އައްޑުއާއި ކުޅުދުއްފުށި އިގްތިސާދީ ދެ ނާރެސްގެ ގޮތުގައި ތަރައްގީ ކުރާނަން: އުމަރު

ވެރިކަން ލިބިވަޑައިގެންފި ކަމަށްވާނަމަ އައްޑޫ ސިޓީއާއި ހދ. ކުޅުދުއްފުށި އިގްތިސާދީ ދެ ނާރެސްގެ ގޮތުގައި ތަރައްގީ ކުރައްވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފައިވާ އުމަރު ނަސީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެތަންތަން އިގްތިސާދީ މައި ދެނާރެހަށް ހައްދަވާނީ އެތަންތަނުން ލިބެންހުންނަ ވަސީލަތްތައް ނުވަތަ ރިސޯސް ބޭނުން ކުރައްވައިގެން ކަމަށެވެ. އެކަންކަމުގެ ތަފްސީލް މެނިފެސްޓީގެ އެކިބައިތަކުގައި ހިމަނުއްވައިގެން ރައްޔިތުންނަށް ފޯރު ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މެނިފެސްޓޯ ނެރުއްވާނީ އިންތިޚާބަށް މަހެއްހާ ދުވަސް ގާތްވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އައްޑުއަށް ބަލާއިރު އައްޑޫ އޮންނަ ސަރަހައްދާއި ވަށައިގެންވާ ކަނޑާއި އެސަރަހައްދުން ތަދުކުރާ އުޅަނދު ފަހަރުތަކަށް ބަލައިގެން ކަންތައްތަކެއް އައްޑޫގައި ފެށިދާނެ ކަމަށެވެ.

"އަހަރެންގެ ވެރިކަމެއްގައި އައްޑުއަތޮޅާއި ކުޅުދުއްފުށްޓަށް ވަރަށް ޚާއްސަ ސަމާލުކަމެއްދެވޭނެ. ދެވޭ ސަމާލުކަމާބެހޭ ލިސްޓެއް އާންކުރާނަން މެނިސްފެސްޓޯގެ ބައިތަކާއެކު. އަހަރެންގެ ޚާއްސަ ވިޝަނެއް އެބައޮތް ދެކުނުން އައްޑުއަށާއި އުތުރުން ކުޅުއްފުށްޓަށް،" އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތަނެއް ތަރައްހީ ކުރެވޭނީ އެތަނެއްގައި ހުންނަ ރިސޯސް ދެނެގަނެގެން އެދިމައަށް އިގްތިސާދު "ދުއްވުން" ކަމަށެވެ.

އޭނާ ވިދާޅުވީ އެތަންތަން އިގްތިސާދީ ޒީންތަކުގެ ގޮތުގައި ތަރައްގީ ކުރާއިރު ތައުލީމަށްވެސް ވަރަށްބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. ބޭނުމަކީ އެތަންތަނުގެ އިސް މަގާމްތަކަށް އެ ސަރަހައްދުގެ ބޭފުޅުން އިސްކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.