އަޅުގަނޑުމެން މި ނުކުންނަނީ ގައުމީ ޖިހާދަކަށް: އަދުރޭ

ސެޕްޓެމްބަރު 23 ގައި އެ ބޭފުޅުން ނުކުންނަވަނީ ގައުމީ ޖިހާދަކަށް ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން މިހާރު ކުރިއަށްގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަދުރޭ ވިދާޅުވީ އެ ޖިހާދަކީ ރާއްޖޭގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނުގެ ހައްގުގައި ކުރާ ޖިހާދެއް ކަމަށެވެ. އެ ޖިހާދަކީ ރައީސް ޔާމީނާއި އިބްރާހީމް މުހައްމަދު ސާލިހާ ދެބޭފުޅުންގެ މެދުގައި ކުރެވޭ ޖިހާދެއް ނޫންކަމަށާއި، މިއީ ރާއްޖޭގައި އޮންނާނީ ކޮންދީނެއްތޯ އާ މެދު ކުރެވޭ ޖިހާދެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން މިމަހު 23 ވަނަ ދުވަހު ނުކުމެ ރައީސް ޔާމީނަށް ވޯޓުދީ އެދުވަހަކީ އުފާވެރި ދުވަހަކަށް ހަދަންޖެހޭ ކަމަށެވެ. އިރާދަކުރެއްވިއްޔާ އެދުވަސްއުފާވެރި ދުވަހަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެދުވަހަކީ އެއްވެސް ހާސްކަމެއްނެތި ނުކުމެ ފިސާރި ކެރިންގެ ރައީސް ޔާމީނަށް ވޯޓު ދެއްވުމަށް އޭނާ ގޮވައިލެއްވިއެވެ. އެކަމަށްޓަކައި އެންމެން އަތާއަތް ގުޅާލައި ގައުމީ ނިންމުމަކަށް ތައްޔާރުވުމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި ހިނގާފައިވާ ކަންކަމަށް ބަލާއިރު އެޕާޓީގެ ކެންޑިޑޭޓަށް ރައްޔިތުން ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމްޑީޕީއަށް ވެރިކަން ލިބިއްޖެ ކަމަށްވާނަމަ ގައުމު އަޅުވެތިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެމްޑީޕީގެ ސިޔާސަތަކީ އެމްޑީޕީގެ ސިޔާސަތު ކަމަށާއި ބަދަލުވީ ހަމައެކަނި ރިޔާސީ ކެންޑިޑޭޓްގެ ނަން ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީން ރައީސް ޔާމީންގެ އިސްތަށިފުޅުގައި ވަގު ބަދުނާމު އަޅުވަމުންދާއިރު ހަގީގީ ވައްކަން ކުރި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރު ކަމަށެވެ. އެސަރުކާރުންވަނީ ކުންފުނިތަކާއި، އެއާޕޯޓު ވިއްކާލައިފައި ކަމަށާއި ވިއްކާފައި ލިބުނު ފައިސާއަށް ވީގޮތެއް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެފައިސާއަށް ވީގޮތް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެދެއްވަން ޖެހޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.