ސަރުކާރެއް އެކުލަވާލަން ބޭނުންވާ ފުރިހަމަ އަޣުލަބިއްޔަތު ގާނޫނުހަދާ މަޖިިލީހުގައި އެބައޮތް: އަންވަރު އިބްރާހީމް

ސަރުކާރެއް އެކުލަވާލަން ބޭނުންވާ ފުރިހަމަ އަޣުލަބިއްޔަތުގެ ތާއީދު މެލޭޝިޔާގެ ގާނޫނު ހަދާ މަޖިލީހުގައި އެބައޮތް ކަމުގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ "ވަރުގަދަ، ގަބޫކުރެވޭ، ބަލިނުކުރެވޭނޭ" އަޣުލަބިއްޔަތެއް އޭނާއަށް އެބައޮތް ކަމަށާއި، މުޙްޔިއްދީނުގެ ސަރުކާރު "ރޫޅިފައި" ވާކަމަށެެވެ.

އޭނާއަށް މިހާރު ތާއީދުކުރައްވަނީ ގާނޫނުހަދާ މަޖިލީހުގެ ކިތައް މެންބަރުންކަން ހާމަކުރެއްވުމަށް އޭނާ ވަނީ ދެކޮޅުހައްދަވާފައެވެ. އޭނާ ވިދާޅުވީ ތާއީދުކުރާ މެންބަރުންގެ އަދަދު ހާމަކުރައްވާނީ ރަސްގެފާނުގެ ފައިންޕުޅު ދެކެވަޑައިގަތުމަށްފަހުގައި ކަމަށެވެ. ރަސްްގެފާނު މިހާރު ގެންދަވަނީ ކުއަލަލަމްޕޫރުގެ ނޭޝަނަލް ހާޓް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންެނެވެ. 222 މެންބަރުން ހިމެނޭ ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތަށް މަދުވެގެން 112 މެންބަރުން ތާއީދު ބޭނުންވެއެވެ.

އަންވަރު އިބްރާހީމްެގެ ޕަކަޓާން ހަރަޕަން ކޯލިޝަންގައި މިހާތަނަށް ތިއްބެވީ 91 މެންބަރުންނެވެ. އެއީ އަންވަރުގެ އަމިއްލަފުޅު ޕާރްޓީ ކިއަޑިލަން ރަކްޔަތުގެ 38 މެންބަރުންނާއި، ޑިމޮކްރެޓިކް އެކްޝަން ޕާޓީގެ 42 މެންބަރުންނާއި، ޕާރްޓީ އަމާނާ ނެގާރާގެ 11 މެންބަރުންނެވެ.

ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރް ބިން މުޙައްމަދުގެ ބޮޑުވަޒީރު ކަމުގައި 1993 އިން 1998 އަށް ބޮޑުވަޒީރުގެ ނާއިބުކަން ކުރެއްވި އަންވަރު އިބްރާހީމްެގެ ވާހަކަފުޅުތަކަށް ބާރުލިބިދޭ ވާހަކަތަކެއް މިއަދު ބަރިސާން ނާސިއޮނާލް ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ. އެ ކޯލިޝަންގެ ޗެއާމަން އަޙްމަދު ޒާހިދު ޙަމީދީ މިއަދު ހަވީރު ވިދާޅުވިގޮތުގައި ގާނޫނުހަދާ މަޖިލީހުގައި ތިއްބަވާ އެ ކޯލިޝަންގެ ގިނަ މެންބަރުންތަކެއް ވަނީ އަންވަރު އިބްރާހީމަށް ތާއިދުކުރައްވަން ނިންމަވާފައެވެ. އޭނާ ވިދާޅުވީ އޭނާގެ ކޯލިޝަން ދޫކުރައްވައި ކޮޅު ބަދަލުކުރައްވަން ނިންމެވި މެންބަރުންގެ ނިންމެވުމަށް އިހުތިރާމުކުރައްވާ ކަމުގައެވެ.

އަނެއްކޮޅުން މެލޭޝިޔާގެ ޝާހީ ގަނޑުވަރުންވެސް ވަނީ އިއްޔެ، 22 ސެޕްޓެންބަރުގައި އަންވަރު އިބްރާހީމާއި ބައްދަލުކުރައްވަން ހަމަޖެހިފައި އޮތްކަމާ، ރަސްގެފާނު ނޭޝަނަލް ހާޓް އިންސްޓިޓިއުޓް ގައި ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތުމުން އެ ބައްދަލުވުން ފަސްކޮށްފައިވާކަން ހާމަކޮށްފައެވެ.

"މިވަގުތު ސުލްޠާން ޢަބްދުﷲ އަދިވެސް ގެންދަވަނީ ސިއްހީ ތަޖުރިބާކާރުންގެ ބެއްލެވުމުގެ ދަށުން ސިއްހީ ފަރުވާ ހޯއްދަވަމުން." ގަނޑުވަރުގެ އަޙްމަދު ފާޟިލު ޝަމްސުއްދީން މިއަދު ނެރުއްވި ބަޔާނެއްގައި ވެއެެވެ.

ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން ނެރުއްވި ބަޔާނެއްގައި އޭނާވަނީ އަދިވެސް އަޣުލަބިއްޔަތު އޮތީ އޭނާއަށް ކަަމަށް ވިދާޅުވެ، ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯއްދެވުމަށް ގާނޫނު އަސާސީގައި އެކަށައަޅާފައިވާ މަގުން ކުރިޔަށް ވަޑައިގަތުމަށް އަންވަރު އިބްރާހީމަށް ގޮވައިލައްވާފައެވެ.

މުޙްޔިއްދީން ޔާސީން ބޮޑުވަޒީރުކަމަށް ވަޑައިގަތީ ބޮޑުވަޒީރު މަހާތީރު މުޙައްމަދު އިސްތިޢުފާ ދެއްވުމާ ގުޅިގެން، ފާއިތުވި މާރިޗު މަހުގެ ތެރޭގައެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.