އިބޫއާއި ފައިސަލް ކެމްޕޭން ދަތުރުތައް ނިންމާލަން ވެސް ދެކުނަށް

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ރިޔާސީ ޓިކެޓް ކަށަވަރު ވުމަށްފަހު ކެމްޕޭނަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީއަށެވެ. އެއީ މިއަހަރުގެ ޖުލައިމަހުގެ 13 ވަނަ ދުވަހުއެވެ. ފައިސަލް އައްޑުއަށް ވަޑައިގެން އިބޫއާ ބައްދަލުކުރެއްވީ އިބޫ އައްޑޫގައި އުޅުއްވަނިކޮށްނެއެވެ.

މިއަދަކީ ސެޕްޓެމްބަރު 19 ވަނަ ދުވަހެވެ. އެދެބޭފުޅުންގެ ކެމްޕޭން ދަތުރުތަކުގެ އެންފަހު މަންޒިލަކަށް ވެސް މި ހެއްދެވީ އައްޑުއާއި ފުވައްމުލަކެވެ. އެ ދެބޭފުޅުން ފުވައްމުލަކު ސިޓީއަށް ފަރާވަޑައިގަންނަވަން އޮތް އައިލެންޑްއޭވިއޭޝަންގެ މަތިންދާބޯޓު ޑިލޭތަކަށްފަހު މިހާރުވަނީ ހުޅުލެއިން ފުރައިފައެވެ.

އެދެބޭފުޅުން ފުރަތަމަ ވަޑައިގަންނަވާނީ ފައިސަލް އުފަން ރަށް ކަމަށްވާ ފުވައްމުލަކަށެވެ. އެރަށަށް ވަޑައިގެން އެދެބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއް މިރޭ ބާއްވާނެއެވެ. ފުލައިޓް ޑިލޭވުމުގެ ސަބަބުން މިރޭގެ ޖަލްސާ ތަންކޮޅެއް ފަސްވުމަކީ ވެސް ދުރުގައިއޮތްކަމެއް ނޫނެވެ.

މިދަތުރުފުޅުގައި އެބޭފުޅުންނަށް ތާއިދުކުރާ މީހުންނާ ވޯޓުގެ ކުރިން އެންމެފަހު ފަހަރަށް ބައްދަލު ކުރާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. ފައިސަލް ފުވައްމުލަކަށް ކުރިން ވެސް ވަޑައިގެންނެވިއެވެ. އެރަށުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިފަހަރު މިދެބޭފުޅުން ވެސް އެއަށްވުރެ ހޫނު މަރުހަބާއަކާއި ތާއީދަކަށް އިންތިޒާރު ކުރައްވައެވެ.

މިދެބޭފުޅުން މިހާތަނަށް ވަނީ ރާއްޖޭގެ 187 ރަށް ވަޑައިގެންފައެވެ. މިދެބޭފުޅުން އައްޑުއަށް ވަޑައިގަންނަވާނީ މަދަމާއެވެ. އައްޑުއަށް ވަޑައިގެން އެއަތޮޅުގައި ވެސް ކެމްޕޭންގެ ވަދާއީ ޖަލްސާ ނުވަތަ ފަހު ޖަލްސާ ބާއްވާނެ އެވެ. އެޖަލްސާ އޮންނާނީ ހިތަދޫގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިވަގުތަކީ ކެމްޕޭން ނިންމާލަން ހިފައިފައިވާ ވަގުތެވެ. އެހެންކަމުން ސަރުކާރު ހިންގާ ޕީޕީއެމާއި އިދިކޮޅު އިއްތިހާދުން ވެސް ވަނީ ކެމްޕޭން މެކުހަށް ޖަހައިފައެވެ. އިންތިޚާބު ކާމިޔާބު ކުރެއްވުމަށްޓަކައި ރައްޔިތުންގެ ތާއިދު ހޯއްދެވުމުގެ ގޮތުން ރައްޔިތުންނަށް އެތައް ކަމެއްކޮށްދެއްވާނެ ކަމަށް އިބޫ އާއި ރައީސް ޔާމީން ގެންދަވަނީ ވައުދުވެ ވަޑައިގަންނަވަމުންނެވެ. ގޮތްނިންމާނީ ރައްޔިތުންނެވެ. އެއީ އަންނަ އާދީއްތަ ދުވަހެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.