އައްޑޫސިޓީގެ ހުރިހާ އަވަށެއް ހިމެނޭ ގޮތަށް މަދުވެގެން 64 ބިމެއް ކުއްޔަށް ދޫކުރަން ނިންމަވާފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް އެކަމާބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ އެ ބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އަންނަ އާދީއްތަދުވަހުން ހުޅުވައިލައްވާނެ ކަމަށެވެ. މިއީ އައްޑޫސިޓީގެ އަވަށްތަކުގެ ބިންތައް ހެޔޮގޮތުގައި ބޭނުންކުރެވޭނެ ޕްލޭނެއް އެކުލަވާލައި އެޕްލޭނުގެ ދަށުން ދޫކުރައްވާ ބިންތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ވިޔަފާރި ކުރަމުން ގެންދާ މީހުންނާއި އަލަށް ވިޔަފާރި ފެށުމަށް ބޭނުންވާ އައްޑޫ ރައްޔިތުންނަށް ފުރުސަތު ދިނުމަށްޓަކައި ދޫކުރައްވާ ބުންތަކެއް ކަމަށެވެ.
"މިކަމަށްޓަކައި އައްޑޫގެ ހުރިހާ އަވަށަކުންވަނީ ބިންތަކެއް ކަނޑައަޅައިފައި. އެބިންތައް ކުއްޔަށް ދޫކުރުމުގެ ފުރުސަތު މިއަންނަ އާދީއްތަ ދުވަހުން ފެށިގެން ހުޅުވައިލެވޭނެ،" މިނިސްޓަރ ވިދާޅުވިއެވެ. ބިންތައް ކުއްޔަށް ދެވޭނީ ބިމާބެހޭ ގާނޫނުގެ ދަށުން ބިން ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އައްޑޫ ސީޓީން ދޫކުރުމަށް ހަމަޖެހިފައިވާ 64 ބިމުގެ ތެރެއިން ފޭދޫގައި ހިއްކާފައިވާ ސަރަހައްދުން އެކަނިވެސް 25 ބިން ކުއްޔަށް ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން އަވަށްތަކުންވެސް ކަނޑައެޅިފައިވާ އަދަދަކަށް ބިންދޫކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިއީ ރައީސް ޔާމީން ވަރަށް އިސްކަން ދެއްވައިގެން އިގްތިސާދީ ނަފާ ރައްޔިތުންނަށް ހޯއްދަވައި ދެއްވުމުގެ ފުރުސަތު އައްޑޫސިޓީ ރައްޔިތުންނަށް ދެއްވުމަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބިންދޫކުރާ އަގަށް ބަލާއިރު ބަނދަރު ސަރަހައްދުން ބިންކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އެންމެ ކުޑައަގަކީ އަކަފޫޓެއް ތިން ރުފިޔާ އަށް ކަމަށެވެ. ލިންކު ރޯޑުން ނުވަތަ ޕްރައިމަރީ މަގުތަކުން އަކަފޫޓެއް ކުއްޔަށް ދޭނީ 2.6 ރުފިޔާއަށެވެ. އީސީސީ ހޮސްޕިޓަލް ސަރަހައްދުން އަކަފޫޓެއް ދޭނީ 2.2 ރުފިޔާ އަށެވެ. އެހެންނިހެން ސަރަހައްދުތަކުން އަކަފޫޓެއް ދިނުމަށް ހަމަޖެހިފައިވަނީ 1.8 ރުފިޔާއަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.