އެމެރިކާ ބޭނުންވަނީ އަރަބި ސިފައިން ސީރިޔާގައި ބައިތިއްބަން

އެމެރިކާ ސިފައިންގެ އުޅަނދުތަކެއް 5 މާރިޗު 2017 ގައި ސީރިޔާގެ މަންބިޖުގެ ރަށްބޭރުން ދަތުރުކޮށްފައި ދަނީ

ސީރިޔާގައި އިސްލާމިކް ސްޓޭޓް ބަލިވުމަށްފަހު، އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ ސީރިޔާގެ އިރުއުތުރުގައި މިހާރު ތިބި އެމެރިކާ ސިފައިން ބާލައި، ބަދަލުގައި އަރަބި ގައުމުތަކުގެ ސިފައިން ބައިތިއްބަން ރައީސު ޓްރަމްޕުގެ ސަރުކާރުން ބޭނުންވަކަމަށް ވޯލް ސްޓްރީޓް ޖާނަލުން ބުނެފިއެވެ.
އެމެރިކާ ސަރުކާރުގެ އިސް މަސްއޫލުވެރިންނާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި އެ ސަރައްދުގައި ތިބި އެމެރިކާ ސިފައިން ފޭބުމުން ސައޫދީ އަރަބިއްޔާއާއި، ޤަޠަރާއި، ޔޫއޭއީއާއި، މިސްރުގެ ސިފައިން އެ ސަރަހައްދުގައި ބައިތިއްބަން އެމެރިކާ ބޭނުންވެއެވެ. އަދި މިކަމުގައި މިސްރުގެ ޚިޔާލު ހުރިގޮތް ބައްލަވަން، އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން މިސްރުގެ ޖާސޫސީ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ޢައްބާސް ކާމިލާ ގުޅުއްވި ކަމަށް ވެސް ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައި ވެއެވެ.
ސީރިޔާއަށް ސިފައިން ފޮނުވުމާއި، އެކަމަށް ހިނގާ ޚަރަދު ދިނުމަށް އެދި އެމެރިކާ ސަރުކާރުން ގަލްފުގެ އަރަބި ގަމުތަކާއި ގުޅާފައިވާ ކަމަށާއި، އެންމެ ކުޑަމިނުން އެގައުމުތަކުން ފައިސާގެ އެހީ ލިބޭނެކަމަށް ރައީސު ޓްރަމްޕް އުއްމީދުކުރައްވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ރައީސު ޓްރަމްޕް ވަނީ ސީރިޔާގައި ތިބި އެމެރިކާ ސިފައިންގެ ޚަރަދުތަކަށް އަރަބި ގައުމުތަކުން އެތައް ބިލިއަން ޑޮލަރެއް ދޭން ޖެހޭނެކަމަށް ވިދާޅުވެފައެވެ.
އެމެރިކާއިން މިގޮތަށް ބޭނުންވާކަން ހާމަވެގެން ގޮސްފައި މިވަނީ ދޫމާއަށް ސީރިޔާ ސަރުކާރުން ދިން ކަމަށް ބުނާ ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާ، ފްރާންސް އަދި އިނގިރޭސިވިލާތުން ސީރިޔާއަށް ދިން މިސައިލް ހަމަލާއަށް ފަހުއެވެ.
މިހަމަލާގެ ދުވަސްކޮޅެއް ކުރިން ރައީސު ޓްރަމްޕް ދައްކަވާފައިވާ ވާހަކަފުޅަކަށްވެސް ވޯލް ސްޓްރީޓް ޖާނަލްގައި އިޝާރާތްކޮށްފައި ވެއެވެ. "އަހަރުމެންގެ ބައިވެރިންގެ އަމިއްލަ ސަރަހައްދު އަމާންތަނަކަށް ހެދުމުގެ މަސްއޫލިއްޔަތު އިތުރަށް އުފުލުމަށް އެމީހުންގެ ކިބައިން އަހަރުމެން ވަނީ އެދިފައި. އޭގެ ތެރޭގައި އިތުރު ފައިސާ ދިނުންވެސް ހިމެނޭ." ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
މަސްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުގައި ސީރިޔާއިން އެމެރިކާ ސިފައިން ވީހާވެސް އަވަހަކަށް ފައިބަން ޓްރަމްޕް ބޭނުންފުޅު ވުމުން އެ ސަރަހައްދު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ސަރަހައްދުގެ ގައުމުތަކާއި ހަވާލުކުރުމުގެ ސްޓްރެޓަޖީއަކަށް ދިއުން ނޫން ގޮތެއް އެމެރިކާ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށް ނެތީއެވެ.
އަސްކަރީ އިސް މަސްއޫލުވެރިއަކާ ހަވާލާދީ ސީއެންއެނުން ބުނި ގޮތުގައި މިވަގުތު އެމެރިކާ ސިފައިން ސީރިޔާއިން ބާލާކަށް ޕެންޓަގަން ބޭނުން ނުވެއެވެ. އެހެންނަމަވެސް ރައީސު ޓްރަމްޕް ހުންނެވީ ހަމަ ސިފައިން ބާލާ ގޮތަށެވެ.
"އަހަރެން ބޭނުމީ ފައިބަން. އަހަރުމެންގެ ސިފައިން ގައުމަށް އަނބުރާ ގެންނަން އަހަރެން ބޭނުންވަނީ." ވައިޓްހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސު ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައި ވެއެވެ. އެމެރިކާ ސިފައިން ސީރިޔާގައި ތިބުމުން ފައިދާ ވަނީ އެހެން ބަޔަކަށް ކަމަށާއި އެއީ ޚަރަދު ބޮޑު ކަމެއްކަން އިތުރަށް ބަޔާންކުރައްވަމުން އޭނާ ވިދާޅުވީ "ސައޫދީން އަހަރުމެންގެ ނިންމުން މުހިއްމުކަމުގައި ދެކޭ. އަހަރެން އެމީހުން ކައިރީގައި ބުނިން އަހަރުމެން (ސީރިޔާގައި) ތިބެން ކަލޭމެން ބޭނުމިއްޔާ ކަލޭމެންނަށް އެކަމުގެ އަގު ދައްކަން ޖެހުން ގާތޭ" އެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.