ތިމަރަފުށީ ރައްޔިތުންނަށް ގޯތި ދޭނަން:އިބޫ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ތ. ތިމަރަފުށީ ރައްޔިތުންނަށް ގޯތި ދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ރޭ ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެރަށުން ގޯތިދެވޭނެ ފަދައެއް ނެތިފައިވަނިކޮށް އެމްޑީޕީގެ ސަރުކާރުން އެރަށުގައި ބިންހިއްކެވި ކަމަށެވެ. އަދި ލޭންޑޫޔޫސް ޕްލޭނެއް ވެސް ހެއްދެވި ކަމަށެވެ. އެކަމަކު އެފަހުން 7 އަހަރު ފާއިތުވެގެންދިޔައިރުވެސް އެ ބިން އެއޮތް ގޮތަށްއޮތީ ކަމަށް ވެސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި މިރަށުގެ ބިން ހެޔޮގޮތުގައި ބޭނުން ކުރުމަށް ރައްޔިތުންނަށް ގޯތިދިނުމާއި އަދިވެސް އެހެނިހެން މަސައްކަތަށް ކުރުމަށް ބިންދޫކުރެވިގެންދާނެ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެރަށަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ މަގުތައް ހަލާކުވެ މަގުތަކުގެ ބޭނުން ނުހިފޭވަރުވެފައި ވުމެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި މިރަށުގެ މަގުތައްވެސް ހެދިގެން ދާނެ،" އިބޫ ވިދާޅުވިއެވެ.

އެއަތޮޅަކީ ފަތުރުވެރި ކަމަށާއި އެކިކަންކަމަށް ރަށްތައް ކުއްޔަށް ދީފައިވާ އަތޮޅެއް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އިންވެސްޓްރުންގެ އިތުބާރު ނެތުމުގެ ސަބަބުން އެރަށްތައް ހެދިފައިނެތް ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އެހެންނަމަވެސް އެބޭފުޅުންގެ ވެރިކަމެއްގައި ގާނޫނުގެ ތެރެއިން އިންވެސްޓަރުންގެ އިތުބާރު ހޯދައިދީ ކުއްޔަށް ދީފައިވާ ރަށްތައް ހެދޭނެގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ލޯކަލްޓޫރިޒަމަކީ ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެހެންކަމުން އެރަށަށް އިތުކޮށްފައިވާ ބިމުން ލޯކަލްޓޫރިޒަމަށް ވެސް ބިން ދޫކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރަށް އަތޮޅުތަކުގެ ފެރީގެ ނިޒާމް ހަރުދަނާކޮށް ފެރީގެ ސްޕީޑު މިހާރަށްވުރެ ބާރުކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.