ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އާއި އެ ދެބޭފުޅުންގެ ރަނިންމޭޓުން ވޯޓުލައްވައިފިއެވެ.
ރައީސް ޔާމީން ވޯޓު ލައްވާފައިވަނީ ސީއެޗްއެސްސީގައި ހުންނަ މައްޗަށް ގޮޅީ އުތުރު ދާއިރާގެ ތިން ނަމްބަރު ވޯޓު ފޮށްޓަށެވެ. އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވޯޓުލެއްވީ ޣިޔާސުއްދީން ސްކޫލްގައި ގއ. އަތޮޅު މީހުންނަށް ބަހައްޓާފައިވާ ދެނަމްބަރު ވޯޓު ފޮށްޓަށެވެ. އެފޮށްޓަށް ވޯޓުލަނީ މާލޭގައި ތިބި މާމެންދޫ މީހުންނާއި، ނިލަންދޫ އަދި ދާންދޫ މީހުންނެވެ. ޑރ. ޝަހީމަކީ ގައ. މާމެންދޫ ބޭފުޅުކެވެ.
އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އެމްޑީޕީގެ އިބްރާހީމް މުޙައްމަދު ސާލިހު ވޯޓު ލެއްވީ މާލޭގައި ތިބި ޅ. ހިންނަވަރު މީހުންނަށް ޚާއްސަ ކޮށްފައިވާ ވޯޓު ފޮށްޓަށެވެ. އެފޮށި ބަހައްޓާފައިވަނީ އިމާދުއްދީން ސްކޫލުގައެވެ. އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވޯޓުލައްވާފައިވަނީ އަރަބިއްޔާ ސްކޫލުގައި ބަހައްޓާފައިވާ ފޮށްޓަށެވެ. އެއީ މާލޭގައިތިބި ފުވައްމުލަކު ސިޓީގެ މީހުންނަށް ޚާއްސަ ކޮށްފައިވާ ފޮށްޓެވެ.
އިންތިޚާބު މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާއިރު މިހާތަނަށް އެއްވެސް ސީރިއަސް މައްސަލައެއް ދިމާވެފައި ނުވެއެވެ. ދިމާވި ކުދިކުދި ކަންކަން މިހާރު ހައްލުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.