އިންޑޮނޭޝިޔާގެ ސެންޓްރަލް ސުލަވެސީއަށް އައި ރިޚްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމާއި އެ ބިންހެލުމާ ގުޅިގެން އައި ސުނާމީގެ ސަބަބުން މަރުވި މީހުންގެ އަދަދު 405 އަށް އަރައިފިއެވެ. އިންޑޮނޭޝިޔާގެ ކަނޑުގެ ސިފައިންގެ މަތިންދާބޯޓުތަކުން ދަނީ ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަަށް ޓެކްނިޝަނުންނާއި، އެހީދޭ މީހުންނާއި، އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންނެވެ.
މަރުވި މީހުންގެ ތެރޭގައި އެ ޕްރޮވިންސުގެ ވެރިރަށް ޕަލޫ ސިޓީގެ އެއާޕޯޓުން އެންމެ ފަހުން ފުރި ފްލައިޓަށް މަގުދައްކަން އިން ޒުވާން އެއާ ޓްރެފިކް ކޮންޓުރޯލަރުވެސް ހިމެނެއެވެ. އިންޑޮނޭޝިޔާގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އެޖްންސީ (ބީއެންޕީބީ) އިން ބުނި ގޮތުގައި މި ކާރިސާގައި 540 މީހުން ޒަޚަމްވެ، 29 މީހުންނަށް ވީނުވީއެއް ވަނީ ނޭނގިފައެވެ.
"މިއީ ހަމައެކަނި ޕަލޫގައި. އަހަރުމެންނަަށް ޑޮންގަލާގެ ހިސާބުތަކެއް ނުލިބޭ." މައުލޫމާތުދެމުން ބީއެންޕީބީގެ ތަރުޖަމާނު ސުޓޯޕޯ ޕުރްވޯ ނޮގްރޯހޯ ބުންޏެވެ.
މަގުތައް ހަލާކުވެ މުވާސަލީތީ ޚިދުމަތްތައް ކެނޑިފައިވާތީ، އެންމެ ބޮޑަށް ގެެއްލުން ލިބުނު ޑޮންގަލާ ސަރަަހައްދުން މަރުވެ ޒަޚަމްވި މީހުންނާއި، އެ ސަރަހައްދަށް ލިބުނު ގެއްލުމުގެ ތަފްސީލު ލިބޭގޮތް ވަނީ ނުވެފައެވެ. އެއީ ޕަލޫއާ 30 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދެކެވެ.
ޖަކާޓާ ގަޑިން ހުކުރު ދުވަހު ހަވީރު 5:02 ގައި 7.4 މެގްނިޓިއުޑުގެ ބިންހެލުން އައީ ޑޮންގަލާ ސަރަހައްދުގެ އުތުރުން ކަނޑުއަޑީގެ 10 ކިލޯމީޓަރު އަޑިއަށެވެ. މި ބިންހެލުމުގެ ކުރިން އެދުވަހު ހަވީރު ޑޮންގަލާގެ 2 ކިލޯމީޓަރު ދުުރުން 10 ކިލޯމީޓާރު އަޑިއަށް 6 މެގްނިޓިއުޑުގެ ބިންހެލުމެއް އައެވެ. އެ ބިންހެލުމުގައި ޑޮންގަލާއިން އެކަކު މަރުވިއެވެ.
ބާރުގަދަ ބިންހެލުމާއެކު އިންޑޮނޭޝިޔާގެ މޫސުމާ ބެހޭ އިދާރާއިން ސުނާމީގެ އިންޒާރު ނެރުނެވެ. އެހެންނަމަވެސް، ރާޅުތައް އެހާ ބޮޑު ނޫންކަމަށް ބުނެ އިންޒާރު އަނބުރާ ނެގިއެވެ. އެފަހުން މާ ގިނަ އިރުތަކެއް ނުވެ 8 ފޫޓަށްވުރެ އުސް ބިޔަ ރާޅުތައް ޑޮންގަލާ އާއި ޕަލޫއަށް އަރައި އެތައް ބަޔަކަށް ބޮޑެތި ގެއްލުންތައް ވިއެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މޫސުމާ ބެހޭ އިދާރާއަށް ފާޑުކިޔަމުންނެވެ.