އީރާނުގައި ނިއުކުލިޔާ އިންޖީނުގެެ ބިނާކުރުމާ ބެހޭ ވާހަތައް ރަޝިޔާއާއެކު އަލުން ފަށައިފި ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ހަކަތައާ ބެހޭ ވަޒީރު ރިޒާ އަރްދަކާނިއަންއާ ހަވާލާދީ ތަސްނީމް ނިއުސް އެޖެންސީން އިއްޔެ ބުނި ގޮތުގައި އީރާނުން ވާހަކަދައްކަމުން ދަނީ 3000 މެގަވޯޓުގެ ނިއުކުލިޔާ އިންޖީނުގެ ހެދުމާ ބެހޭގޮތުންނެވެ.
ތަންސީމް އިން ބުނި ގޮތުގައި އީރާނަށް މިހާރުވެސް 1000 މެގަވޯޓު ކަަރަންޓު ނިއުކުލިޔާ ހަކަތައިން އުފެއްދުމުގެ ގާބިލުކަން ލިބިގެން ވެއެވެ.
އީރާނުގެ ބޫޝެހެރުގައި މިހާރު ހުންނަ 1000 މެގަވޯޓުގެ ނިއުކުލިޔާ އިންޖީނުގެއަކީ ރަޝިޔާއިން ބިނާކުރި އިންޖީނުގެއެކެވެ. އެކަހަލަ އިތުރު 8 އިންޖީނުގެ ހެދުމަށް 2014 ވަނަ އަހަރު އީރާނާއި ރަޝިޔާ އެެއްބަސްވެފައި ވެއެވެ.
ބޫޝެހެރު އިންޖީނުގެއަކީ 1995 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން ބިނާކުރަން ފެށި ތަނެކެވެ. އެހެންނަމަވެސް، މަލީ އަދި ފަންނީ މައްސަލަތަކާހެދި އެ މަޝްރޫއު ވަަަރަށް ބޮޑަށް ލަސްވެެގެން ދިޔައެވެ. އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ފުރިހަމަ ބެލުމުގެ ދަށުން ހިނގާ 1000 މެގަވޯޓުގެ އެ އިންޖީނުގެ އޭގެ ފުރިހަމަ ގާބިލުކަމާއެކު ހިނގަން ފަށާފައި ވަނީ 2012 ވަނަ އަހަރުއެވެ.
ނިއުކުލިޔާ ހަކަތަ އިތުރުކުުރުމަށް ރިޝިޔާއާއެކު އީރާނުން ވާހަކަތައް މިފެށީ އެމެެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާފައި ވަނިކޮށެވެ. އިރާނާއެކު ބައިނަލްއަގްވާމީ ބޮޑެތި ބާރުތަކުން ވެފައިވާ ނިއުކުލިޔާ އެއްބަސްވުމުން އެމެރިކާ ވަނީ ވަކިވެފައެވެ. އީރާނުން ރަޝިޔާއާކު ކުރަމުން އައި ނިއުކުލިޔާ އިންޖީނުގެތައް ބިނާކުރުމުގެ މަސައްކަތް މަޑުޖައްސާލީ އެ އެއްބަސްވުމުގެ ދަށުން ނިއުުކުލިޔާ ހަރަކާތްތައް މަދުކުރަން ނިންމާފައިވާތީއެވެ.
އެެހެންނަމަވެސް، އެމެރިކާ އެ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުމުން އީރާނުން މިހާރު ނިންމާފައިވަނީ ނިއުކުލިޔާ ހަކަތަ އިތުރުުކުރުމުގެ މަސައްކަތް އަލުން ފަށައި ރަޝިޔާއާއެކު އެކަން ކުރިއަށް ގެންދާށެވެ.