ރާއްޖެ ދެކެމުން މިދަނީ ބިރުވެރި ނާމާން ދުވަސްތަކެއް: ފައިސަލް

ދިވެހިރާއްޖެ މިހާރުވަނީ ދިވެހިތާރީޚު ނުދެކޭ ބިރުވެރި ނާމާން ދުވަސްވަރަކާ ކުރިމަތިލައިފައި ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީޕާޓީއަށް 10 ވަނައަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމުދުށް އެންމެ ވަރުގަދަ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ 4 ލީޑަރުން މިހާރު ތިއްބެވީ ޖަލުގައި ކަމަށެވެ. އެހެންނަމަވެސް ޕާޓީގެ ކުލަތަކާއި ޕާޓީގެ ފިކުރު ދޫކޮށްލައްވައި އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ގައުމާއި ރައްޔިތުންގެ މަސައްކަތެއްގެ ގޮތުގައި ވަރުގަދަ އަޒުމެއްގައި ކަމަށެވެ.

މިހާރު ގައުމާއި ރައްޔިތުންނަށް ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ކަންކަމުން މިންޖުވާންއޮތީ އެކީގައި ގުޅިގެން ކުރެވުނު މަސައްކަތަކުން ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންތިބީ އެމީހުން ބޭނުންވާ ނަތީޖާ ނެރުމަށް 23 ސެޕްޓެމްބަރުގެ އިންތިޒާރުގައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކޯލިޝަން ސަރުކާރުގައި ދިވެހިން ނާއުންމީދުވާ އަދި މާޔޫސްވާ ފަދަ ކަމެއް ދުވަހަކުވެސް ނުކުރައްވާނެ ކަމަށެވެ. އެހެން ކަމުން 23 ސެޕްޓެމްބަރުގައި ނުކުމެ ރާއްޖޭގައި މިހާރުއޮތް "އަނިޔާވެރިކަން" ނިންމައިލަން ޖެހޭކަމަށެވެ. "އިރާދަ ކުރެއްވިއްޔާ 17 ނޮވެމްބަރު ވެގެންދާނީ މުޅި ދިވެހިގައުމަށް އުޖާލާ، އުފާވެރި ދުވަހެއްގެ ގޮތުގައި. ހައްގު ނޫން ގޮތުގައި އަދަބު ލިބެމުންދާ ޖަލުގޮޅީގެ ހިތާމަ ތަހައްމަލް ކުރަމުންދާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އާއިލާއާއެކު އަލުން އުފާވެރި ވަގުތުތައް ގުނަން ފަށްޓަވަން ލިބޭ ފުރުސަތަކަށް،" ކަމަށެވެ.

ފައިސަލް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި އެބޭފުޅުން ފިނިކޮޓަރިއެއްގައި ނުތިއްބަވާނެ ކަމަށެވެ. ކޯލިޝަން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާ ކައިރިން ކަމަށްވެސް ވިދާޅުވިއެވެ. އަދި ސައިޒަކަށް ނުބަލައި ހުރިހާ ރަށަކަށް ތަރައްގީ ހޯދައިދޭނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އެބޭފުޅުންގެ ވެރިކަމެއްގައި އަދުލު އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށެވެ. އެބޭފުޅުން ފަނޑިޔާރުގެއަށް "އަތް ނުބާނާނެ" ކަމަށާއި މިނިވަން މުއައްސަސާތަކަށް ފުރިހަމަ މިނިވަންކަމުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.