އެމެރިކާގެ ސަލާމަތީ އަދި ޖާސޫސީ އިދާރާތަކުގެ މަސްއޫލުވެރިން ހިމެނޭ ވަފުދެއް ފާއިތު ޖޫން މަހު ދިމިޝްޤުގައި ސީރިޔާ ސަރުކާރުގެ ގައުމީ ސަލާމަތާ ބެހޭ އޮފީހުގެ ރައީސާ ބައްދަލުކޮށްފައިވާ ކަމަށް ސީރިޔާ (ސޫރިޔާ) ގެ ރައީސު ބައްޝާރުލް އަސަދަށް ވާގިވެރިވާ ސަރަހައްދީ ކޯލިޝަންގެ މަސްއޫލުވެރިއަކު ބުނެފިއެވެ.
ލެބެނާން (ލުބްނާން) ގެ ޙިޒްބުﷲ އަށް ތާއީދުކުރާ އަލްއަޚްބާރު ނޫހުން އިއްޔެ ބުނި ގޮތުގައި އެމެރިކާގެ ވަފުދު ވަނީ ދިމިޝްޤު އެއާޕޯޓާ ކައިރި ތަނެއްގައި ހަތަރު ގަޑިއިރު ވަންދެން ސީރިޔާގެ ގައުމީ ސަލާބަތާ ބެހޭ އޮފީހުގެ ރައީސު ޢަލީ މަމްލޫކާއެކު ވާހަކަތައް ބާއްވާފައެވެ.
މި ރިޕޯޓާ ބެހޭގޮތުން ސުވާލުކުރުމުން، އެމެރިކާގެ ސަލާމަތީ ކަންކަމާ ގުޅޭ ދެ މަސްއޫލުވެރިއަކު ނަން ހާމަނުކުރުން ޝަރުޠުކޮށް ބުނިގޮތުއި، އިސްލާމިކް ސްޓޭޓް (ނުވަތަ ދާޢިޝް) ސީރިޔާއިން ބޭރުކޮށްލުމާ ގުޅޭ ގޮތުންނާއި، ސީރިޔާ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުންކުރާ މައްސަލައާ ގުޅޭގޮތުންނާ، ސީރިޔާ ސަރުކާރުން ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާއިން ގަބޫލުކުރާ ނޫސްވެރިޔާ އޮސްޓިން ޓައިސްއާ ބެހޭގޮތުން އެމެރިކާއިން ދަނީ ސީރިޔާ ސަރުކާރުގެ މަސްއޫލުވެރިންނާ ކެނޑިނޭޅި ވާހަކަދައްކަމުންނެވެ.
އަދިވެސް އެ ނޫހުން ބުނެފައިވާ ގޮތުގައި އެމެރިކާގެ ވަފުދުން ވަނީ ސީރިޔާގެ ދެކުނުން އީރާނު ސިފައިން ބޭލުމަށާއި، ހަނގުރާމައިގައި ހަރަކާތްތެރިވާ "ޓެރަރިސްޓު ޖަމާއަތްތަކު'ގެ އަދަދާއި، އެ ޖަމާއަތްތަކުގައި ތިބި ބޭރު ގައުމުތަކުގެ ހަނގުރާމަވެރިންގެ ތަފްސީލު ދިނުމަށް ވެސް އެދިފައެވެ. އަދި ސީރިޔާއިން ނަގާ ތެލުގެ ހިއްސާއެއް ހޯދުމަށް ވެސް އެދިފައި ވެއެވެ.
އަލްއަޚްބާރު ނޫހުން އަލީ މަމްލޫކާ ހަވާލާދީ ބުނެފައިވާ ގޮތުގައި ސިޔާސީ ގުޅުން އަލުން ގާއިމުކުރުމުގެ ކުރިން ސީރިޔާ ސަރުކާރުން ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން އެމެރިކާއާއި ވާހަކަ ނުދައްކާނެއެވެ.
ކޯލިޝަންގެ މަސްއޫލުވެރިއަކު ރޮއިޓާސްއާ ވާހަކަދައްކަމުން ބުނީ ނޫހުގައި އައިސްފައިވާ ގިނަ ވާހަކަތަކަކީ ތެދު ވާހަކަތަކެވެ.
2011 ވަނަ އަހަރު ސީރިޔާ ސަރުކާރާ ދެކޮޅަށް ފެށި އިހުތިޖާޖުތަކަށާއި، ފަހުން ސަރުކާރާ ދެކޮޅު ހަތިޔާރު އެޅި ޖަމާއަަތްތަކަށް އެމެެރިކާއިން ތާއީދުކުރަން ފެށިފަހުން އެމެރިކާގެ މަސްއޫލުވެރިން ސީރިޔާއަށް ޒިޔާރަތްކުރި ޚަބަރު ވަރަށް މަދުން ނޫނީ އިވިފައި ނުވެއެވެ.
ފާއިތުވި އަހަރު ރައީސު ޑޮނާލްޑް ޓްރަމްޕް ވަނީ ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް އަސްކަރީ އެހީވުމަށް ސީއައިއޭ އިން ހިންގަމުން އައި ޕްރޮގްރާ ހުއްޓާލުމަށް އަންގަވާފައެވެ. އަދި އެމެރިކާގެ ވަރަށް އިސް މަސްއޫލުވެރިއަކު ޢަލީ މަމްލޫކާ ބައްދަލުކުރައްވާފައިވާ ކަމަށް ސީރިޔާ ސަރުކާރާ ގާތް މަސްދަރަކުން އެއަަހަރު ނޮވެންބަރު މަހު ޔަގީންކޮށްދީފައި ވެއެވެ.
އަދި ސީރިޔާގެ އައު ގާނޫނު އަސާސީއެެއް އެކުލަވާލުމާ ބެހޭގޮތުން އދ. އިން އިންތިޒާމުކޮށްގެން ބާއްވާ ވާހަކަތަކުގައި އެމެރިކާއިން ބައިވެރިވާނެކަން ސްޓޭޓް ޑިޕާޓްމަންޓުގެ މަސްއޫލުވެރިއަކު އިއްޔެ ވަނީ ކަށަވަރުކޮށްދީފައެވެ.