ރާއްޖެއާއި ސައުދީގެ ގުޅުން މިހާރުވަނީ ކުރިއަށްވުރެ ވަރުގަދަވެފައި: ރައީސް

ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް އަޚުވަންތަ ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިޙްތިރާމްގެ މައްޗަށްކަމަށާއި، މި ގުޅުން ރަސްމީ ސިފައެއްގައި ގާއިމުކުރިތާ 40 އަހަރު ފުރެން ކައިރިވެފައިވާއިރު މިހާރު ދެގައުމުގެ ގުޅުން ވަނީ ކުރިން ނުވާހާ ވަރުގަދަވެފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ، ހިޒް ހައިނަސް ޢަބްދުލްޢަޒީޒް ބިން ސަޢުދު ބިން ނާއިފް ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު، ރައީސް ޔާމީންގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި އެމަނިކުފާނާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގައި ވަރަށް ވަރުގަދަ އިޤްތިޞާދީ އެޖެންޑާއެއް ކާމިޔާބުކަމާއެކީ ކުރިޔަށް ގެންދަވާކަމުގައި ފާހަގަކުރައްވައި ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް މި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ ވާހަކަފުޅުދެއްކެވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ އަށް ރާއްޖޭގެ ސިޔާސީ މަސްރަޙުގެ މަޢުލޫމާތު ޙިއްޞާކުރައްވާ، މިކަމުގެ ސަބަބުން ޤައުމު އާރާސްތުކޮށް ހިންގުމުގައި ދިމާވާ ދަތިތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ.

މިއަދުގެ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ ވަނީ ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާގެ އިތުރުން އިސްލާމް ދީނާ ގުޅުންހުރި މުހިންމު މައްސަލަތަކާއި ބެހޭ ގޮތުންމަޝްވަރާކުރައްވާފައެވެ. މިގޮތުން އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވާއިރު، އިސްލާމް ދީނަކީ ޞުލްޙައަށް ލޯބިކުރާ، އެއްބަޔަކުއަނެއް ބަޔަކާ ގުޅޭ، އެކުވެރިކަމާއިއެކުގައި އުޅޭ ބައެއްކަން ހާމަކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ، ދުނިޔެއިން ޓެރަރިޒަމް ނައްތާލުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިމޭރުމުން ވާހަކަފުޅުކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވީތީ، އިސްލާމީ އުއްމަތް ކުރިއެރުވުމުގައި އެންމެ އިސް ރޯލެއް އަދާކުރާ ޤައުމެއްގެ ގޮތުގައި ރާއްޖެއިން ބަލައިގަންނަ ޤައުމަކީ ސަޢޫދީ ޢަރަބިއްޔާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެއަކީ ސަޢުދީ ޢަރަބިއްޔާގެ ގާތް އެކުވެރިއެއްކަމަށާއި، ދެޤައުމުގެ ގުޅުން ބަދަހިކުރުމަށާއި މިހާރު އޮތް އަޙުވަންތަ ގުޅުން ކުރިޔަށް އޮތްތާގައި އިތުރަށް ވަރުގަދަކުރުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށާއި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ސަޢޫދީ ޢަރަބިއްޔާއިން އަބަދުވެސް އެހީތެރިވެ އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ އާއި، އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ސަޢޫދީ ވަފްދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވިކަމައްޓަކައި މަރުޙަބާ ވިދާޅުވެފައެވެ. އަދި، ސަޢޫދީ ރަސްގެފާނު ހިޒް މެޖިސްޓީ ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއާ ގެ އަރިހުން އެދިވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.