ހުޅަނގު އައްސޭރިއާއި ޣައްޒާގައި ދިރިއުޅޭ ފަަަލަސްޠީނު މީހުންނަށް އެމެރިކާން އިން ދޭން ނިންމާފައި އޮތް 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެހީ ނުދޭން ނިންމައިފިކަން ރައީސު ޑޮނާލްޑް ޓްރަމްޕުގެ ސަރުކާރުން ނިންމައިފިއެވެ.
ސްޓޭޓް ޑިޕާޓްމަންޓް (ޚާރިޖީ ވުޒާރާ) ގެ އިސް މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި، ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނު މީހުންނަށް ދޭ އެހީ އަލުން މުރާޖައާ ކުރުމަށް ފަހު "ރައިސު އަންގަވައިގެންނެވެ."
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހުޅަނގު އައްސޭރިއާއީ ޣައްޒާގައި ހިންގޭ ޕްރޮގްރާމްތަކަށް ކަނޑައެޅި 200 މިލިއަނަށްވުރެ ގިނަ ޑޮލަރު ދެން ބޭނުންކުރެވޭނީ "އެހެން ތަންތަނުގައި ހިންގޭ، ބޮޑަށް އިސްކަން ދޭންޖެހޭ މަޝްރޫޢުތަކަށެވެ."
އެމެެރިކާގެ ކޮންގްރެސްގެ ބައެއް މަސްއޫލުވެރިންނާ ހަވާލާދީ އެސޯޝިއޭޓެޑް ޕްރެސްއިން ބުނި ގޮތުގައި، ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ހުކުރު ދުވަހު (އިއްޔެ) މި ނިންމުން ކޮންގްރެސް އަށް އަންގާފައެވެ. އަދި އެ އެންގުމުގައި ސީދާ އަދަދެއް ކަނޑައަޅައި ބުނެފައި ނެތް ނަމަވެސް އެެއީ، ހުޅަނގު އައްސޭރިއާއި ޣައްޒާގައި އިދާރީ ހިންގުމާއި، ސިއްހީ ޚިދުމަތާއި، ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށާއި، މަދަނީ މުޖްތަމައު ހަރުދަނާ ކުރުމަށް ހޭދަކުރުމަށް 2017 ވަނަ އަހަރު އެެމެރިކާއިން ކަނޑައެޅި 251 މިލިއަން ޑޮލަރެވެ.
ފާއިތުވި އަަހަރު ކަނޑައެޅި މި އެެހީ ދޭން ފަށަން ނިންމާފައި އޮތީ އަންނަ ސެޕްޓެންބަރު މަހުން ފެށިގެންނެވެ.
މި އެހީ ކަނޑާލަން ނިންމުމާ ގުޅިގެން ވޮޝިންޓަނުގައި ހުންނަވާ ފަލަސްޠީނުގެ ސަފީރު ޙުސާމް ޒަމްލަޠު ވިދާޅުވީ އެހީ ކަނޑާލުމަކީ "ސިޔާސީ ޖެއްސުމެއް" ކަމުގައެވެ. އަދި އެކަމުން ސާބިތުކޮށްދެނީ އެމެރިކާއަކީ "ސުލްހައިގެ ދުޝްމަނެއް" ކަމުގައެވެ.
"އެމެރިކާއިން އެތައް އަހަރުއްސުރެ ފަލަސްޠީނު މީހުންނާ މެދު ދެކެމެން އައިގޮތާ، ކުރަމުން އައި ކަންތައް މިސަރުކާރުން ބަދަލުކޮށްލައިފިއެވެ. ޤުދްސާއި، އަންރުވާއަށް ފަހު މިފިޔަވަޅު އެޅުމުން ޔަގީންވެގެން ދަނީ އެމެރިކާއިން ދެދައުލަތުގެ ހައްލު ދޫކޮށްލައި ނަތަންޔާހޫ ގެންގުޅޭ ސުލްހައާއި ދުޝްމަން ސިޔާސަތަށް ތާއީދުކުރާ ކަމެވެ." ސަފީރު ޒަމްލަޠު ނެރުއްވި ބަޔާނެއްގައި ވެއެވެ.
ބަޔާން ނިންމަވާލައްވަަމުން ވިދާޅުވެފައި ވަނީ "އިންސާނީ އަދި ތަަރައްޤީގެ އެހީ ސިޔާސީ ޖެއްސުމުގެ ގޮތުގައި ބޭނުންކޮށްގެން ކުރާނެ ފައިދާއެއް ނުއޮންނާނެ" ކަމުގައެވެ.