އެނބުރޭ ވަހުތާން (13)

(9 އޯގަސްޓް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެ ދުވަހު އަންހެނުންގެ މައްޗަށް ނަޞީރުގެ ހިތުގައި ވަރުގަދަ ނަފްރަތެއް އުފެދިއްޖެއެވެ.

ދުނިޔެ އިން ދުވަހަކާ އެކު ޢުމުރުން ދުވަހެއް ވޭތު ވަމުންދެއެވެ. އޭނާގެ މުޅި ސަމާލުކަން ކިޔެވުމުގެ މައްޗަށް ދޫކޮށްލައިފިއެވެ. އިސްކޫލުން ނިމިގެން މަސައްކަތް ކުރާނޭ ތަނެއްވެސް އޭނާ ހޯދައިފިއެވެ. އޭނާގެ ފުރަތަމަ ވަޒީފާ އަކީ ޕިޔޯނެއްގެ ވަޒީފާއެވެ. ރޭގަނޑު ގޭގޭގައި ބައްވާ ޕާޓީ ތަކުގައި ގިޓާ ޖަހަނީއެވެ. މި ގޮތަށް މަސައްކަތް ކުރަމުން ގޮސް ބީ. އޭ. ފާސް ނަގައިފިއެވެ. ރޫފީއާ ދިމާވީ ގެއެއްގައި އޮތް ޕާޓީ އަކުންނެވެ. ދެ މީހުންގެ ގާތް ކަން އުފެދިގެން ގޮސް ރޫފީ އޭނާގެ މިއުޒިކް ގްރޫޕަށް ނަޞީރު ވައްދައިފިއެވެ. އެ ހިސާބުން ފެށިގެން ވަޒީފާ އަދާ ކުރުން ހުއްޓުނީއެވެ.

އޭނާގެ މައްޗަށް އަންހެން ކުދިން ލެނބޭ ކަން އެނގުނީ ކްލަބަށް ދާން ފެށީމައެވެ. އަންހެން ކުދިން އޭނާ އަށް ހަދިޔާ ގެނެސް ދެއެވެ. އޭނާ ޝުކުރުވެރިކަމާ އެކު އެ ހަދިޔާ ތައް ޤަބޫލު ކުރެއެވެ. ކޮންމެ އަންހެނަކު ވެސް އޭނާއަށް ފެންނަނީ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައެވެ. އެއްކަލަ ޠޫފާން އައި ރޭ މަންމަ ފުށުން އޭނާ އަށް ލިބުނު ފިލާވަޅުން ކުޅޭކުޅޭ އެއްޗެއްސާ މެދު އަމަލު ކުރަން ވީ ގޮތް އޭނާއަށް ވަނީ ދަސްވެފައެވެ.

ކްލަބްގައި މަސައްކަތް ކުރަން ފެށުމާ އެކު އޭނާގެ ޙާލަތު ބަދަލު ވެއްޖެއެވެ. ހިސާބުގަނޑު މީހުންގެ މެދުގައި ބަސް ކިޔައިލެވޭ ފެންވަރުގެ މީހަކަށް ވެއްޖެއެވެ. ދުވަސް ކޮޅަކުން މީހަކު ދުއްވާ ބާ ވެފައި އޮތް ކާރެއް ގެންފިއެވެ. ކާރުގެ ސަބަބުން ލިބުނު ފައިދާތައް ވަރަށް ގިނައެވެ. ކާރު އަމިއްލަ އަށް ރޫޅައި، ރާވާ ހަދަން އެނގޭ ވަރުގެ މެކޭނިކަކަށް ވެއްޖެއެވެ. ކާރަށް ދިމާވާ ހުރިހާ މައްސަލައެއް ރަނގަޅު ކުރަނީ އޭނާ އަމިއްލަ އަށެވެ. ކާރުގެ ސަބަބުން ހިނގާ މީހުންނާއި، ކާރުގައި އުޅޭ މީހުންގެ ތަފާތު ވެސް އޭނާ އަށް އެނގިއްޖެއެވެ.

އެ ދުވަހު ހަވީރު އޭނާ ފޫހި ވެގެން ކާރު ދުއްވާލަން ނުކުތީއެވެ. އެ ހިސާބުގައި ހުންނަ ބޮޑު މިސްކިތު މަގުން ލާފައި ކާރުގައި ދަނިކޮށް ރޫފީ ހިނގާފައި ދާތަން ފެނިއްޖެއެވެ. އޭނާ ރޫފީއާ އަރައި ހަމަކޮށްފައި ކާރު ހުއްޓައިލިއެވެ. "އޭތް- އެދުރުކަލޭފާނު- ކޮން ތަނަކަށް-؟"

ރޫފީ ކާރުގެ ކުރީ ގޮނޑިއާ ދިމާއަށް ގުދުވެފައި ހިނިތުންވެލިއެވެ.

"މަގު އޮޅުނީތަ ކޮއިފުޅާ-؟ މި މަގުން ދިޔައީމާ ދެވޭނީ މިސްކިތަށް ކަން ހަނދާން ނެތުނީތަ-؟" ނަޞީރު ވެސް ހިނިތުންވެލި އެވެ.

"އަހަރެން ދެނަހުރިން- ކޮންމެހެން މާ ބޮޑު އަޅުވެރިއަކަށް ހެދޭނެ ކަމެއް ނެތް-" ރޫފީ ތުން އޫ ކޮށްލިއެވެ. "އަހަރެން ކިޔަވައިދޭން ދާ ގެއެއް މި މަގުގައި ހުންނާނެ- މި ދަނީ އެ ގެއަށް ދާން-"

"އެހެންތަ-؟"

"އާނ- އެގޭ ކުއްޖަކަށް އަހަރެން ޕިޔާނާ ޖަހަން ދަސް ކޮށް ދެން- އެއީ ބައްޕަ ފެށި ކަމެއް- ބައްޕަ ނިޔާވީ އިރުވެސް ނުނިމި އޮތް ކަމަކަށް ވާތީ ފުރިހަމަ ކޮށްލާނީއޭ ހިތަށް އެރީ-"

ނަޞީރު ހިމޭން ވެއްޖެއެވެ. ރޫފީގެ މި މަސައްކަތަކީ މިހައި ތަނަށް އޭނާއަށް ނޭނގި އޮތް މަސައްކަތެކެވެ.

"ކަލޭ ހަވީރު ނަލަ ވެގެން ކޮން ތަނަކަށް ދާ ދުވަހެއް-؟ އެ ގެއަށްތަ-؟" ރޫފީ އެއް ލޯ މަރައިލިއެވެ.

"އަހަރެން ދާ ތަނެއްވެސް ރަމަލު ޖަހައިގެން ހޯދާލާ-"

"އައްދޭ- އަމުދަކުން އަހަންނަށް ނޭނގެނީއެއް ނޫން- އަހަރެންގެ ލޮލާ ކަންފަތާ އަބަދުވެސް ހުންނަނީ ހުޅުވިފައި- ސިއްރުން ކަމެއް ކުރާކަށް ނުކެރޭނެ-" ރޫފީ ނަޞީރުގެ އަތުގައި ޖަހައިލި އެވެ. "ދެން އަވަހަށް ދޭ- މާ ގިނަ އިރު އިންތިޒާރުގައި ބަހައްޓާކަށް ނުވާނެ-"

   

ރޫފީ، ނަވީން ގެއަށް ލާން ދިޔަ ރޭގެ ފަހު ދުވަހު ނަޞީރު ނަވީންއާ ބެހޭ ގޮތުން ވާހަކަ ދެއްކި އެވެ. "ރޭގެ ކަންތައް ކިހިނެއް-؟"

"ހީކުރި ވަރަށް ވުރެ މާ ރަނގަޅު-" ރޫފީ ޖަވާބު ދިނެވެ.

ނަޞީރު ސިހިފައި އޭނާއާ ދިމާއަށް ބަލައިލި އެވެ. "މިހާރު ހިލައިންވެސް ދިޔަ ފެލޭ ދުވަސް އައީތާ-؟"

"އަހަރެމެން ވަރަށް ގިނަ އިރު ވާންދެން ވާހަކަ ދައްކަން ތިބިން-"

"އާނ- ބަދުނާމުގެ ވާހަކަ ފެށެނީ ތިޔަ ގޮތަށް ދެއްކޭ ވާހަކަ ތަކުން-"

"އަދިވެސް އަހަރެން އޭނާޔާ ބައްދަލު ކުރާނަން-"

ޙައިރާން ވީ ވަރުން ނަޞީރުގެ އަނގަ ހުޅުވުނެވެ. ނަވީން އަކީ ރަނގަޅަށް އުޅޭ މީހުންނާ ރުހޭ ކުއްޖެއް ނޫނެވެ. އަނެއް ކޮޅުން ރޫފީ އަކީ ރާ ބުއިމާ، އަދި މި ނޫނަސް މި ބާވަތުގެ ހުރިހައި ކަމަކަށް ނަފްރަތު ކުރާ މީހެކެވެ. ނަޞީރަށް އަގު ވެއްޓުމުގެ އިޙްސާސް ކުރެވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ. "އެކުވެރިޔާ- ބުނަންތަ-؟ އެއީ ރީތި ވިހައެއް- އޭނާގެ ވާހަކަ އަހަރެން ވަރަށް ގިނައިން އަހަން- ކަލެއަށް އަޑު އިވިއްޖެއްޔާ ގައިގައި ހުރި ހުރިހާ އިސްތަށްޓެއް ކޮޅަށް ޖެހޭނެ-"

"އަހަރެން އަޑު އެހިން-" ރޫފީ ފަރުވާ ކުޑަ ކަމާއެކު ބުންޏެވެ. "އޭނާ އަމިއްލަ އަށް އަހަރެންނަށް ކިޔައި ދިނީ-"

ނަޞީރު އޭނާއާ ދިމާއަށް ބަލަން ފަށައިފިއެވެ. އަނގައިން ނުބުނާނަމޭ ހިތަށް އަރާފައިވެސް ނަޞީރަކަށް ނުހުރެވުނެވެ. "އަހަރެން ހިއެއް ނުކުރަން ރޫފީ ތިޔަ ކަހަލަ ކަމެއް ބޮލުގައި އަޅާނެ ކަމަކަށް-"

"އެއީ ރަނގަޅު ކުއްޖެއް- ނަޞީރު-"

"ޔާ ރައްބީ-" ނަޞީރު ޙައިރާންވެ އަންތަރީސް ވެއްޖެއެވެ. އޭނާ އަށް މިހައި ތަނަށް ފެނުނު އެންމެ ހަރުދަނާ މީހާ، މީހަކު ދުނިޔޭގައި ކުރާނެ އެންމެ ބޮޑު މޮޔަ ކަންތައް ކުރަނީއެވެ. އޭނާ އެ ކަމުން ދުރުވޭތޯ ބެލުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. "ރޫފީ- ނަވީންގެ މަތީން ހަނދާން ނައްތައިލާ- އޭނާ އަކީ ކަލެޔާ އެކަށީގެންވާ ކުއްޖެއް ނޫން- ކްލަބަށް ވަރަށް ގިނަ ކުދިން އާދޭ- އެ ތަނުން ރަނގަޅު ކުއްޖަކު ހޮވާ-"

ރޫފީ ޢަޖާއިބު ވެފައި ނަޞީރާ ދިމާއަށް ބަލައިލިއެވެ. "ކަލޭ އަހަރެންގެ ފިކުރު ނުކުރޭ- ނަޞީރު- އަހަރެންނަކީ ކުޑަ ކުއްޖަކީމެއް ނޫން-"

އެ ރޭ ނަޞީރުގެ މޫޑު ވަރަށް ގޯސް ވިއެވެ. އާވާރާ ވެގެން އެތަން މިތާނގައި ތެޅިތެޅިފައި ވެސް ޝަބާނާއާ ދިމާއަށް ދެވޭ ކަމުގައި އޭނާ އަށް އިހްސާސް ކުރެވެން ފަށައިފިއެވެ. އެ ކަން މިހާރު ވަނީ އާދަ އަކަށް ވެފައެވެ. އޭނާ ޝަބާނާއާ ދިމާ އަށް ދަމަނީއެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިޚްތިޔާރު ވެސް ކުޑަ ވަމުން ދާ ކަމުގައި އޭނާ އަށް ހީ ކުރެވެން ފަށައިފިއެވެ. މި ހުރިހާ ކަމެއް މި ދިމާ ވަނީ އިޤްބާލް އަޙްމަދުގެ ސަބަބުންނެވެ... މަހުޖަނު އިޤްބާލް އަޙްމަދުގެ ސަބަބުންނެވެ... ނަޞީރު ކަހަލަ ފަގީރު މީހަކާ ގުޅެން ވެގެން ޝަބާނާ އޭނާޔާ ދުރު ވާން އުޅޭ ނަމަ އެއްވެސް މައްސަލައެއް ނެތެވެ. އިޤްބާލް އަޙްމަދު މިހާރު ވަނީ އޭނާ އަށް ޖެހެވިފައިވާ ގޮމަކަށެވެ.

އަދި އަނެއް ކޮޅުން ރޫފީގެ ފިކުރު ވެސް މާ ބޮޑަށް ކުރެވެނީއެވެ. ނަވީން ކަހަލަ އަންހެން ކުއްޖެއްގެ ފަހަތުން އޭނާ ދުވާ ދުވުން ވަނީ ނަޞީރުގެ ސިކުނޑި ވަރަށް ހާސް ކުރުވާ ކަމަކަށެވެ.

މަންމަގެ ކަންތައްވެސް މިހާރު އޭނާ އަށް ކެތް ކުރެވޭ ވަރަށްވުރެ މައްޗަށް ހިނގައްޖެއެވެ. އޭނާ މިހާރު އެހެން ގެއެއް ހޯދައިގެން ބަދަލު ވެވޭތޯވެސް މަސައްކަތް ކުރަން ފަށައިފިއެވެ.

އޭނާ އިސްޓޭޖު މަތީގައި ހުރެގެން ހޯލްގެ އެ ތަން މި ތަނަށް ކަޅި ހިންގަމުން ދަނީއެވެ. މަޑި ދާ ތާކަށް ކަށި ދާހެން އިޤްބާލް އަޙްމަދު އެއްކަލަ އަންހެން ކުއްޖާ ދާހާ ތަނަކަށް ދާތީ ފެނެއެވެ. އެއީ އެ ކުއްޖަކު އިޤްބާލްގެ ކައިރީގައި ހުރީތީ ޝަބާނާ އަށް ކަމު ނުދިޔަ ކުއްޖާއެވެ. ފަރުޒާނާ މަލިކެވެ. ހުދު ކުލައިގެ ހެދުމެއް އަޅައިގެން އިން އިރު އޭނާ ވަރަށް ރީއްޗެވެ. ނަޞީރުގެ ހިތުގައި ޝަބާނާގެ މައްޗަށް ހަމްދަރުދީ އުފެދުނެވެ. ފައިސާ ދަމަނީ ފައިސާއަށް ކަން އެ މޮޔަގަނޑަކަށް ނޭނގެއެވެ. އެ ދެ މީހުންގެ ގުޅުމަކީ ޔަޤީން ގުޅުމެވެ. ފަރުޒާނާ މަލިކާއި، އިޤްބާލް އަޙްމަދެވެ. އެ ތާނގައި ޝަބާނާ ޖައްބާރަކަށް އެއްވެސް ޖާގައެއް ނެތެވެ.

    އޭނާ އިޤްބާލް އަޙްމަދުގެ ކައިރީގައި އިން ފަރުޒާނާ މަލިކާ ދިމާއަށް ބަލަން ފަށައިފިއެވެ. އޭނާ ޝަބާނާހައި ރީއްޗެއް ނޫނެވެ. އެކަމަކު އޭނާގެ އުޅުމާއި، ނަލަ ހެދެން ބޭނުން ކުރާ ގޮތް ތަކުގެ ސަބަބުން އޭނާގެ ރީތިކަން އެތައް ގުނަ އަކަށް އިތުރު ކޮށްދެއެވެ. އަދި އެހެން ކަމެއް ވެސް އެބަ އޮތެވެ. ފަރުޒާނާ ފެނުމުން ނަޞީރަށް ހީކަރުވާ ކަމުގައި އިހުސާސް ކުރެވެއެވެ. ހީވަނީ ގަނޑުފެންގަނޑެއްގެ މަތީގައި އޮވެވެނީ ހެންނެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.