އިންޑޮނޭޝިޔާގެ ސަބްމެރީނެއް 53 ފަޅުވެރިންނާއެކު ގެއްލިއްޖެ

ގެއްލިގެން ހޯދަމުންދާ ސަބްމެރީން: ކޭއާރްއައި ނަންގަލާ 402

އިންޑޮނޭޝިޔާގެ ކަނޑުގެ ސިފައިން ބާލީގެ އުތުރުން 53 ފަޅުވެރިންނާއެކު ދަތުރުކުރަމުން ދިޔަ ސަބްމެރީނެއް ގެއްލިގެން ހޯދަން ފަށައިފިއެެވެ. އަދި މިކަމުގައި އަވަށްޓެރި ސިންގަޕޫރާއި، އޮސްޓްރޭލިޔާގެ އެހީއަށްވެސް އިންޑޮނޭޝިޔާއިން ވަނީ އެދިފައެވެ.

ސިފައިންގެ ވެރިޔާ ހާދީ ޖާހްޖަންޓޯ ވިދާޅުވި ގޮތުގައި ކޭއާރްއައި ނަންގަލާ 402 އޭގެ ބަނދަރަށް އަންނަން ޖެހޭ ވަގުތަށް ނައިސް ވީތަނެއް ނޭނގި ދިޔައީ މިއަދު ފަތިހުގެ ވަގުތު އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިވަމުން ދަނިކޮށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަބްމެރީން ގެއްލުނު ކަމަށް ބެލެވެނީ ބާލީގެ އުތުރުން 95 ކިލޯމީޓަރު ދުރުންނެވެ.

44 އަހަރު ކުރިން ޖަރުމަނުގައި އުފައްދާފައިވާ ސަބްމެރިން ދިޔައީ ޓްރޮޕީޑޯ ފޮނުވުމުގެ ތަމްރީނެއް ހަދަމުންނެެވެ. އަދި އޭގެ ތަމްރީނުގެ ނަތީޖާ ރިޕޯޓުނުކުރުމުން، ސަބްމެރިން ހޯދަން ވަނީ ފަށާފައެވެ.

ވައިގެ މަގުން ހޯދަމުން ދިޔަ މަތިންދާބޯޓަކަށް ސަބްމެރިން ގެއްލުނުކަމަށް ބުނާ ސަރަހައްދުގެ ކަނޑުން ތެލުގެ އަސަރު ފެނިފައިވާތީ ސޯނާރ ސިިގްނަލް ދެނެގަންނަ އާލާތް ހުރި އުޅަނދެއް މިހާރު ވަނީ އެސަރަހައްދަށް ފޮނުވާފައެވެ.

ސިފައިންގެ ވެރިޔާ ޖާހްޖަންޓޯ ވިދާޅުވިގޮތުގައި، ފަތިހު 4:30 ގައި ގެއްލުނު އުޅަނދު ހޯދުމަށް ކަނޑުގެ ސިފައިންގެ ގިނަ އުޅަނދުތަކެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާއިރު، ކަނޑުގެ ހައިޑްރޯގްރާފިކް ސާވޭކުރާ އުޅަނދެއްވެސް ހަރަކާތްތެރިވަމުން އެބަދެއެވެ.

1395 ޓަނުގެ ސަބްމެރީން ވަނީ ދެކުނު ކޮރެޔާގައި ދެއަހަރު ދުވަހުގެ މަރާމާތެއް ކޮށްފައެވެ. މި މަރާމާތު ނިމިފައި ވަނީ 2012 ވަނަ އަހަރުއެވެ. އިންޑޮނޭޝިޔާގެ ކަނޑުގެ ސިފައިން އެ ސަބްމެރީން ބޭނުންކުރަން ފަށާފައި ވަނީ 1981 ވަނަ އަހަރުއެވެ.

އެއް އިރެއްގައި އިންޑޮނޭޝިޔާގެ ކަނޑުގެ އަސްކަރިއްޔާގައި ރަޝިޔާގައި އުފައްދާފައިވާ 12 ސަބްމެރީން އޮތެވެ. އެހެންނަމަވެސް، މިހާރު އޮތީ ފަސް ސަބްމެރީނެެވެ. އެއީ ޖަރުމަނުގައި އުފައްދާފައިވާ ދުވަސްވީ ދެ ސަބްމެރީނާއި، ދެކުނު ކޮރެޔާގައި އުފައްދާފައިވާ ފަހުގެ 3 ސަބްމެރީނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.