އަޅުގަނޑަށް ވެސް ކަފާލާތުގެ ފުރުސަތު ލިބެންޖެހޭ: ރައީސް ޔާމީން

ރައީސް ޢަބްދުﷲ ޔާމީންގެ މެސެޖެއް ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ޓުވީޓަރ މެދުވެރިކޮށް ސަރުކާރަށް މެސެއްޖެއް ރައްދުކުރައްވައިފިއެވެ.

ރައީސް ޔާމީން ވިދާޅުވި ކަމަށް އެމެސެޖުގައި ޑރ. ޖަމީލް ވިދާޅުވެފައިވަނީ "ތަފާތުކުރުމެއް ނެތި އެ މަނިކުފާނަށްވެސް ބެއިލްގެ ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަ. ދޮޅުމަސް ވީއިރު ކޯޓުން ބެއިލްއާ މެދު ގޮތެއް ނުނިންމުމަކީ ކޮންކަހަލަ ހަމައެއްތޯ؟ ގާނޫނީ ހައްގު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފް ލިބުމަކީ ޖުޑީޝަރީ އިސްލާހުވުން،" ކަމަށެވެ.

ރައީސް ޔާމީން މިހާރު ގެންދަވަނީ މާފުށީ ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ މަނީލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެ ކުރިމިނަލް ކޯޓުން ކުރައްވާފައިވާ ހުކުމެކެވެ.

ފަސް އަހަރަށް ޖަލަށް ލެއްވުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާ ވެސް ކުރައްވައިފައެވެ. އެމަނިކުފާނުގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ 2019 ވަނަ އަހަރު ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އެ ހުކުމް އިއްވީ ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލެއްވުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވަނީ ހުސްވި ޑިސެމްބަރު މަސްތެރޭގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.