ޕީޕީއެމްގެ ކޮންގްރެސް އިން ނިންމި ނިންމުތައް ބަލައިނުގަތީ ނުފޫޒެއް އޮވެގެނެއްނޫން: އީސީ

ހުސްވި ސެޕްޓެމްބަރު 28 ވީ ހުކުރު ދުވަހު ޕީޕީއެމް އިން ބޭއްވި ޚާއްސަ ކޮންގްރެސްގައި ނިންމެވި ނިންމުންތައް ބަލައިނުގަތީ އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނުވަތަ ނުފޫޒެއް އޮވެގެންނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެ ނިންމުން އެގޮތަށް ނިންމެވީ ކޮންގްރެސް އޮބްޒާވް ކުރަންދިޔަ އޮބްޒާވަރުން ހުށަހެޅި ރިޕޯޓަށް ބެއްލެވުމަށްފަހު ކަމަށެވެ. އެކޮމިޝަނުން މިއަދު އެނިންމު ނިންމެވިއިރު ކޮންގްރެސް ބާއްވާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ އިޖުރާތުތައް ފުރިހަމަ ނުކޮށް ކަމަށާއި އެހެން ކަމުން އެކަން މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔާމު ވަނީ އިލެކްޝަނަށް މައްސަލަ ހުށަހަޅުއްވައިފައެވެ. ޝަރީފް ވިދާޅުވީ މިއަދުގެ ނިންމެވުމުން ނިންމެވީ މައުމޫން އެ މައްސަލަ ހުށަހެޅުއްވުމުން އެއަށް ރިއާޔަތް ކުރައްވާފައި ނޫން ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ފަރާތަކުން ޕްރެޝަރުކޮށްގެންނެއް ނޫން މިނިންމުން ނިންމީއެއް. އޮބްޒާވް ކުރަންދިޔަ ފަރާތްތަކުން ހުށަހަޅާފައިވާ ރިޕޯޓުގެ މައްޗަށް ބިނާކޮށް މިނިންމުން ނިންމީ،" ޝަރީފް ވިދާޅުވިއެވެ.

ކޮންގްރެސް ބޭއްވީ އެ އިޖުރާތުތައް ފުރިހަމަ ނުކޮށް ކަމަށް އެ ރިޕޯޓުގައި ބުނެފައިވާ ކަމަށާއި، އެފަދަ ކޮންގްރެސްއެއް ބާއްވާއިރު ކުރިން އިއުލާންކޮށް ވޯޓަރސް ލިސްޓް ހާމަކުރުން ފަދަ ކަންކަން ކުރިއަށް ގެންދަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އޭގައި (އޮބްޒާވަރުންގެ ރިޕޯޓު) ބުނޭ ކޮންގްރެސް ބޭއްވީ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށް. އެފަދަ ކޮންގްރެސްއެއް ބާއްވާ ކަމަށްވާނަމަ އިއުލާން ކުރަންޖެހޭ، ލިސްޓު ހުށަހަޅަންޖެހޭ، އަދި ވޯޓުދޭނީ ކޮންބައެއްކަން އިއުލާންކޮށް ބުނަންޖެހޭ. އަދި އެމީހުންނަކީ ހަތަރު މަސްދުވަހުގެ ކުރިން ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި ބައެއްކަން އެނގެންޖެހޭ،" ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ ކޮންގްރެސް ބޭއްވީ މިއިން އެއްވެސް ކަމެއް ފުރިހަމަނުކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އިލެކްޝަނުން ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތީ ނޫން ކަމަށާއި ބަލައި ނުގަތީ އެއިން ނިންމި ނިންމުންތައް ކަމަށެވެ.

"ނިންމަންޖެހޭ އިޖުރާތުތައް ފުރިހަމަކޮށްފައެއްނެތް. އިލެކްޝަނުން ކޮންގްރެސް ބަލައި ނުގަތީއެއް ނޫން. އިލެކްޝަނުން މިބުނަނީ ކޮންގްރެސްގައި ނިންމި ނިންމުންތައް ބަލައި ނުގަންނަމޭ،" ޝަރީފް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.