ރައީސްގެ ތަރައްގީ ފެނިފައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުވަނީ ބަސްހުއްޓިފައި: ޖޭޔޫ

ރަށްރަށަށް ރައީސް ޔާމީން ގެންނަވާ ތަރައްގީ ފެނިފައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް )އެމްޑީޕީގެ( އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވަނީ ބަސްހުއްޓި އަޖައިބު ވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުންގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.

ޖޭޔޫ ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އެމްޑީޕީގެ ދަތުރުތަކުން، ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުތައް ހަމަ ލޮލަށްފެނި، ރައީސް ޔާމީނަށް ރައްޔިތުންކުރާ ތާއީދު ފެނުމުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އެވަނީ ބަސްހުއްޓި، އަޖާއިބުވެ ވަރަށް ބޮޑަށް އިންތިޚާބުން ބަލިވާނެކަން ޔަގީންވެ މާޔޫސް ވެފައި،" ކަމަށެވެ.

ޖަމީލް އުސްމާންވަނީ ވަރަށް ބޮޑަށް އެމްޑީޕީއަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވަނީ އެމްޑީޕީން މިހާރުވެސް ގެންގުޅެނީ ރައްޔިތުންގެ ކުންފުނިތައް ކުރިން "ވިއްކާލި" ސިޔާސަތު ކަމަށެވެ.

އެ ސިޔާސަތުގެ ދަށުން އެފަދަ ކުންފުނިތައް ނައްތާލައި އިނދަ ޖެއްސުމުން އެތައް ބައެއްގެ ވަޒީފާ ގެއްލޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ސިޔާސަތަކީ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ދިވެހިން ނިކަމެތިކޮށް ބިކަކޮށްލުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. "އެއީ ވަކި ބަޔަކަށް ގައުމު ބަރޯސާ ކުރުމަށް ރާވާރޭވުމެއް" ޖަމީލް ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކޮށްދެއްވައިފައިވާ އެންމެބޮޑު އެއްކަމަކީ ނޭޅޭނެ ކަމަށް އެކި މީހުން ބުނަމުންއައި ބުރިޖު ހުޅުލެއާއި މާލެއާ ދެމެދު އެޅުމެވެ. މީގެ އިތުރަށް މާލެއާއި ރާއްޖޭގެ އެތައް ރަށެއްގައި އެމަނިކުފާނު ގެންދަވަނީ ތަރައްގީގެ އެތައް މަޝްރޫއުތަކެއް ހިންގަވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.