ސިޔާސީ ގޮތުން އެމީހަކު ގެންގުޅޭ ފިކުރަކާއެކު މިހާރުވެސް ނުކުންނެވުމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލީހު (އިބޫ) ގޮވައިލައްވައިފިއެވެ.
ބ. ގޮއިދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި މިއަދު އެމަނިކުފާނު ދެއްކެވި ވާހަކަފުޚުގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ ސިޔާސީ މަސައްކަތަކީ އުނދަގޫ އަދި ބުރަ މަސައްކަތެއް ކަމަށެވެ. އެ މަސައްކަތުގައި ތަފާތު ފިކުރުގެ މީހުން ހިމެނޭ ކަމަށާއި އެހެންނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އެފަދަ މީހުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
"މިމަސައްކަތަކީ އުނދަގޫތަކެއް ކުރިމަތިކުރުވާ މަސައްކަތެއް. ޚާއްސަކޮށް މިމަސައްކަތުގައި ބައިވެރިވާ ސަރުކާރުގެ ސިވިލްސާވަންޓުންނާއި ކުންފުނިތަކުގެ މަސައްކަތްކުރާ މުވައްޒަފުންނަށް ދަތި އުނދަގޫތައް އެބަކުރިމަތި ކުރުވާ. އަޅުގަނޑުމެންގެ ވެރިކަމެއްގައި އިރާދަކުރެއްވިއްޔާ ސިޔާސީ ވަކި ނުފޫޒަކަށް ތަބާވާ ވަކިޕާޓީއަކަށް ނިސްބަތްވާ ނުވަތަ ވަކިކުލައެއް ރީތިވާ މީހަކަށް ތަފާތު ކުރުމެއްނެތި އެފުރުސަތު އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް ހުޅުވައިލާނަން،" އިބޫ ވުދާޅވިއެވެ.
އެފަދަ ބޭފުޅުން އެބޭފުޅެއްގެ ފިކުރާ އެއްގޮތަށް މިހާރުވެސް ނުކުންނަންވީ ކަމަށާއި އެގޮތަށް ތިއްބެވި ސަރުކާރުގެ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ވެސް ނުކުންނަވީ ކަމަށް އިބޫ ވިދާޅުވިއެވެ.
އެގޮތަށް ނުކުންނަވައިގެން އެމީހަކަށް ލިބިގެންދާނެ ގެއްލުމުގެ ބަދަލު އެބޭފުޅުންގެ ވެރިކަމެއްގައި ދެއްވާނެ ކަމަށާއި އެއީ ވަޒީފާ ގެއްލުނު ކަމަށް ވިޔަސް އޭގެ ބަދަލު ދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.