯ ސުވާލު ދެންނެވުމުން އަންވަރު ވިދާޅުވީ "ނޫން. އެއީ މާބޮޑު މައްސަލައެއްކަމަކަށް އަހަރެން ނުދެކެެން."

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.