އިންތިޚާބާ ގުޅޭ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލައިފި

4:45 މާދަމާގެ އަޑު އެހުން އޮންނާނީ ހެނދުނު 10: 30 ގައ.

4:40 ރިޔާސީ އިންތިޚާބާ ގުޅިގެން ސްޕްރީމްކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލައިފި. އިތުރު އަޑުއެހުމެއް މާދަމާ ބާއްވާނެ.

2:20 ޓްރާންސްޕޭރެންސީ މޯލްޑިވްސް: އިންތިޚާބަށް އެއްވެސް ބަދަލެއް އަތުވާދާނެ އެއްވެސް ކަމެއް ހިނގާފައެއްނެތް. ރައްޔިތުން އިޚުތިޔާރު ކުރިގޮތް ބާތިލް ކުރަން ހުށަހެޅުމުގެ އެއްވެސް އަސާސެއް އަދި ދެއްކިފައެއްނެތް.

1:53 ސްޕްރީމް ކޯޓު ސަރަހައްދު ދޫކޮށްފައި ދިޔުމަށް އާންމުންނަށް ފުލުހުން އިންޒާރު ދޭން ފަށައިފި. ދޫކޮށްފައި ނުގޮސްވިނަމަ ބާރުގެ ބޭނުން ކުރައްވާނެ ކަމަށް ވސް ފުލުހުން ގެންދަވަނީ ވިދާޅުވަމުން.

1:48 ފުލުހުން ގެންދަނީ ސްޕްރީމްކޯޓު ދޮށަށް އެއްވެފައިވާ މީހުން ދުރަށް ޖެއްސެވުގެ މަސައްކަތް ކުރަމުން. ރައިޓްގިއަރުގައި ތިބި ފުލުހުންނާއި ސިފައިން ވެސް އެކަމުގައި ގެންދަނީ ހަރަކާތްތެރިވަމުން.

1:46 އިންތިޚާބު ބާތިލް ކޮށްގެން ނުވާނެކަމަށް ބުނެ ސްޕްރީމްކޯޓު ދޮށަށް އެއްވެ ތިބި މީހުން ގޮވަން ފަށައިފި. ބައެއް މީހުން ގެންދަނީ ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލައި އެމަނިކުފާނު ބަންދުކުރުމަށް ވެސް ގޮވާލަމުން.

1:41 ސްޕްރީމްކޯޓުގެ ޝަރީއަތް ފަށްޓަވައި ފިކަމުގެ މައުލޫމާތު ލިބޭ.

1:39 ރިޔާސީ އިންތިޚާބުގައި އިބްރާހީމް މުހައްމަދު ސާލިހު ވަނީ 134،705 ވޯޓު ހޯއްދަވާފައި. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓު. މިއީ، ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ ފަރަގު ބޮޑު ނަތީޖާ.

1:32 އިންތިޚާބާ ގުޅިގެން ސްޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގެ ޝަރީއަތް ފެށުމަށް ތައްޔާރު ވެއްޖެ

މައްސަލައެއް ދިމާވެއްޖެއެވެ ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މައްސަލަ ކުރިމަތިވި ދެފަރާތަށް ގޮތެއް ނުނިންމިގެންނެވެ. ތިންވަނަ ފަރާތަކީ ރާއްޖޭގެ އެންމެމަތީ ކޯޓު ކަމަށްވާ ސްޕްރީމް ކޯޓެވެ، ކޯޓަށް ގޮސްގެން ދެމީހުން ރުހޭ ގޮތަކަށް މައްސަލައެއް ނުނިމޭނެއެވެ. ނިމޭނީ ކޮންމެ ވެސް އެކަކު ހިތްދަތިވެ މާޔޫސް ކޮށްލާ ގޮތަކަށެވެ. ދެފަރާތުން ވެސް ގަބޫލުކުރަނީ ސައްހަ ގޮތުގައި ހުރީ އޭނާ ކަމަށެވެ. އެކަމަކު އެކަން ނިންމައިދޭނީ ކޯޓުންނެވެ.

މިއަދަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އަނެއްކާވެސް ބޮޑު ދުވަހެކެވެ. ސެޕްޓެމްބަރ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަ ނުޖެހިގެން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އެމައްސަލަ އެވަނީ ސްޕްރީމްކޯޓަށް ވައްދައިފައެވެ. ޕީޕީއެމުން ބޭނުންވަނީ އިންތިޚާބު ބާތިލް ކުރުމަށެވެ. ބާތިލްކުރަން ހުށަހަޅާނީ އެވަރުގެ ހެކިތައްވެސް ހުރެގެންތާއެވެ.

މިއަދު 1:00 ގައި މި މައްސަލައިގެން ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އޮންނާނެއެވެ. އަޑުއަން ވަންނަން ބޭނުންވާ މީހުންނަށް ޖާގައޮތް މިންވަރަކު ފުރުސަތު ދެއްވާނެ ކަމަށް ސްޕްރީމް ކޯޓުން ވަނީ ވިދާޅުވެފައެވެ. އެގޮތަށް ނިންމެވުމާއެކު ސްޕްރީމްކޯޓު ހިމެނޭ ސަރަހައްދަށް ވަރަށްގިނަ މީހުން ވަނީ ޖަމާވެފައެވެ. މީހުންގެ ގިނަވެ ސަރަހައްދުވެސް މިހާރު ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. އެހެން ކަމުން ފުލުހުންނާއި ސިފައިން އެސަރަހައްދުގައިވަނީ ހަރަކާތްތެރިވާން ފަށައިފައެވެ.

ކޯޓު ސަރަހައްދުގައި އެތައްބަޔަކު އެއްވެފައިއޮއްވައި ޕީޕީއެމްގެ އިސް ބޭފުޅުން ކަމަށްވާ އަބްދުއްރަހީމާއި، މިނިސްޓަރ ޒަމީރާއި، ޕީޖީ ލިޑަރު ނިހާން ވަނީ ކޯޓުތެރެއަށް ވަދެވަޑައިގެންފައެވެ. ރައްޔިތުންގެ ހެނދުނުން ފެށިގެން ކިއުގައި ތިއްބަވަނިކޮށް އެމީހުންނަށް ފުރުސަތު ނުލިބި ކާރުގައި ކުއްލިއަކަށް އައިސް ޖާގަހޯދައި ކޯޓަށް ވަނަން ފުރުސަތު ލިބުމުން އެތަނަށް ގޮސްތިބި މީހުންގެ މެދުގައިވަނީ ހިތްހަމަނުޖެހުން އުފެދި ސަރަހައްދު ހަލަބޮލިވެފައެވެ. އެއާއެކު ރައިޓްގިއަރުގައިތިބި ފުލުހުން ގެންދަނީ ހަރަކާތްތެރި ވަމުންނެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން މިމައްސަލަ ކޯޓަށް ހުށަހެޅުއްވި ރޭނީސް ސަލީމް ވެސް ވަނީ ކޯޓަށް ވަދެވަޑައިގެންފައެވެ.

މިއަދުގެ ހުކުމް ވެގެންދާނީ ރާއްޖޭ ޑިމޮކްރަސީ ވަރަކަށް ޖަހައިލަން ލިބިގެންދާ ފުރުސަތަކަށެވެ. މިއަދުގެ ހުކުމް ވެގެންދާނީ އެތައް ބައެއްގެ ހައްގުތައް ރާކާތެރި ކުރުމާ ގުޅިފައިވާ ހުކުމަކަށެވެ. ރައްޔިތުންނަށްއޮތީ ރާއްޖޭގެ އެންމެމަތީ ކޯޓުން ކޮންމެ ގޮތަކަށް ނިންމިޔަސް އެ ނިންމުން ބަލައިގަތުމެވެ. ދެން ނޭނގޭ ކަމަކީ އެއަށްފަހު ވެގެންދާނެ ގޮތެކެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.