ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރާނަމަ ދެކޮޅަށް ނިކުންނަން ޖެހޭ: ފައިސަލް

ދިވެހި ރައްޔިތުންގެ ފައިސާ ނުހައްގުން ބޭނުން ކުރާނަމަ އެކަމާ ދެކޮޅަށް ދިވެހި ކޮންމެ ރައްޔިތަކުވެސް ނިކުންނަންޖެހޭ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ އދ. އަށް ކުރައްވަމުން ގެންދަވާ ކެންޕޭން ދަތުރުގައި ފެންފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އޭނާ ވިދާޅުވީ ރިޝްވަތަކީ އާންމުއެއްޗަކަށް ހެދުމަށް ސަރުކާރުން ޖިނާއީ އިޖުރާތުގެ ގާނޫނަށް ބަދަލެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާނަމަ ރައްޔިތުން ނިކުމެ އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭ ކަމަށެވެ.

ފާއިތުވި ހަތަރު އަހަރު ދިވެހިން ގޮވަމުންދިޔައީ އެމްއެމްޕީއާރުސީގެ ފައިސާ ކޮބައިތޯއާއި، އަދި ޓުއަރިޒަމް ކުރި އެރުމަށްޓަކައި އެކަށީގެންވާ މަސައްކަތެއް ސަރުކާރުން ނުކުރާކަމަށާއި، މާލޭގައި މިހާރު އަޅަމުންދާ އައިޖީއެމްއެޗްގެ އިމާރާތަކީވެސް ހަމަ އަގުގައި ބަޔަކު ލައްވާ އެކަން ކުރުވާކަމަށްވާނަ 50 މިލިއަން ޑޮލަރަށްވެސް ނާރާނެ އިމާރާތެއް ކަމަށެވެ.

އެ ކަމާބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އިދިކޮޅުން ދައްކަނީ އަގުހެޔޮކޮށް ކަންކަން ކުރެވެންއޮތް ވާހަކަ ކަމަށެވެ. އަމަލީ ގޮތުން ކަމެއް ނުކުރާ ކަމަށެވެ. އަގުހެޔޮކޮށް ކަންކަން ކުރެވެން އޮތްއިރު ވަގުތު ލިބުނުފަހަރު އެކަން ނުކުރިތާގައި ޚިޔާލަށްވެސް ނައީ ކީއްވެތޯ ރައީސް ވަނީ ސުވާލު ކުރައްވައިފައެވެ.

ފައިސަލ ވިދާޅުވީ އެބޭފުޅުންގެ ސަރުކާރު ވެގެންދާނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރާނެ ސަރުކާރަކަށެވެ. ކައުންސިލްތައް ބާރުވެރި ކުރުވައި، ކައުންސިލްތަކުން ރައްޔިތުންނަށް ޚިދުމަތްދީ، ރަށްތައް ތަރައްގީ ކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ދެއްވާނެ ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ. އަދި ގާނޫނަކީ ކުޅޭކުޅޭ އެއްޗަކަށް ނަހަދާނެ ކަމަށާއި، ގާނޫނާކީ ވަކި މީހަކަށް ޓާގެޓްކޮށްގެން ހަދާއެއްޗެއްގެ ބަދަލުގައި އެންމެނަށް ހަދާއެއްޗަކަށް ބަދަލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.