ރައްޔިތުން ބަސް އިއްވައިފި، އެ ބަހަށް އިހުތިރާމް ކުރަން: ރައީސް

ދިވެހިރައްޔިތުންނަށް ތަކުލީފާކަށްވެވަޑައިގެންނެވުމަށް ބޭނުންފުޅު ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ގައުމާ މުޚާތަކު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ "އަޅުގަނޑުނެތިން އެއްގޮތަކަށް ވެސް އަޅުގަނޑު ކަންކުރާ ގޮތުން އެހެން ދިވެހިރައްޔިތުންނަށް ތަކުލީފަކަށްވާކަން. ރައްޔިތުން އެމީހުންގެ ބަސް އިއްޔެ އިއްވައިފި. އެއަށް އިހުތިރާމް ކުރަން،" ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށާއި، އެނަކުފާނު ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދެވި ޚިދުމަތްތަކުން ދުރަށްޖެހިވަޑައިގެންފި ކަމަށެވެ. އެހެންނަމަވެސް ނޮވެމްބަރު 17 އަންނަންދެން ރައީސް ކަމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުތެރޭގައި ރާއްޖެވަނީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއެރުން ތަކެއް ހޯއްދަވައިފައިވާ ކަމަށެވެ. އެހެންނަމަވެސް ރައްޔިތުން އިއްޔެވަނީ އެމީހުންގެ ބަސް އިއްވައިފައި ކަމަށާއި އެއަށް އިހުތިރާމް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނުކުފާނު އެދިވަޑައިގަންނަނަވަނީ ރައީސް ކަމަށް އިންތިޚާބު ކުރައްވައިފައިވާ އިބްރާހީމް މުހައްމަދު ސާލިހު ވެސް އެކަންކަން އެގޮތަށް ކުރިއަށް ގެންދިޔުމަށް ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ދެންވެސް ހުންނަވާނީ ގައުމަށްކޮށްދެވޭނެ ކަމެއް އޮތިއްޔާ އެކަމެއް ކުރެއްވުމުގައި ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ވަނީ އަލަށް ވެރިކަމަށް އިންތިޚާބު ކުރައްވައިފައިވާ އިބުރާހީމް މުހައްމަދު ސާލިހާ ބައްދަލު ކުރައްވައި މަރުހަބާ ވެސް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފަސްއަހަރު ކިތަންމެ ގޮންޖެހުންތަކެއް ދިމާވިޔަސް މަސައްކަތްކުރެއްވީ އިޚުލާސްތެރި ކަމާ އެކު އިގްތިސާދީ ގޮތުން ބާރުގަދަ ގައުމަކަށް ރާއްޖެ ހެއްދެވުމަށް ކަމަށެވެ. "އެކަން ރައްޔިތުން ބަލައިގެންފިކަން އިއްޔެގެ ވޯޓުން އަޅުގަނޑަށް އެނގިއްޖެ. އެ ހުރިހައި ބޭފުޅުންނަށް ޝުކުރު ދަންނަވަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ޒުވާނުންތިބީ އެކަހެރިވެފައި ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ވަނީ ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއްވައިފައި ކަމަށެވެ. ޒުވާނުންނަކީ ގަރުވެރި ބަޔަކަށް ހެއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށާއި، އެމީހުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ދޮށީއުމުރުގެ މީހުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ސިޔާސަތުތަކާއި ގާނޫނުތައް ބަދަލުކުރެއްވި ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމަށް ވަޑައިގެންނެވިއިރު އިޖުތިމާއީ މައްސަލަތަކާއި އެއްވެސް ޖެހިލުމެއްނެތި ހަގީގަތް ނުބަލައި މީހުންގެ އަބުރަށް އެރުމާއި އަބުރުކަތިލުން އޮތްކަމަށެވެ. އެހެންނަމަވެސް ގިނަމީހުން ބޭނުންވާ ގޮތަށް މިހާރުވަނީ ތަރުތީބުކޮށް އެކަން ހުއްޓުވުމަށް މަސައްކަތް ފަށްޓަވައިފައި ކަމަށެވެ.

"އަޅުގަނޑަށް ދިމާވި ހުރިހާކަމަކުން އަޅުގަނޑަށް ﷲ ވަނީ ނަސްރު ދެއްވައިފައި. އަޅުގަނޑު މަސައްކަތް ކުރީ ގައުމަށް ނަސްރު ހޯދައިދޭން. އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރީ ގާނޫނުތަކާ އެއްގޮތަށް ކަންތައްތައް އިސްލާހު ކޮށް ރަނގަޅު ކުރަން. އަޅުގަނޑުގެ ސަރުކާރުން ވާނީ ވަރަށް ކެރިގެން ދީނާ ޚިލާފު ކަންކަމަށް ނޫނެކޭ ބުނެފައި،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.