ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދު އޮތީ ކުރިމަތިލުމެއް ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފި

ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ޝަރުއީ ދާއިރާއާ ގުޅޭ ދިރާސާ ހެދުމަށް ބަންޑާރަ ނައިބުގެ އޮފީހުން ރާއްޖެ ގެންނަވައިފައިވާ ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް، ޔޮހާން ކްރީގްލަރ ވިދާޅުވެ  ބިރު ދައްކާފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ވިދާޅުވެއްޖެއެވެ.

ސްޕްރީމް ކޯޓުން މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާއާ ބެހޭ ގޮތުން އޭނާ ތައްޔާރު ކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި  ރާއްޖޭގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް އޭނާ ޚިޔާލު ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އޭނާ ވަނީ ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރުކަމުގައިވާ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރަށް ވަރަށް ޞަރީޙަ އިބާރާތުން ބިރު ދައްކަވައި އިންޒާރު ދެއްވާފައި ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އޭނާ މިފަދަ އިންޒާރެއްދެއްވީ  29 މެއި 2019 ވީ ބުދަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން އޭނާއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. އެއީ އޭޖީ އޮފީހުގެ އެދިވަޑައި ގެންނެވުމަށް ބޭއްވި ބައްދަކު ކުރެއްވުމެކެވެ.

އެ ބައްދަލުކުރެއްވުމުގައި  ޝަރުޢީ ދާއިރާގެ ޙާލަތު ހުރި ގޮތާއި، ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ޙައްލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަންގަވައިގެން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްޞީލު އޭނާއާ ޙިއްސާ ކުރެއްވި ކަމަށް ވެސް ސްޕްރީމް ކޯޓުން ވިދާޅުވެފައިވެއެވެ. އެގޮތުން ފަނޑިޔާރުގެ އިޞްލާޙުކުރުމާ ބެހޭގޮތުން ތައްޔާރު ކުރެވެމުންދާ އެކްޝަން ޕްލޭނުގެ މައުލޫމާތުވެސް ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރއާ ޙިއްޞާކުރެއްވި ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

ސިޔާސީ ނުފޫޒާއި، ބިރުދެއްކުންތަކާއި، ފަނޑިޔާރުގޭގެ ޙުރުމަތަށް އަރައިގަނެ ފަނޑިޔާރުންގެ އަގު ވައްޓައިލައި ބަދުނާމު ކުރުމުގެ މަޤްޞަދުގައި ކުރެވޭ ކަންކަމުގެ ސަބަބުން ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަމަށް ކުރިމަތި ވެފައިވާ ނުރައްކާތަކާ ބެހޭގޮތުން ވެސް އޭނާޔަށް މަޢުލޫމާތު އެރުއްވި ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް "މިއިން އެއްވެސް ކަމަކާ މެދު މަޝްވަރާ ކުރެއްވުމުގެ ބަދަލުގައި، ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަޤާމު ދޫކޮށްލުން ފަދަ ގޮތެއް އިޚްތިޔާރު ކުރުން ރަނގަޅުވާނެ ކަމަށާއި، ޤާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ" ކަމަށް ވިދާޅުވި ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތް ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި ކަމަށް ވެސް ބަޔާނުގައި ވެއެވެ.

"ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ނިޒާމު އިޞްލާޙު ކުރުމުގެ މަސައްކަތުގައި ދައުލަތުގެ އެއްވެސް އިދާރާއަކުން އެ އިދާރާއަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ އިޚްތިޞާޞާއި މެންޑޭޓް އަދާކުރުމާ ބެހޭގޮތުން ލަފާ ދެއްވުމަށް ވަޑައިގަންނަވާ ބައިނަލްއަޤުވާމީ ކޮންސަލްޓަންޓެއްގެ ދައުރަކަށް ވާންޖެހޭނީ ޕްރޮފެޝަނަލްކަމާއި މިނިވަންކަމާއެކު، ފަންނީ ލަފާދިނުމެވެ. ނަމަވެސް ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރގެ ޢަމަލާއި ބަސްމަގުހުރީ އެގޮތުގެމަތިން ނޫންކަން މި ފާހަގަކުރަނީ ކަންބޮޑުވުމާއި ހިތާމަޔާ އެކުގައެވެ." ބަޔާނުގައިވެއެވެ.

އޭނާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވަޑައިގެން ފަނޑިޔާރުންނާ ބައްދަލު ކުރައްވައި އެގޮތަށް ވާހަކަފުޅު ދެއްކެވީ ވަކި ގޮތަކަށް ވިސްނުންފުޅު ބައްޓަން ކުރައްވައިގެން އަދި ވަކި ގޮތަކަށް ޢަމަލު ކުރެއްވުމަށް ކުރިންސުރެ ރާއްވަވައިގެންކަން އޭނާގެ ވާހަކަފުޅުން ސާފުކޮށް އެނގޭ ކަމަށް ވެސް ސްޕްރީމް ކޯޓުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޝަރުޢީ ދާއިރާއާ މެދު އޭނާގެ ވާހަކަފުޅު ހުރީ ނަފްރަތާއި ތަޢައްޞުބުން ފުރިގެންވާ ގޮތެއްގައިކަމާއި، ފަނޑިޔާރުގެ އިޞްލާޙުކޮށް ތަރައްޤީކުރުމާ ބެހޭގޮތުން ޝަރުޢީ ދާއިރާގެ ވިސްނުން އޮޅުންފިލުވުމުގެ އެއްވެސް ޝައުޤުވެރިކަމެއް އޭނާގެ ކިބައިގައި ނެތްކަން، އޭނާ ޢަމަލުން ކަށަވަރު ވެފައިވާ ކަމަށް ވެސް ސްޕްރީމް ކޯޓުން ވިދާޅުވެފައިވެފައިވެއެވެ.

"އޭނާގެ ވާހަކަފުޅު ހުރީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތަކެއްގެ މައްޗަށް ބުރަވެވަޑައިގެން، ވަކި ނަތީޖާއެއް ޙާޞިލު ކުރެއްވުމަށް މަސައްކަތް ކުރައްވާ ގޮތަށެވެ. ބައިނަލްއަޤުވާމީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅަކު، ފަނޑިޔާރުގެއަށް ވިޔަސް އަދި ދައުލަތުގެ އެހެން ބާރަކަށް ނުވަތަ އިދާރާޔަކަށް ވިޔަސް ބިރު ދައްކައި  އިންޒާރުކުރުމަކީ ދިވެހި ދައުލަތުގެ ކަރާމަތާއި ހައިބަތަށް އިޙްތިރާމް ކުޑަކުރުމުގެ ޢަމަލުތަކެއްކަމުގައި މެނުވީ ނުވާނެކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ." ސްޕްރީމްކޯޓުގެ ބަޔަނުގައި ވެއެވެ.

އެބަޔާނުގައި ވިދާޅުވެފައިވަނީ ދިވެހި ދައުލަތަކީ ދުސްތޫރީ ގޮތުން ބާރުތައް ވަކިކުރެވިފައިވާ، އަދި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރު މިނިވަން ކުރެވިފައިވާ ދީމިޤްރާޠީ އަދި ޤާނޫނީ ދައުލަތެއް ކަމަށެވެ. އެހެން ކަމުން ދިވެހި ދައުލަތުގެ ކަންކަން ހިނގާންވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ފަނޑިޔާރުގޭގެ މިނިވަންކަން ގެއްލި އެއިރަކު ބާރުވެރިކަން އޮންނަ ފަރާތްތަކުން ކޯޓުތަކުގެ މައްޗަށް އެކި ގޮތްގޮތުން ނުފޫޒު ހިންގުމުގެ ސަޤާފަތެއް ދިވެހިރާއްޖޭގައި އުފެދިގެން ދިޔުމަކީ، ޤާނޫނުގެ ޙުކުމް ނަގަހައްޓައި، މިނިވަންކަމާއެކު ޢަދުލުއިންޞާފު ޤާއިމުކޮށް، ދީމިޤްރާޠީ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް މުޅީން ހަލާކު ވެގެން ހިނގައިދާނެ ކަމެއްކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"އެހެންކަމުން، ހުރިހާ ފަރާތްތަކަކުން ވެސް ޤާނޫނުއަސާސީއިން  ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަމަށް ފުރިހަމައަށް އިޙުތިރާމުކުރުމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން ފަނޑިޔާރުގެ އިޞްލާޙުކޮށް ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެމުން ގެންދިޔުމަށް އިލްތިމާސް ކުރަމެވެ."

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.