ހިތަދޫގައި މިރޭ ހިންގި މާރާމާރީއެއްގައި ދެމީހަކު ޒަޚަމް ވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިންގި މާރާމާރީއެއްގައި ތޫނުއެއްޗަކުން ދެމީހަކަށް ހަމަލާދީ ޒަޚަމް ކޮށްފިއެވެ.

މިހަމަލާގައި ޒަޚަމްވެފައިވާ އެކަކީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެކެވެ. އޭނާއަށް ހަމަލާދީފައިވަނީ ކޯރާޑީއަކުން ކަމަށް އެކުއްޖާގެ ބޭބެއަކުވަނީ ބުނެފައެވެ. އޭނާގެ ބޮލުން ދެތަން ފަޅައިގެން ގޮސްފައިވާ ކަމަށާއި އެތަން ފެހުމުގެ މަސައްކަތް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުން ކުރަމުންދާ ކަމަށްވެސް އޭނާ ބުންނެވެ. ފަޅައިގެންގެން ގޮސްފައިވާ ތަނުގައި ފަސް ވަރަކަށް އިންޗި ހުނާނެ ކަމަށް އޭނާ ބުންޏެވެ. އެ ހަމަލާގެ އިތުރަށް ދަނގަޑުބުރިއަކުން އޭނާގެ ގައިގައި ތަޅާފައިވާ ކަމަށްވެސް އެކުޖާގެ ބޭބެ ބުންޏެވެ.

"މިއީ އިއްޔެ ހަވީރު ހިނގި ކަމަކާ ގުޅިގެން ފެށިގެން އުޅޭ ކަމެއް. އޭނާ މައިލޯ ޖަގަހައިގައި އިންދައި ބަޔަކު އައިސް ހަމަލާ ދިނީ. މިއީ ޒުވާނުން ތަކެއްގެ މެދުގައި ހިނގި ކަމެއްކަމެއް،" އެކުއްޖާގެ ބޭބެ ބުންޏެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވީ ސީނިއާ ކޮމިޔުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ މިރޭ ދެ ކުއްޖަކު ހޮސްޕިޓަލަށް ގެނައި ކަމަށެވެ. ދެމީހުންގެ ވެސް ބޯ ވަނީ ފަޅައިގެން ގޮސްފައި ކަމަށް ވިދާޅުވިއެވެ. އެކަމަކު އެހާ ސީރިއަސްއެއް ނޫން ކަމަށާއި ފަޅައިގެންގޮސްފައިވާ ތަނުގައި ގާތްގަނޑަކަށް ފަސް އިންޗި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ދެމީހުންގެވެސް ބޯ ފަހަންޖެހޭނީ. ހީވަނީ ފާހަލައިފައި މިރޭ ގެއަށް ދޫކޮށްލާނެހެން،" ނަޖީބު ވިދާޅުވިއެވެ.

މިރޭގެ މާރާމާރީގެ އިތުރަށް ހިތަދޫ ބޮޑު މަގުން ދުއްވާފައި ދިޔަ ސައިކަލެއް ހުއްޓުވައި އޭގައި ވަނީ ރޯކޮށްފައެވެ.
މިރޭ ހިގައިދިޔަ ކަންކަމާ ގުޅިގެން ބަޔަކު މީހުންވަނީ ބަންދު ކޮށްފައެވެ. އެހެންނަމަވެސް ބަންދުކުރީ ކިތައް މީހުން ކަމެއް ކަށަވަރެއް ނުވެއެވެ. ފުލުހުންގެ ފަރާތުން މިކަމާބެހޭ މައުލޫމާތެއް ނުލިބުނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.